ދިވެހިރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ ގިނަ ބައެއްގެ ޖަވާބަކަށް ވެގެންދާނީ ބޯހިޔާވަހިކަމުގެ މައްސަލައާއި ވަޒީފާގެ ފުރުސަތުތައް ނެތް މައްސަލައައާއި، މަސްތުވާތަކެތީގެ މައްސަލައެވެ.
މި މައްސަލަތަކުގެ ތެރެއިން މި ރިޕޯޓުގައި އަލިއަޅުވާލަން ބޭނުން ވަނީ ޖިނާއީ ބޮޑެތި ކުށްތަކުގެ އަސްލު ފެށުން ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައަށެވެ. މަސްތުވާތަކެތީގެ މައްސަލައަށް އަލިއަޅުވާލަން ބޭނުންވާ މައިގަނޑު ސަބަބަކީ މިވަބާގެ ސަބަބުން މުޅި މުޖުތަމައުއަސް އޮތް ނުރައްކަލުގެ ބޮޑުކަމުންނެވެ. މަސްތުވާތަކެތީގެ ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުން އެއްދުވަހުން އަނެއް ދުވަހަސް އިތުރުވަމުންދާނަމަ ގައުމުގެ މުޅި މަސްތަގުބަލް ބަނަވެ މުޅި ގައުމު ފުންމިން ނޭގޭ ބޮޑު އަނދަވަޅަކަށް ވެއްޓިގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. ހާއްސަގޮތެއްގައި ރާއްޖެ ކަހަލަ ޒުވާން އާބާދީއެއް އޮތް ގައުމެއްގައި މަސްތުވާތަކެތީގެ ވިުަފާރު ކުރުމާއި ބޭނުން ކުރުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިއުމަކީ ވަރަށް ބޮޑު ނުރައްކަލެކެވެ.
މަސްތުވާ ތަކެތި ބޭނުން ކުރުމަކީ އެތަކެތި ބޭނުންުކުރާ މީހުން ތަފާތު ބަލިތަކާއި ނަފްސާނީ ގެއްލުން އަދި ބައެއް ފަހަރު ފުރާނައަށް ގެއްލުން ލިބުމަށް ހުށަހެޅިގެންދާ ފަދަ އަމަލެކެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހާގެ އިތުރުން އޭނާގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންނާއި ލޯބިވާ މީހުންނަށް މިކަމުގެ ސަބަބުން ތަފާތު އަސަރުތައް ކުރުވާ ގެއްލުންތައް ލިބެއެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ވަޒީފާއެއްގައި ދެމި ހުރުމާއި ދިރިއުޅުމުގެ އެހެނިހެން ޒިންމާތައް އަދާ ކުރުމުގައި ބޮޑެތި އުނދަގޫތަކާއި ކުރިމަތިވެއެވެ. އެހެންކަމުން ވަޒީފާ އަދާ ކުރުން ނުވަތަ ކާންބޯން މަސައްކަތްކުރުމާއި ދުރުހެލިވެ އެހެނިހެން ކުށުގެ އަމަލުތަކުން ޒަރޫރީ ބޭނުންތައް ފުއްދަން މަޖުބޫރުވެއެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ބޭނުން ކުރުމާއި ވިޔަފާރިކުރާ އުމުރުފުރައަށް ބަލާއިރު އާއްމު ގޮތެއްގައި މަސްތުވާތަކެތި ބޭނުންކުރަނީ ޒުވާން އުމުރުގެ ކުދިންނެވެ. ޒުވާން އުމުރުގެ ކުދިން މަސްތުވާތަކެތި ބޭނުންކުރަން ފަށަ ކިތަންމެ ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރޭގައި އެކުގައި އުޅޭ ރައްޓެހިންގެ ސަބަބުންނާއި އާއިލާގެ ތެރޭގައި ހިނގާ ހަމަނުޖެހުންތައް ނުވަތަ އާއިލާގެ ތެރޭގައި އެކުދިންނަށް ތަރުބިއްޔަތުގެ މަގުން މަގު ދައްކާނެ ރޯލް މޮޑެލްއެއް ނެތުން ފަދަ ސަބަބުތައް ހިމެނެއެވެ.
