ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ޖެހުނު މައްސަލާގައި މާދަމާ ސުޕްރީމް ކޯޓުން ހުކުމް ކުރުމަށް ތާވަލުކޮށްފި އެވެ.
2010 ގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއި އެކު ރައީސް ނަޝީދުގެ ސަރުކާރުގައި ހެދި އެއްބަސްވުން ބާތިލުކޮށްފައި ވަނީ 2013 ގަ އެވެ. އަދި އެ އެއްބަސްވުން އުވާލި މައްސަލައިގައި ގެއްލުމުގެ ބަަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކުރީ ސިވިލް ކޯޓުންނެވެ. އަދި އިސްތިއުނާފު މަރުހަލާގައި އެ ހުކުމް ހައިކޯޓުން ބާތިލުކޮށްފައި ވަނިކޮށް 2019 ގައި ސުޕްރީމް ކޯޓު މަރުހަލާގައި ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓި އެވެ.
ބަދަލެއްގެ ގޮތުގައި ދީބާޖާއަށް ބޮޑު އަދަދެއް ދޭންކުރި ހުކުމް ކޯޓުން ބޭރުން ހައްލު ކުރުމަށް މި ސަރުކާރުން އުފެއްދި ސެޓްލްމަންޓު ކޮމިޓީން ނިންމައި ކުންފުންޏަށް ބަދަލެއްގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން އެއްބަސްވި އެވެ. އެހެން ނަމަވެސް އެ ނިންމުން ބަދަލުކޮށް، މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ސަރުކާރުން ނިންމެވިކަން ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އޭޖީ އޮފީހުން މީޑިއާތަކަށް އޭރު ބުނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި މެދު އާއްމުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އާއްމުންގެ މަސްލަހަތަށް ރިއާޔަތްކޮށް އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމީކަމަށް ބުންޏެވެ.
ސަރުކާރުން އެގޮތަށް ނިންމުން ނިންމާފައި ވަނީ، ރައްޔިތުންގެ މަޖިލީހުން މައްސަލައިގައި ކަމާއި ގުޅޭ ކޮމިޓީއަށް ބަންޑާރަ ނައިބާއި އޭރުގެ އޮޑިޓާރ ޖެނެރަލް ހާޒިރުކޮށް ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކަށް ފަހު އެވެ. އެހާ ބޮޑު އަދަދެއް ދައުލަތުން ބަދަލެއްގެ ގޮތުގައި ދޭން ޖެހުމާއި އެމްޑީޕީގެ ގިނަ މެމްބަރުން ދެކޮޅު ހެއްދެވި އެވެ. އަދި ކޮމިޓީން އެންމެ ފަހުން ނިންމީ މައްސަލަ ރިވިއު ކުރަން ޖެހޭކަމަށެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.
ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރިނަމަވެސް ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.
މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ ހައި ކޯޓުގެ ހުކުމަށް ރުޖޫއަވެ ދީބާޖާއިން ބޭނުންނަމަ އަލުން އިސްތިއުނާފު ޝަރީއަތް ސުޕްރީމް ކޯޓުގައި ބެލުމަށެވެ. އެހެންވެ ދީބާޖާއިން މައްސަލަ އަނެއްކާވެސް ކޯޓަށް ހުށަހެޅީ އެވެ.

