މިއަދު ރާއްޖެ އަށް ބިންހެލުމެއްގެ އަސަރު ކޮށްފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ބައެއް މީހުންނަށް ބިންހެލުމެއްގެ އަސަރު ކޮށްގެން އެކަމުގެ ރިޕޯޓް ލިބުމުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ފުރަތަމަ ވިދާޅުވީ ރާއްޖެއަށް ބިންހެލުމެއްގެ އަސަރު ކޮށްފައި ނުވާކަމަށެވެ.
ނަމަވެސް ދެންމެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިއަދު ހެނދުނު 08:29 ކަންހާއިރު ރާއްޖެ އަށް ބިންހެލުމެއްގެ އަސަރު ކޮށްފައިވާ ކަމަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ބިންހެލުމެއް އިންޑޮނޭޝިއާގެ ސުމަތުރާއަށް 8:59 ގައި އައިސްފައިވާ ކަމަށާއި އެބިންހެލުން ރާއްޖެއަށްވެސް އިހުސާސްކުރެވުނު ކަމަށެވެ. މި ބިންހެލުމުން ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
އިންޑޮނޭޝިއާގެ ސްމަތުރާއަށް އައި ބިންހެލުމުގެ ބާރުމިން ހުރީ 6 މެގްނެޓިއުޑްގައި ކަމަށް ފުރަތަމަ ބުނި ނަމަވެސް މިހާރު އިންޑޮނޭޝިއާ އިން ވަނީ ބިންހެލުމުގެ ބާރުމިން 5.9 މެގްނެޓިއުޑަށް ދަށްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ބިން ހެލުމެއްގެ އަސަރުކުރުމުން ހެލްތު މިނިސްޓްރީގެ އިމާރާތްވެސް ވަނީ ހުސްކޮށްފައެވެ. މިހާރު ހެލްތު މިނިސްޓްރީ މުވައްޒަފުން އެނބުރި ރޯޝަނީ ބިލްޑިންގަށް ވައްދާފައިވާކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

