މާލީ ކަންކަމަކީ މާލީ ވަޒީރު އިބްރާހިމް އަމީރު އާއި ހަވާލްފެވައި ނުވާ ކަންކަން ކަމުގައި ނުބުނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އަރިހުން ލިޔުމުން ޖަވާބު ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފޮނުއްވި ސުވާލުގެ ޖަވާބުގައި އަމީރު ދެއްވި ޖަވާބުގައި އުނިކަމެއް ވާ ކަމަށާއި އެ ސިޓީ އަލުން އިސްލާހުކުރުމަށް ފަހު އަލުން މަޖިލީހަށް ފޮނުވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.
އިވާ ކުރެއްވޮ ސުވާލުގައި ބުނެފައި ވަނީ މި ޖޫންމަސް ފެށުނު އިރު ދިވެހިރާއްޖޭގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު ކަމަށާއި މި ހިނގާ ޖޫން މަހާއި ޖުލައި މަހު 130 މިލިއަނަށް ވުރެ ގިނަ އަދަދުގެ ޑޮލަރު، ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރަން ޖެހޭނެކަމަށެވެ. އެހެން ކަމުން އެ 100 މިލިއަން ޑޮލަރުގެ އިތުރުން ދެމަހުގެ ބަޖެޓް ކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއްކަމަށާއި މާލީ ކަންކަން އެ ގޮތުގައި ހުރިއިރު ޖުލައި މަސް ނިމޭއިރު ސަރުކާރަށް ބޭނުން ކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑާއި ތެލާއި އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭތޯ ފިނޭންސް މިނިސްޓަރާއި އީވާ ކުރެއްވި ސުވާލުގައި ވެއެވެ.
އެ ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ ދިވެހި ރާއްޖޭގެ ބޭރުފައިސާގެ ރިޒާވް މެނޭޖްކުރުން ގާނޫނީ ގޮތުން ހަވާލު ކުރެވިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށާއި ރިޒާވް ގެ ތަފާސް ހިސާބުތައް ބަލަހައްޓަައި އަންދާޒާތައް ތައްޔާރު ކުރުމަކީވެސް އެމްއެމްއޭގެ ޒިންމާއެއް ކަމުގައެވެ. ބޭރުފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުން ކުރެވޭ ފައިސާ ނުވަތަ ޔޫސެބަލް ރިޒާވް އަކީ މިވަގުތު އެމްއެމްއޭ އިން ޝާއިއު ކުރާ ނަމްބަރެއް ނޫން ކަމުގައިވެސް އަމީރު ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް ލިބެން ހުރި މައުލޫމާތު ތައް ބަލައި ފިނޭންސް މިނިސްޓްރީ އަށް އަންދާޒާ ކުރެވޭގޮތުގައި 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި ތެލާއި ބޭހުގެ އިމްޕޯޓްގެ ގާތްގަނޑަކަށް ފަސްމަސްދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒާވް ހުންނާނެ ކަމަށާއި އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުން ވާ ނަމަ އެމްއެމްއޭ އިން އެ މައުލޫމާތު ހޯދުމަށް އަމީރުގެ ސިޓީގައި އެދިފައިވެއެވެ.
މީގެ އިތުރުން ރިޒާވް މެނޭޖްކުރުމުގައި އެމްއެމްއޭ އަށް އެއްބާރުލުން އަބަދުވެސް ދެމުން ގެންދާ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ.
އަމީރުގެ ސިޓީގެ ޖަވާބާއި ގުޅުވައި ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ސަރުކާރުން އުފައްދަން ބޭނުންވާ އެންމެހައި ވުޒާރާ ތަކާއި އެވުޒާރާގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށާއި ސަރުކާރުން އުފައްދާ ވުޒާރާތަކާއި ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ރައީސް މަޖިލީހަށް ހުށައަޅުއްވާނެ ކަމުގައެވެ.
އެންމެ ފަހުން 116 ވަނަ މާއްދާގެ ދަށުން ރައީސް ހުށައަޅުއްވާފައިވަނީ 2019 ފެބްރުއަރީ 22 ގައި ފާސްކޮށްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ މަސައްކަތް ތަކުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތާއި ބެހޭ ކަންކަމާއި، ދައުލަތުގެ ބަޖެޓާއި ބެހޭ ކަންކަމާއި ދައުލަތުގެ އާމްދަނީ އާއި ހަރަދާއި ބެހޭ ކަންކަމާއި ބޭރުގެ އެހީ އާއި ލޯނު ހޯދުމާއި ގުޅޭ ކަންކަންފަދަ ކަންކަމަކީ ފިނޭންސް މިނިސްޓްރީ އާއި ހަވާލްކޮށްފައިވާ ކަންތައްތައް ކަމުގައެވެ. ވުމާއެކު އީވާ އަމީރާއި ކުރެއްވި ސުވާލު އެ ކަންކަމަށް ނިސްބަތްވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ކަމުން ގާނޫނޫ އަސާސީގެ 134 ވަނަ މާއްދާގައި ފިނޭންސް މިނިސްޓަރަށް މަޖުބޫރު ވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބު ދާރީ ވުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

