ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަހުވަދޫ އެއާޕޯޓު ހަމަނުޖެހުން: ”ސީރިއަސް މައްސަލައެއް، މިއީ ފަތުރުވެރިން ހައިޖެކް ކުރުން“

ކުޑަހުވަދޫ އެއާޕޯޓަށް ވަންނަ ގޭޓު ޓިނު ޖަހައި ބަންދުކޮށްފައި-- ފޮޓޯ: ޔުނައިޓެޑް ކުޑަހުވަދު ފޭސްބުކް ޕޭޖް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަހުވަދޫ އެއާޕޯޓުގައި ހިންގަމުން ދާ ހަމަނުޖެހުންތަކުގެ މެސެޖު ވަރަށް ގޯސްކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު ކުރިމަގުގައި ފަތުރުވެރިކަމުގެ އިންވެސްޓުމަންޓުތަކަށް ކުރުމުގެ ފުރުސަތު އެބައޮތްކަމަށް މަންތާ އެއާގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވެއްޖެއެވެ.

ކުޑަހުވަދޫގައި ހާޓްއެޓޭކެއް ޖެހުނު މީހެއްގެ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ކުރި މަސައްކަތުގައި މަންތާގެ އެއްވެސް އެހީތެރިކަމެއް ލިބިފައި ނުވާކަމަށް ބުނެ ރަށުގައި އާއްމުން ދަނީ އިއްޔެއިން ފެށިގެން އިހުތިޖާޖުކޮށް، މުޒާހަރާ ކުރަމުންނެވެ. ރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހުއްޓުމެއް ނެތި ހިނގަމުން ދާތީ، އެ މައްސަލައިގައި ނޫސްވެރިންނާއި ބައްދަލުކޮށް މަންތާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ އެތަށުގެ ރައްޔިތުންނާއި ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން އިއްޔެއިން ފެށިގެން ކުޑަހުވަދޫގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓިފައިވާކަމަށެވެ. އެގޮތުން ތަނުގެ ތެރެއަށް ވަދެ ނިކުމެވޭ ގޮތް ބަންދު ކުރުމުގެ ސަބަބުން އެއާޕޯޓުގައި 06 ގަޑިއިރު ވަންދެން އެތައް ޓޫރިސްޓުންތަކެއް ތާށިވެފައި ތިބެން ޖެހުނުކަމަށް އޭނާ ވިދާޅުވި އެވެ.

މަންތާއިން ހިންގަމުން ދާ ކުޑަހުވަދޫ އެއާޕޯޓަށް އިތުރު އެއާލައިންތައް ދަތުރު ނުކުރެ އެވެ. އަދި ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ހިތްހަމަނުޖެހުމަކީ އެއީ އެވެ. އެއާލައިނުން ބަލި މީހުން ނުއުފުލާކަމުގެ ޝަކުވާތައް، ފެންމަތިވެގެން އައީ ވެސް މި މައްސަލަ މީގެ ކުރިން ވެސް ބޮޑުވެފައި ވަނިކޮށެވެ.

ބަލި މީހުން ނުއުފުލާކަމަށް ބުނެ މަންތާގެ މައްޗަށް ކުރާ ތުހުމަތުތައް އެ އެއާލައިނުން ދޮގު ކުރެ އެވެ. މީޑިއާތަކާއި ބައްދަލުކޮށް ހަލީލު ވަނީ ހިންގައިދިޔަ ގޮތް ތަފްސީލުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ ރޭ އެއާޕޯޓުގައި ތާށިވެފައި ތިބެން ޖެހުނީ 08 ގެސްޓަކާއި، 04 ކުޑަކުދިން ކަމަށެވެ. އަދި މިއަދުގެ ހެނދުނު 07:30 އާއިހަމައަށް އެ މީހުން އެއާޕޯޓުގެ ގޮނޑިތަކެއްގައި ތިބެން ޖެހުމަކީ ކަންބޮޑުވާން ޖެހޭ ބޮޑު މައްސަލައެއްކަން ފާހަގަ ކުރެއްވި އެވެ.