ގޭގައި އުޅޭ ކުއްޖަކު ނުވަތަ ތިމާގެ މީހަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ހީވާ ނަމަ އެންމެ މުހިންމު ކަމަކީ އޭނާ އާއި ވާހަކަ ދެއްކުމެވެ. އަދި އޭނާގެ އުޅުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބު ދެނެގަންނަން މަސައްކަތް ކުރުމެވެ. އޭނާއަށް އޭނާއަކީ އެކަނި ހުރި މީހެއް ނޫންކަން ވިސްނައިދީ އޭނާއަށް ދެރަގޮތެއްގެ ވެއްޖެނަމަ އެކަމާއި ހިތާމަ ކުރާނެ މީހުން ތިބިކަން ވިސްނައިދިނުން މުހިންމެވެ. އަދި އެކިއެކި ކަންކަމުގައި ބައިވެރިކޮށްގެން އަބަދުވެސް ގާތް މީހުންނާއި އެކު ގެންގުޅުން މުހިންމެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެކަމުގެ ތެރެއަށް ކުށެއް ނެތް ޒުވާނުން ވައްދަމުންދާ ފަރާތްތައް ހޯދާ އެފަރާތްތަކާއި ދެކޮޅަށް މަސައްކަތް ކުރުމަކީ ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުން ހާއްސަކޮށް ފުލުހުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް އެ ފަރާތްތަލުން ބުނެއެވެ. ކަމާއި ގުޅުންހުރި މުއައްސަސާތަކުން ބުނާ ގޮތުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ބޮޑު ބައެއް އަމާޒު ކުރެވެނީ މިދެންނެވުނު ފަރާތްތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިތައް ކުރާ މީހުންވެސް އެމީހުންގެ މަސައްކަތް ކުރަމުން ދަނީ މުޖުތަމައުގެ ތެރޭގައި ތިބެގެންނެވެ. ވިޔަފާރިތައް ހިންގަމުންދަނީ ހަމަ އާއްމުން ދިރިއުޅޭ ގެތަކާއި ގޯޅި ގޯޅީގެ ކަންމަތިިތަކުގައެވެ. މިފަދަ މީހުންނާއި ދެކޮޅަށް މަސައްކަތް ކުރެވޭނީ މުޖްތަމައުގައި އުޅޭ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންނެވެ. އެފަދަ ކަމެއް އެނގޭނަމަ ނުވަތަ ފާހަގަ ކުރެވޭނަމަ އެމައުލޫމާތު ލަސްނުކޮށް ފޯރުކޮށްދޭން ފުލުހުން އެދެއެވެ. ނަމަވެސް ސުވާލަކީ ފޯރުކޮށްދެވޭ މައުލޫމާތާއި އެއްގޮތަސް މައްސަލަ ބަލައި ތަހުގީގު ކުރެވޭތޯއެވެ.؟ ފެންނަ މަންޒަރުތަކާއި އިވޢ އަޑުތަކާއި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު އެންމެ އެކަށީގެންވާ ގޮތުގައި މަސްކަތް ކުވޭތަނެއް ނުފެނެއެވެ. އެއީ ބަޔަކު މީހުން ގަބޫލު ކުރިޔަސް ނުކުރިޔަސް ހަމަ ހަގީގަތެވެ. މަސްތުވާތަކެއްޗާއި ބެހޭ ގާނޫނެއް އޮތްނަމަވެސް ނުވަތަ މައްސަލަ ހައްލު ކުރުމަސް ގާނޫނީ ގޮނިގަނޑެއް އޮތްނަމަވެސް އެންމެ އެކަށީގެންވާ ގޮތުގައި ގާނޫނު ތަންފީޒް ކުރެވޭތަނެއް ނުފެނެއެވެ.
ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ޕެޑްލްކުރުމާއި، ޓްރެފިކްކުރުން ހުއްޓުވުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން މަސްތުވާތަކެއްޗަށް ބޭނުންވާ މިންވަރު މަދުކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި އެމީހުން ފަރުވާގެ ޚާއްޞަ ޕްރޮގްރާމްތަކެއްގެ ދަށުން ފަރުވާ ލިބިގަތުމަށް ބާރުއަޅައި، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމަޢުގައި އެމީހުން ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި، މަސްތުވާތަކެއްޗާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމަށް މަސްތުވާތަކެއްޗާބެހޭ ގާނޫނެއް އޮވެއެވެ.
މިދެންނެވި ގާނޫނުގެ މަގުސަދަކީ
(ހ) މަސްތުވާތަކެތި ބޭނުންކުރާ މީހުން، މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް މަދުކުރުމަށް މަސައްކަތްކުރުން؛
(ށ) މަސްތުވާތަކެއްޗަށް އަލަށް ދެވިހިފާ މީހުން، އެހިސާބުން ފެށިގެން ފާހަގަކޮށް، އެމީހުންނަށް އެކަމުން އަވަހަށް ދުރަށް ދެވޭނެ ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކޮށްދިނުން؛
(ނ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަކީ، މަސްތުވާތަކެތި ބޭނުންކުރަމުންދިޔުމުގެ ސަބަބުން ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން އޭގެ އަސަރަށް ލެނބި، އެއަށް ބަރޯސާކުރަންޖެހިފައިވާ ބައެއް ކަމުގައިވާތީ، އެމީހުންނަކީ ހަމައެކަނި ކުށްވެރިން ކަމުގައި ބެލުމުގެ ބަދަލުގައި، ފަރުވާވެސް ބޭނުންވާ މީހުން ކަމުގައި ޤަބޫލުކޮށްގެން، އެމީހުންނަށް ފަރުވާ ދިނުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން؛
(ރ) މަސްތުވާތަކެތި ޕެޑްލްކުރާ މީހުން މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި މަސްތުވާތަކެތިން މުޢާމަލާތުކުރާ ކުރުން ހުއްޓުވުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމުގެ ސަބަބުން އެމީހުން ކުށަށް އަރައިގަންނަ ނިސްބަތް މަދުކުރުން؛
(ބ) މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި އެކަން ކުރާ މީހުން ފާހަގަކޮށް، ޓްރެފިކްކުރުމުގެ ވިޔަފާރިއަށް ހުރަސްތައް ކުރިމަތިކުރުމަށްޓަކައި ޓްރެފިކްކުރާ މީހުން އެކަން ކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ހުރަސްއެޅުމާއި، އެމީހުންނަށް ސީދާ އަމާޒުވާގޮތަށް އެކިއެކި ފިޔަވަޅުތައް އެޅުން؛
(ޅ) މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ކުރާ ކުށުގެ މައްސަލަތައް ބަލައި، މަސްތުވާތަކެއްޗަށް އެމީހުން ބޭނުންވާ މިންވަރު މަދުކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި އެމީހުން ފަރުވާގެ ޚާއްޞަ ޕްރޮގްރާމްތަކެއްގައި ބައިވެރިކުރުވައި، ފަރުވާ ލިބިގަތުން ލާޒިމުކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެމީހުން މުޖުތަމަޢުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާކުރުމަށްޓަކައި ޚާއްޞަ ކޯޓެއް ޤާއިމުކުރުން؛
(ކ) ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުކޮށް، މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ޚާއްޞަ ބާރުތަކެއް ދިނުން؛
(އ) މަސްތުވާތަކެއްޗާގުޅޭ ކުށާއި އަދަބު ކަނޑައެޅުން.
ގާނޫނުގެ މަގުސަދަކީ މިދެންނެވި ކަންތައްތައް ހާސިލްކުރުން ކަމުގައިވީނަމަވެސް މިމަގުސަދު ހާސިލްވަމުންދާތަނެއް ނުފެނެއެވެ. ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުން އާންމުކުރާ ތަފާސްހިސާބްތަކަށް ބަލާއިރު އެކަން އޮތީ އެހެންނެވެ. މުަސްތުވާތަކެތި ބޭނުން ކުރަން މީހުންނަށް އެކަށީގެންވާ ފަރުވާ ދެވޭތަނެއް ނުފެނެއެވެ. ފަރުވާ ދިނުމަށްޓަކައި އެކަށީގެންވާ ނިޒާމެއް ނުވަތަ ކަމުގެ ތަޖުރިބާ ލިބިފައި ތިބި މީޙުން ފުރުވާ ދިނުމުގައި ހަރަކާތްތެރިވާ ތަނެއް ނުފެނެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ނުވަތަ މީހަކަށް ދައުލަތުން ދައުވާ އުފުލުމުން އެ މީހެއްގެ މައްޗަށް ނުވަތަ ބައެއްގެ މައްޗަސް ކުށްސާބިތުވަނީ މަދުފަހަރަކުއެވެ. ހެކިނެތިގެންނެވެ. ނުވަތަ ހެކި ހޯދި ގޮތް ގޯސްވެގެންނެވެ. ނުވަތަ ތުހުމަތު ކުރެވޭ މީހުން ނުވަތަ މީހާ ހައްޔަރު ކުރި ގޮތް ގޯސްވެގެންނެވެ. ހަގީގަތަކީ ގިނަފަހަރަށް މަސަްތުވާތަކެތި ބޭނުންކުރާ މީހުންނާއި އޭގެ ވިޔަފާރިކުރާ މީހުން ކުށުން ސަލާމަމްވެގެންދަނީ ދައުލަތުގެ އިހުމާލުންނެވެ. ކަންކުރަން ޖެހޭ ގޮތަށް ކަން ނުކޮށް އޮތުމުގެ ސަބަބުންނެވެ.
މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރުން ހުއްޓުވަން މަސައްކަތްކުރާއިރު ދެން އޮތް އެންމެ ބޮޑު ހަރަހަކީ ނުވަތަ ހަގީގަތަކީ މަސްތުވާތަކެތި ވިޔަފާރުކުރާ މީހުންނާއި ބޭނުންކުރާ މީހުންގެ ފަހަތުގައި ސިޔާސީ އަތްތަކެއް ތިބުމެވެ. މިއީ ބަޔަކު މީހުން ގަބޫލު ކުރަން ބޭނުން ނުވިނަމަވެސް ހިތި ހަގީގަތެވެ. އެންމެ ކަމުން މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރުން ހުއްޓުވާ މުޅި ރާއްޖެއިން މަސްތުވާތަކެތީގެ މިވަބާ ފޮހެލެން ނުވަތަ ނައްތާލަން ބޭނުންވާނަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ މަސްތުވާތަކެތީގެ ފަހަތުގައި ތިބި ސިޔާސީ އަތްތައް ހޯދައި ހައްގު އަދަބު ދޭންވީއެވެ. މި ނޫން އެހެން ގޮތަކަށް މި މައްސަލަ ހައްލުވެދޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

