އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލާފައި އޮތް ލޯންޗުން ދަތުރުކުރި އެކަކު ފެނިއްޖެއެވެ.
ލޯންޗް ބަންޑުންޖަހާލި ހާދިސާގައި ލޯންޗުން ދަތުރުކުރި ދެމީހުންގެ ތެރެއިން އެކަކު ފެނިފައިވާއިރު އޭނާ ފެނިފައިވަނީ އއ ފެރިދޫ ފުއްޓަރު ކައިރިން ކަމަށާއި އޭނާ ފެރިދޫ ސިއްހީ މަރުކަޒަށް ފަރުވާ ދިނުމަށް ގެންދެވުނު ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފައިވެއެވެ. އަދި އޭނާ އަށް އިތުރު ފަރުވާ ދިނުމަށް އާއިލާއިން އެދިގެން ރޭގެ ވަގުތެއްގައި މާލެ ގެނެވިފައިވާ ކަމަށާއި މިވަގުތު އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނިގޮތުގައި، އެ ލޯންޗްއަކީ އިއްޔެ މެންދުރު 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެކެވެ.
އެ ލޯންޗު ފުރީ މާލެ، ކުރީގެ ކުނިކޮއްޓާ ދިމާލުން ކަމަށާއި އެ ލޯންޗް ދަތުރު ކުރަމުންދިޔައިރު އޭގައި ގިނަ އަދަދެއްގެ ޕެޓްރޯލް އަޅާފައިހުރި ހަންތަކެއް ހުރިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުންކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
އަދި ދެ ވަނަ މީހާ އަދި ނުފެންނައިރު، އޭނަ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

