ދުނިޔޭގެ މާކެޓުގައި ކާޑުގެ ބާވަތްތައް ލިބުމުގައި، ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަގުސަދުގައި، ރަޝިޔާ އަދި ޔޫކްރެއިން ދެމެދުގައި، ހަނގުރާމައިގެ ސަބަބުން އެކަމަށް ކުރަމުންދާ އަސަރުތައް ކުޑަ ކުރުމަށް އެއްބަސްވުމެއް ގާއިމުކުރެވިއްޖެއެވެ.
ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ކާޑުގެ މާކެޓަށް ކުރިމަތިވެފައިވާ ގޮންޖެހުމުގެ ސަބަބުން، އެކަމުގެ އަސަރުތައް އެހެނިހެން ގައުމުތަކަށް ފޯރަމުންދިއުމާއި ގުޅިގެން، އދގެ ބެލިނިވެރިކަމުގެ ދަށުގައި، ތުރުކީ މެދުވެރިވެ، ގާއިމު ކުރެވިފައިވާ މި އެއްބަސްވުމުގެ ދަށުން، ކާޑުގެ ބާވަތްތައް ދުނިޔޭގެ އެކި ސަރަހައްދުތަކަށް ގެންދާ ޔޫކްރެއިންގެ ކަނޑުބޯޓުފަހަރަށް ގެއްލުންތަކެއް ނުދިނުމަށްވަނީ އެއްބަސްވެވިފައިއެވެ.
ރަޝިޔާ- ޔޫކްރެއިން ހަނގުރާމަ ފެށިގެން އައުމަށްފަހު، ދެގައުމުގެ ދޭތެރޭގައި މި ފަަދަ ބޮޑު އެއްބަސްވުމެއް ގާއިމު ކުރެވިފައިނުވެއެވެ. އދ އިން ލަފާ ކުރާގޮތުން، ރަޝިޔާ- ޔޫކްރެއިން ދޭތެރޭގައި، ދުނިޔޭގެ ކާޑުގެ މާކެޓަށް އައިސްފައިވާ ލޮޅުންތައް ކުޑަކުރުމަށް، ގާއިމު ކުރެވުނު މި އެއްބަސްވުމުގެ ސަބަބުން، މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ތާށިކަމަށް ބޮޑު ލުއިތަކެއް ލިބިގެންދާނެއެވެ.
ދުނިޔޭގެ ކާޑުގެ މާކެޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފިލުވުމަށް ރަޝިޔާއާއި ޔޫކްރެއިން ދެމެދާ ގާއިމު ކުރެވުނު އެއްބަސްވުން، ސޮއި ކުރުމުގެ ތެރޭގައިވެސް ދެގައުމުގެ ދޭތެރޭގައި އުފެދިފައިވާ ރުޅިވެރިކަންވަނީ، ސާފުވެގެންގޮސްފައިއެވެ. އެގޮތުން ޔޫކްރެއިންއިންވަނީ ރަޝިޔާއާއި އެއް ކަރުދާސްގަނޑެއްގައި ސޮއި ކުރުމަށްވެސް ދެކޮޅުހަދާފައިއެވެ.
އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރޭގައި ޔޫކްރެއިން އިންވަނީ ރަޝިޔާއަށް އިންޒާރުތަކެއް އަމާޒުކޮށްފައިއެވެ. އެގޮތުން، ރަޝިޔާއިން މި އެއްބަސްވުމާއި ހިލާފުވެ، ކާޑުގެ ބާވަތްތައް ހިފައިގެންދާ އުޅަނދަކަށް ހަމަލާ ދީފި ހާލަތެއްގައި، ޔޫކްރެއިންއިން އެ ހަމަލާއަށް ފުރިހަމައަށް ޖަވާބު ދޭނެކަމަށް ބުނެފައިވެއެވެ.
ވަކި ކަރުދާސްތަކަކަށް ޕްރިންޓުކުރުވުމަށްފަހު ދެގައުމުން ސޮއި ކޮށްފައިވާ މި އެއްބަސްވުން ދެމެހެއްޓުމުގެ ޒިންމާވަނީ، އދގެ އަތްމަތީގައިކަމަށް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީވަނީ ވިދާޅުވެފައިއެވެ.
ރަޝިޔާއާއި ޔޫކްރެއިން ދެމެދު ކުރެވެމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް މުޅި ދުނިޔެއަށްވެސް ކޮށްފައިވެއެވެ. އެގޮތުން އިގްތިސޯދީ ގޮންޖެހުންތައް އެކި ގައުމުތަކަށް ކުރިމަތިވެފައިވާއިރު، ހާއްސަގޮތެއްގައި، ދުނިޔޭގެ ތެލުގެ މާކެޓަށާއި، ކާޑުގެ މާކެޓަށްވެސް ބޮޑެތި ލޮޅުންތަކެއް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.

