މިވަގުތަކީ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ޖުމްހޫރީ ޕާޓީއިން ބުނެފިއެވެ.
އެޕާޓީ އިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް އުދަ އަރައި ލިބެމުންދާ ބޮޑެތި ގެއްލުންތަކާއި ގޯތިގެދޮރާއި ދަނޑުބިންތަކަށާއި އާއްމުންގެ މުދަލަށް ލިބެމުންދާ ގެއްލުންތކަާއި އުދައެރި ވަގުތު އދ ފެންފުށިން ޒުވާނަކު ނިޔާވެ ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައްޔިތުން ތަހައްމަލް ކުރަމުންދާ ހިތްދަތިކަމުގައި އެޕާޓީއިން ބައިވެރިވެ އެންމެހައި ދިވެހ ރައްޔިތުންނަށް ރައްކާތެރިކަން ދެއްވުމަށް އެދޭ ކަމަށެވެ. އަދި އެ ކާރިސާ އާއި ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކުގެ ހާލުބަލައި ކަމާބެހޭ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހިތްވަރުދޭ ކަމުގައެވެ.
މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރު ކަމުން ޗުއްޡޓީގައި އެކި ދިމަދިމާލަށް ފުރައިގެން ދާން ގިނަބަޔަކު ބޭނުންވާ ދުވަސްވަރަކަށް ވުމުން ދަތުރުވެރިންނާއި އުޅަނދުތަކުން މޫސުމަށް ސަމާލުކަން ދީ މޫސުމާއި ބެހޭ ގައުމީ އިދާރާގެ އެންގެވުން ތަކަށް ބޯލަނބައި އެ އިދާރާގެ އިލްތިމާސްގެ ދަށުން ދަތުރުތައް އިންތިޒާމް ކުރުމުގެ މުހިއްމު ކަން ވަނީ ފާހަގަކޮށްފައެވެ.
އުދަ އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންވަނީ ހަރަކާތްތެރިވާން ފަށާފައިއެވެ. އެގޮތުން ސ މަރަދޫއާއި ހިތަދޫއަށް ޓީމްތައް ފޮނުވައިގެން ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތްވަނީ ފަށައި، އައްޑޫ ސިޓީގެ ގެތަކަށާއި، އައްޑޫ ސިޓީއަށްވެސް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތްތައް ފަށާފައިވާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ގދ. ކާނޑެއްދޫ ޕޯސްޓްގެ ސިފައިން ދަނީ އުދައިގެ ސަބަބުން ގދ. އަތޮޅުގެ ރަށްތަކަށް ލިބުނު ގެއްލުންތައް ބަލަމުންދާކަމަށާއި، ގދ. މަޑަވެލީގައި ކާނޑެއްދޫ ޕޯސްޓްގެ ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

