މާލެ ކައިރީގައި ފްލޯޓިންގ ސިޓީ އެއް ތަރަައްގީ ކުރުމަށް ހޮލެންޑުގެ ޑޮކްލޭންޑް އިންޓަނޭޝަނަލް އާއި ހަވާލު ކޮށްފައިވާ މަޝްރޫއު ހުއްޓުވަން މަސައްކަތް ކޮށްފައި ނުވާނެ ކަމުގައި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި މިއަދު ހިނގި ބަހުސެއްގެ ތެރޭގައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތަކަށް ރައްދު ދެއްވަމުން ޝައުނާ ވިދާޅުވީ ފްލޯޓިންގ ސިޓީ ޕްރޮޖެކްޓް ހުއްޓުވުމަށް މަސައްކަތް އެކަމަނާ ކުރައްވާފައިނުވާ ކަމުގައެވެ.
މިއަދު ހިނގި ބަހުސްގެ ތެރޭގައި ފްލޯޓިން ސިޓީ ޕްރޮޖެކްޓް ހުއްޓުވާފައިވާ ކަމށް ވިދާޅުވެ އެމްޑީޕީގެ ރައީސް ނަޝީދު ވަނީ ސަރުކާރަށް ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި އެ ޕްރޮޖެކްޓް ހިންގިޔަ ނުދިނުމަށް ހުރަސް އަޅަނީ އެޕްރޮޖެކްޓަކީ ރައީސް ނަޝީދުގެ ނަން ހިމެނޭ ޕްރޮޖެކްޓަކަށް ވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ ވާހަކައިގެ ތެރެއިން އެކަން ހުއްޓުވުމަށް އިކޮނޮމިކް ކައުންސިލްގައި ޝައުބާ ވެސް ވޯޓް ދެއްވި ކަމަށް ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ތުހުމަތު ކުރެއްވިއެވެ. އަދި އެ ކައުންސިލްގެ ޖަލްސާގެ ޔައުމިއްޔާ ހޯއްދަވަން ގަސްތުކުރައްވާ ކަމަށާއި، އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ގޮތުގައި ޝައުނާ ވޯޓް ދެއްވީ އެކަން ހުއްޓުވަން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ އެތުހުމަތު ރައްދު ކޮށްދެއްވަމުން ޝައުނާ ވިދާޅުވީ، އިކޮނޮމިކް ކައުންސިލްގެ ޖަލްސާގެ ޔައުމިއްޔާ ހޯއްދެވުމަކީ އޭނާ މަރުހަބާ ވިދާޅުވާ ކަމެއްކަމަށެވެ. އަދި އެ ކައުންސިލްގައި މި މައްސަލައިގައި މަޝްވަރާ ކުރެވުނުއިރު ޝައުނާގެ ވެސް ހިޔާލު ދެއްވާފައިވާނެ ކަމަށާއި އެކަން ހުއްޓުވަން ވޯޓު ދެއްވާފައި ނުވާނެ ކަމަށެވެ. އަދި އޭނާ އެ ހިޔާލު ދެއްވީ އެއްވެސް ހާލެއްގައި ސިޔާސީ ނަޒަރަކުން ނޫނީ ސިޔާސީ ވިސްނުމެއްގައި ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އެނގިވަޑައިގެންފައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއް ކަމަށް ވިދާޅުވަމުން ޝައުނާ ވިދާޅުވީ ކަންކަމުގައި ހިޔާލު ތަފާތު ވުމަކީ އޮންނަ ކަމެއް ކަމަށާއިު ނަމަވެސް ތެދު މައުލޫމާތުގައި ހިފުމަކީ ވެސް މުހިއްމު ކަމެއް ކަމުގައެވެ.
ޝައުނާގެ އެވާހަކަތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހް ރުއްސުމަށް ކަންކަން ކުރުމާކީ ޝައުނާގެ އުފަލެއްކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ޕްރޮޖެކްޓްތައް ހުއްޓޭ ސަބަބު އާންމު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.

