ދިވެހި ސަރުކާރުން ބޭރުގެ ފަރާތްތަކުން ނެގި 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނުގެ އިންޓްރެސްޓް ރޭޓް ދަންނަވަން ތަރުޖަމާނު އުޒުރުވެރިވެއްޖެއެވެ.
ރައީސް އޮފީހަށް އަލަށް އައްޔަނުކުރި ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސަރުކާރުން އަލަށް ނެގި ލޯނުތަކުގެ އިންޓްރެސްޓް ރޭޓާމެދު ސުވާލުކޮށްފައެވެ.
އެގޮތުން ނޫސްވެރިޔާ ސުވާލުކޮށްފައިވަނީ، ދޫނިޔޭގެ އިގްތިޞާދު މި ހާލަތުގައި އޮއްވާ ނިމިދިޔަ ޖޫން ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އެ މަހު އަލަށް ޔޫރޮޕިއަން އިންވެސްޓްމަންޓް ބޭންކުން 18.7 މިލިއަން ޔޫރޯގެ ލޯނެއް އަދި ޔޫރަޕްގެ އިތުރު ބޭންކަކުން 101 މިލިއަން ޔޫރޯގެ ލޯނެއްގެ އިތުރުން އައިޑީބީން 8.7 މިލިއަން ޑޮލަރުގެ ލޯނަކާއިއެކު ޖުމުލަ 2 ބިލިއަން 17 މިލިއަން ހަތަރު ލައްކަ ނުވަ ހާސް ސާޅީސް އެއް ރުފިޔާގެ ލޯނު ސަރުކާރުން ނަގާފައިވާކަން ހާމަވާކަމަށާއި ސަރުކާރުން ލޯނުތައް އަލަށް ނަގަމުން ދިޔަ ވަގުތަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އިގްތިޞާދަށް ކުރިމަތިވަމުން އަންނަ އިންފްލޭޝަން މަތިވުމުގެ ސަބަބުން ދުނިޔޭގެ މަރުކަޒީ ބޭންކުތަކުން އެ ގައުމުތަކުގެ ޕޮލިސީ އިންޓްރެސްޓް ރޭޓު މަތިކުރަމުން އައި ވަގުތެއްކަމަށެވެ.
އަދި ހާއްސަކޮށް އެމެރިކާގެ ރިޒާވް ބޭކުން ޕޮލިސީ އިންޓްރެސްޓް ރޭޓް މަތިކުރުމާއި ގުޅިގެން ޑޮލަރުގެ އަގު ބޮޑުވެ އެހެން ފައިސާ ތަކުގެ އަގު ދަށަށް ގޮސްފައިވާއިރު ދެ ބިލިއަން ރުފިޔާ ދަރަންޏަށް ނެގި އިރު އޭގެ އިންޓްރެސްޓް ރޭޓަކީ ކޮބައިތޯ ނޫސްވެރިޔާ ވަނީ ސުވާލުކޮށްފައެވެ.
ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ އެކަމުގެ ތަފްސީލުތައް އަތުގައި މިވަގުތު ނެތްކަމަށެވެ. އަދި އަދި އެކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ލިބެން ހުރި މައުލޫމާތެއް ހިއްސާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިވަގުތު ދައުލަތުގެ ދަރަނި އަދާކުރުމަށް އެއްވެސް ކަހަލަ ދަތިތަކެއް ހުރިކަމަށް ފާހަގަ ނުކުރެވޭކަމަށާއި އިގްތިޞާދު ފުޅާވާވަރަކަށް ދަރަނި ނެގުމުގެ ގާބިލުކަންވެސް އިތުރުވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ތަރުޖަމާނު ފަހުން ވިދާޅުވީ އެކަންކަމާއި ފިނޭންސް މިނިސްޓަރާއި ވާހަކަނުދެކެވި ތަފްސީލް ނުދެއްވޭނެކަމަށެވެ.