ހަލީލު ވިދާޅުވީ އެ މީހުން ހެނދުނު ވެސް ގެންދެވުނީ ލައުންޖު ތެރޭގައި ބަހައްޓައިގެންކަމަށާއި، ތަނުގައި ތިބެނޭވެ އިތުރު ގޮތެއް ނެތް ކަމަށެވެ. އަދި ކާބޯތަކެތި ވެސް ދޭނެ ގޮތެއް ނެތްކަމަށް ވިދާޅުވި އެވެ. ނަމަވެސް ކުދިކާނާ ޕެކެޓު ފަދަ ތަކެތި ތަނުގެ އެތެރެއިން ލިބެން ހުންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް ޝައުވެރިކަން ހުންނަ، އިންވެސްޓަރުންނަށް މިއީ ދެވުނު ވަރަށް ގޯސް މެސެޖެއް ކަމަށެވެ. އަދި މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އޭނާ ގޮވާލި އެވެ. އެއާޕޯޓުގައި ތާށީވީ، ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއްކަމަށް ވާ ”ރިއު ހޮޓެލްސް“ ގެ ކްލައިންޓުންތަކެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ކުންފުނީގެ އެންމެ އިސްވެރިއާގެ ފަރާތުން އޭނާއަށް ގުޅައި ފަތުރުވެރިންގެ ރައްކާތެރިކަމާއި މެދު ސުވާލު އުފައްދައި އެ މީހުންގެ ހާލަތު ބަލަމުން ދާކަމަށެވެ.

ހަލީލް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، މީގެ ސަބަބުން ފަތުރުވެރިކަމާއި، އިންވެސްޓަރުންގެ ޝައުވެރިކަމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރު ކުރާނެކަމަށެވެ.

ނޫސްވެރިން ވަނީ ތަނުގެ ހާލަތު ކިހިނެއް ތޯ އާއި، މިއަދު އެއްވެސް ދަތުރުތަކެއް ކުރެވުނުތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ހަލީލް ވިދާޅުވީ، މިއަދު ވެސް ހަތަރު ފްލައިޓެއް ކެންސަލް ކުރަން ޖެހުނު ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް އޭނާ އަމިއްލައިން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މަޝްވަރާތަކެއް ކުރެއްވިކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ބަލި މީހުން އުފުލާފައި ވާނެތޯ، އާއި މަންތާއިން އެކަމުގައި އަމަލު ކުރާ އުސޫލަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ހަލީލް ވިދާޅުވީ، މަންތާއިން ސްޓްރެޗަރުގައި ބަލި މީހުން އުފުލޭނެ ގޮތެއް ނުހުންނާނެ ކަމަށެވެ. ނަމަވެސް ދުވާލު ގަޑިތަކުގައި ސީޕްލޭންގައި އެ ކަން ހަމަޖައްސާކަމަށް ހަލީލް ވިދާޅުވި އެވެ.

One Photos - q3XAsHTcrQ0AryXqqWuFNIrG2.jpg
ކުޑަހުވަދޫ އެއާޕޯޓު ކުރިމަތީގައި ވަޅުގަނޑު ކޮންނަނީ– ފޮޓޯ: ޔުނައިޓެޑު ކުޑަހުވަދޫ ފޭސްބުކް ޕޭޖް

