ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޯސް މައްސަލަ: ސަރުކާރުން ބުނަނީ މޮރިޝަންސްއަށް ދޫ ނުދޭނެ ކަމަށް!

ބަންޑާރަނައިބް އިބްރާހިމް ރިފްޢަތު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހި ދައުލަތުން މޮރިޝަސްއަށް ދޫ ނުދޭނެ ކަމަށް ބަންޑަރަނައިބް އިބްރާހިމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއިން ޗާގޯސް ނުވަތަ ފޯޅަވަހިގެ މައްސަލައިގައި މީގެކުރިން ނަގާފައިވާ ”ސްޓޭންޑް“ ބަދަލުކޮށްފައިވާ ކަމަށް ބުނެ ސަރުކާރަށް އަމާޒުވަމުންދާ ފާޑިކިއުންތަކަށް ޖަވާބްދާރީވުމުގެ ގޮތުން ބަންޑާރަނައިބުގެ އޮފީހުން ވަނީ ބަޔާނެއް ނެރެފައެވެ.

ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެފެދިފައިވާ، އެހެންނަމަވެސް ޙައްލުކުރެވިފައިނުވާ މައްސަލައެކެވެ. 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން މައްސަލައެއްވަނީ ހުށަހަޅާފައެވެ.

މިދެންނެވި މައްސަލައިގައި، މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަޙައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިޙްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރިއެވެ. އެހެން ނަމަވެސް ޓްރައިބިއުނަލުން 28 ޖަނަވަރީ 2021 ގައި ނިންމާފައި ވަނީ މައްސަލަ ބެލުމަށެވެ.

ބަންޑާރަ ނައިބު ނެރުއްވި ބަޔާނުގައި ބުނެފައިވާ ގޮތުގައި ޓްރައިބިއުނަލްގެ އެ ނިންމެވުމާ ގުޅިގެން ދެން ކުރިއަށް ދިޔައީ ދެ ޤައުމުން ލިޔުމުން ޖަވާބުދާރީވުމުގެ މަރުޙަލާއެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް، ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް އިސްކަންދީގެންކަން ބަންޑާރަނައިބު ފާހަގަ ކުރެއްވިއެވެ.

މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ޤައުމަކަށް މުހިންމު މައްސަލައަކަށްވުމުން ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާހުރި ބައިނަލްއަޤްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް ޢައްޔަނުކުރެއްވި ކަމަށް ބަންޑާރަނައުބު ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ކަމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤާނޫނީ އުޞޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަޞްލަޙަތުތައް އެންމެ ފުރިހަމައަށް ދިފާޢުކޮށްފައިވާނެ ކަމަށް ބަންޑާރަނައިބުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ ދިފާޢު ބިނާކޮށްފައިވާ މައިގަނޑު ކަންކަމުގެ ގޮތުގައި ބަންޑާރަނައިބު ނުރުެއްވި ބަޔާނުގައި ފާހަގަ ކޮށްފައި ވަނީ:

  1. މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރު ނުވަތަ  ފެންނަން އޮތް ބްލެންހެމް ރީފްއިން ފެށިގެން ކަމުގައި ބަޔާންކޮށްފައިވީނަމަވެސް، ބައިނަލްއަޤްވާމީ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކޮށް އެއީ ބޭސް ޕޮއިންޓްއެއް ކަމަށް ނުބަލައި އެ ސަރަޙައްދު ބައިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކޮށް ކާމިޔާބުވެއްޖެނަމަ ދިވެހިރާއްޖެއަށް 4,687 އަކަކިލޯމީޓަރުގެ އިތުރު ސަރަޙައްދެއް ލިބިގެންދާނެތީ، ސަރަޙައްދު ބައިކުރަން މޮރިޝަސްއިން ހުށަހަޅާފައިވާ ގޮތަށް އިޢުތިރާޟްކުރުން؛
  2. ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްގެ ލިމިޓް ކަނޑައެޅުމަށް ޚާއްޞަކޮށް އުފައްދާފައިވާ ކޮމިޝަންއެއް ކަމަށްވާތީ މި މައްސަލަ މިހާރު ބަލަމުންދާ ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަތައް ބެލުމަށް ސައިންޓިފިކް އެކްސްޕަރޓުން ފަދަ ޚާއްޞަ ޚަބީރުން ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ޗެމްބަރެއްކަމުގައިނުވާތީ، ދިވެހިރާއްޖޭގެ ފަރާތުން CLCS އަށް 2010 ވަނަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ ކޮމިޝަނުން އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާމެދު ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭތީ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން މޮރިޝަސްއިން ހުށަހަޅާފައިވާ ހުށަހެޅުން ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަށް ލިބިފައިނުވާކަމަށް ހުށަހެޅުން؛
  3. ދިވެހިރާއްޖެއިން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމަވާ ޙާލަތުގައިވެސް، އައުޓަރ ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގެ ގޮތުން ހުށަހަޅަންޖެހޭ  ސައިންޓިފިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިނުވާތީ، މޮރިޝަސްއަށް އައުޓަރ ކޮންޓިނެންޓަލް ޝެލްފް ޙައްޤުވެގެން ނުވާކަމަށް ބަޔާންކުރުން.

މިނުކުތާތައް ފާހަގަ ކުރައްވާ ބަންޑާރަނައިބު ވިދާޅުވެފައި ވަނީ މައްސަލައިގެ ލިޔުމުން ޖަވާބުދާރީވުމުގެ މަރުޙަލާ ނިމުމުން، އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ މި މައްސަލައިގެ އަޑުއެހުންތައް 17 އޮކްޓޫބަރު 2022 އިން ފެށިގެން 24 އޮކްޓޫބަރު 2022 އާ ހަމައަށް، ޓްރައިބިއުނަލްގައި ކުރިއަށް ދާނެ ކަމަށެވެ. އަދި 24 އޮކްޓޫބަރު 2022 ގައި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށްފަހު، މި މައްސަލަ ބައްލަވާ ޓްރައިބިއުންލަގެ ސްޕެޝަލް ޗެމްބަރުގެ ފަރާތުން މައްސަލައާ ގުޅޭ އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުންކަން ބަންޑާރަނައިބުގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ބަންޑާރަނައިބު ވިދާޅުވި ގޮތުގައި މި މައްސަލައިގައި، މިބާވަތުގެ އެހެން މައްސަލަތަކުގައިވެސް ޢާންމު އުޞޫލުން ނިންމުންތައް ނިންމާ ހަމަތަކަށް ބަލާއިރު،މުޢާހަދާގައި ބަޔާންކޮށްފައިވާ ބައިނަލްއަޤްވާމީ ޤާނޫނީ ހަމަތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ  ޓްރައިބިއުނަލުން ކަނޑައަޅާނެއެވެ.

އެގޮތުން ބައިނަލްއަޤްވާމީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުން ދެޤައުމުގެ މެދުގައި އޮންނަ ފުށުއަރާ ސަރަޙައްދުގެ ބައި ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުޞޫލުން ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވެއެވެ. އަދި އޭގެ ނަތީޖާއަކަށްވާނީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތީ ޙައްޤުތައް ލިބިގެން ދިއުންކަން ބަންޑާރަނައިބު ވަނީ ފާހަގަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: