މިއަދަށް އެކަނި ވިސްނާލުމުން ވެސް ޤައުމެއްގެ ޒުވާނުން އެ ޤައުމެއްގެ ތަރައްޤީއަށް ބޭނުންވާ މިންވަރު ހާމަވާކަމަށާއި، މިއަދު ކުދިން ތައްޔާރުވާންވީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ޚިދުމަތްތަކެއް ކޮށްދެވޭނެ ޤައުމީ ތަރައްޤީގައި ބައިވެރިވެވޭނެ ފަދަ ކުދިބަޔަކަށް ވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ތާޖުއްދީން ސްކޫލްގައި ބޭއްވި ”ދަ ލީޑަރ އިން މީ“ ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވިގޮތުގައި ސްކޫލް ޢުމުރުފުރައަކީ ކުދިންގެ ގައިގައި ރަނގަޅު ސިފަތަކާއި، އާދަތައް އަދި ރަނގަޅު އަޚްލާޤު އަށަގެންނެވުމަށްޓަކައި އެންމެ ރަނގަޅު ޢުމުރުފުރައިކަމަށެވެ.
ސްކޫލް ދައުރު އެއީ ކަންކަން ދެނެގަނެ ކަންކަން ދަސްކޮށް މުޖުތަމަޢުގައި އެ ކުދިންނަކީ މުހިންމު ބޭނުންތެރި ބައެއްގެ ގޮތުގައި ވުމަށްޓަކައި ބޭނުންވާ ސިފަތައް އަށަގެންނެވުމަށް އޮތް އެންމެ ރަނގަޅު ފުރުޞަތުކަމަށް ފައިސަލްގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.
އެގޮތުން އެމަނިކުފާނު ވަނީ ކުދިންގެ ގައިގައި ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށް މުހިންމުކަން ފާހަގަކުރައްވާ، މިއަދުގެ ކުޑަކުދިން ގަދައަޅާ މަސައްކަތްކުރަންވީ މާދަމާ ލީޑަރުންނަށްވުމަށްޓަކައިކަމަށް ވިދާޅުވެފައެވެ.
ހުރިހާ ދަރިވަރުންނަށް ވަރަށް ލޯތްބާއިއެކު ދަންނަވާލަން، ހަދާނަށް ނައްތާނުލައްވައްޗޭ ތިމާގެ އެތެރޭގައި ބަހައްޓަންޖެހޭ އަހުލާގާ ސިފަތަކާއި، އެ ލީޑާޝިޕް ކުއަލިޓީސް، މި އަންނަނީ އޭގެ ތެރެއިން. ތިކުދިންގެ އުމުރު ކިތައްމެ ގިނަ ދުވަހެއްވިޔަސް، ކޮންމެ މަގާމެއް ތިކުދިންނަށް ލިބުނަސް، ކޮންމެފަދަ ދިރިއުޅުމެއްގައި ތިކުދިން އުޅެން ޖެހުނަސް، އެންމެ ފުރަތަމަ މި ކަންތައްތައް އަބަދުވެސް ތިކުދިން ހަދާނުގައި ބަހައްޓާށޭ
މީގެ އިތުރުން ޢާންމު އަޚްލާޤު ހިފެހެއްޓުމަށްޓަކައި ކިތަންމެ ކުޑަ ކަމެއްވެސް ގިނަ ބަޔަކު ކުރަންފަށައިފިއްޔާ އެކަމުގެ ހެޔޮ ފައިދާ މުޅި މުޖުތަމަޢަށް ކުރާނެކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ. ރަށްޓެހިންގެ ފަރާތުން ވެސް ރަނގަޅު އާދަކާދަތަކާއި ސިފަތައް ދަސްކުރަންޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންސާނިއްޔަތުކަމާއި އިޙްސާންތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވަނީ ދިރިއުޅުމުގައި ކިތަންމެ ކުރިޔަށްދިޔަކަމުގައިވީ ނަމަވެސް މިފަދަ ސިފަތައް ކުރިޔަށް ނެރުމަކީ މުހިންމުކަމެއްކަމުގައި ވިދާޅުވެ އެކަމަށް ބާރުއަޅުއްވާފައެވެ.