މިއީ ބަޔަކު ސިޔާސީ މަންފާއަކަށް ހިންގި ހަމަނުޖެހުމެއްގެ ގޮތުގައި ސިފަކޮށް ހަލީލް ވިދާޅުވީ، މިއީ ބަޔަކު ސަރުކާރަށް ޖެއްސުމަށް ނުވަތަ ކުންފުންޏަށް އުނދަގޫތަކެއް ކުރިމަތި ކުރުވަން ހިންގި އަމަލެއްގެ ގޮތުގައި ހިނގި ކަންތަކެއްގެ ގޮތުގައި ގަބޫލު ކުރާކަމަށެވެ. ހަލީލް ވިދާޅުވީ ކުއްލިއަކަށް ފެނުނީ މުޒާހަރާތަކެއް ފެށިތަންކަމަށާއި، ރައްޔިތުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނީ، މޯލްޑިވިއަންގެ ފްލައިޓްގެ ހަބަރެއް ނުވެ އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑީވިއަންއަށް މަންތާއިން ޖާގަ ނުދިނުމަށް މަސައްކަތް ކުރާކަމަށް މަންތާގެ މައްޗަށް ރަށުގެ މީހުން ތުހުމަތު ކުރެ އެވެ. އެކަމުގެ ރައްދުގައި ހަލީލް ވަނީ ކޮވިޑު-19 ގެ ތެރޭގައި ރޭގަނޑު ދަންވަރު ވެސް އެއާޕޯޓު ހުޅުވައި ފްލައިޓުތައް ޖެއްސުމުގައި މޯލްޑިވިއަންއަށް އެހީތެރިވީކަން ފާހަގަކޮށްފަ އެވެ. މި މައްސަލައިގައި ކޮންމެވެސް ވަރަށް މޯލްޑިވިއަންގެ ނަން އަންނާތީ، މަންތާ އާއި ގައުމީ އެއާލައިން ދެމެދު އެއްވެސް މައްސަލައެއް ޖެހިފައިވެތޯ ”ސަންގު“ އިން ސުވާލު ކުރުމުން ހަލީލް ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެއާލައިނާއި ބައްދަލު ކުރިންތޯ ސުވާލު ކުރުމުން ހަލީލް ވިދާޅުވީ އެފަދަ ބައްދަލުވުމެއް ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކުޑަހުވަދޫ އެއާޕޯޓު ސަރަހައްދަށް ގޮސް ބަޔަކު ހަމަނުޖެހުން ހިންގަން ފެށީ، އެ ރަށުން ހާޓްއެޓޭކެއް ޖެހުނު ޒުވާނަކު، މާލެ ނުގެނެވި ލަސްތަކެއް ދިމާވުމުން ނަމަވެސް ޒުވާނާ ފުރުވާލި ފަހުން ވެސް ހަމަނުޖެހުންތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. ބަލި މީހާ މާލެ ގެނައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި މޯލްޑިވިއަން އެއާލައިނެއްގަ އެވެ. އޭގެ ފަހުން ވެސް ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، ފުލުހުންނާއި އާއްމުންގެ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ.

ކުޑަހުވަދޫ އެއާޕޯޓަށް އަންނަ ދިވެހިން ފިޔަވައި އެހެން ބަޔަކަށް އެތަނުން ބޭރު ނުވެވޭ ގޮތަށް މުޅި އެއާޕޯޓު ބަންދުކޮށް، އެއާޕޯޓަށް ވަންނަ ދޮރު ކުރިމަތީ ބޮޑު ވަޅުގަނޑެއް ކޮނެ އާއްމުން ވަނީ ތަނުގައި ޓިނު ޖަހާ ބަންދުކޮށްފަ އެވެ.

މި ހަމަނުޖެހުމުގެ ތެރެއިން ރަށު ރައްޔިތުން ވަނީ އެއާޕޯޓަށް ނުވަދެވޭނެހެން ތަން ބަންދުކޮށްފައެވެ. މިކަމާއި ގުޅިގެން ސަރުކާރުގެ ރަސްމީ އިދާރާއަކުން މީޑިއާތަކާއި އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ކުޅަނދު މަދުވީމަ ވާގޮތް. އެއަރޕޮރޓް ބަންދުކޮފަ އެހެންތާކު އެއަރޕޯރޓް އަޅަންވީ. ޢޭރުން ހުންނާނެ ރާކަނިމަސް ކެވިފަ.

  2. އަބަދުވެސް މިކިޔަނީ ހދ އަތޮޅުގަ ފަތުރުވެރިކަން ފުޅާކޮއް އެއާޕޯޓު ތަކައް ރޭގަނޑު ދަތުރު ކުރެވޭގޮތް ހަދައިދެއްވާށޭ ނަމަވެސް 50 އަހަރު ފަތުރުވެރިކަމައް ވެގެންދާއިރުވެސް ހދ ބާކީކޮއް ހދ އިނދަޖައްސާފަމިއޮތީ އެމީހުން ކިހާ ކެތްތެރި އަހުލާގު ރަނގަޅު މިދިޔަ ބޮޑުއީދުގަވެސް ޖާގަނުލިބި ކަނޑުމަގުން ދަތުރުކުރީ ނޫސްވެރިން ވެއްޖެ ހދ އައް އައިސް މިފަދަ ކަންކަން ސަރުކާރު ސަމާލުކަމައް ގެންނަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: