ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސްގެ ބިލަށް ނެރުނު ތްރީލައިން ވިޕަށް ރައީސް ނަޝީދުގެ ޖަވާބް: ބިލް ފާސްކުރާނީ ކަމާއިބެހޭ ބޭފުޅުން މަޖިލީހަށް ހާޒިރު ކުރުމަށްފަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލް ފާސްކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފައިވީނަމަވެސް ބިލް މަޖިލީހުން ފާސްކުރާނީ ކަމާއިބެހޭ ބޭފުޅުން މަޖިލީހަށް ހާޒިރު ކުރުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލް ދިރާށާ ކުރުމަށް ކުރިއަށް ގެންދިޔަ މުޅި މަޖިލީހުގެ ކޮމެޓީ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ޓެކްސްގެ ބިލް ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ކުރިން ކޮމެޓީގެ ފަރާތުން ކަމާއިބެހޭ ބޭފުޅުންނާ ބައްދަލުކުރުމަށް ހުށަހަޅާފައިވަނިކޮށް ޕީޖީ ގުރޫޕުން ބިލް ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރެފައިވާ ކަމަށެވެ. އެގޮތަށް ޕީޖީ ގުރޫޕުން ނިންމުމަކީ ކަންބޮޑުވާކަމެއްގެ ގޮތުގައި އަލީ އާޒިމް ފާހަގަ ކުރެއްވިއެވެ.

އަލީ އާޒިމްގެ ވާހަކަތަކާއި ގުޅިގެން މުޅި މަޖިލީހުގެ ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ޓެކްސްގެ ބިލް ކޮމެޓީން ނިންމައި ކޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވާނީ ކަމާއިބެހޭ ފަރާތްތަކާއި ކޮމެޓީގެ ފަރާތުން ބައްދަލު ކުރުމަށް ފަހު ކަމަށެވެ. އެގޮތުން ވިޔަފާރުވެރިންގެ ޖަމްއީއްޔާއާއި، ޓޫރިޒަމް މިނިސްޓްރީއާއި ފިނޭސް މިނިސްޓަރީގެ އިތުރުން ، ގެސްޓް އެސީސިއޭޝަންގެ އިތުރުން ފަތުރުވެރިކަން ކުރިއަރުވާ ފަރާތްތަކާ ބައްދަލު ކުރުމަށް އެ ފަރާތްތަކަށް ސިޓީ ފޮނުއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބިލް ކޮމެޓީން ފާސްކުރުމުގެ ކުރިން ކަމާއިބެހޭ ބޭފުޅުން ހާޒިރު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ކޮމެޓީގައި ތިއްބެވި ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއަށް ތާއިދު ކުރައްވާ މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ. އެގޮތުން ރައީސް ސާލިޙްއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވީ މަޖިލީހަށް އެއްވެސް ބަޔަކު ހާޒިރު ކުރެވޭނީ އަދި މަޖިލީހުގެ ކޮމެޓީއަކަށް ވެސް ބަޔަކު ހާޒިރު ކުރެވޭނީ ހުށަހަޅައި ފާސްކޮށްގެން ކަމަށެވެ. ނަމަވެސް ޓެކްސްގެ ބިލާ ގުޅިގެން ކޮމެޓީއަށް އެއްވެސް ބަޔަކު ހާޒިރު ކުރުމަށް ފާސްކޮށްފައި ނުވަނީސް މަޖިލީހުގެ ރައީސްއަށް އެއްވެސް ބަޔަކު ހާޒިރު ނުކުރެވޭނެ ކަމަށް ރައީސް ސާލިޙްއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވިއެވެ.

މެމްބަރުންގެ އެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާން މަޖިލީހުގެ ރިޔާސަތުގައި ބަލަހައްޓަވައި ކަންކަން ނިންމަވަނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަމަށެވެ. އެގޮތުން  މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް އަމަލުކުރަމުންދަނީ ތިން ކިޔުމުގެ މައްޗަށްކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. .މިގޮތުން، ދެވަނަ މަރުހަލާގައި ބިލެއް ދިރާސާކުރާ ކޮމިޓީއަށް ކަމާބެހޭ މާހިރުން ގެނެސް، ކަންކަން އޮޅުންފިލުވުމަކީ ނިޒާމު ހިނގަން އޮންނަ އިޖުރާއަތް ކަމަށާ އެ ނޫން ގޮތަކަށް އަމަލު ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ސާލިޙްއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވީ ކޮމެޓީން ފާސްނުކުރާ ކަމެއް މަޖިލީހުގެ ރައީސްއަށް މުޅި މަޖިލީހުގެ ކޮމެޓީގެ މުގައްރިރުގެ ހައިސީއްޔަތުން ނުކުރެއްވޭނެ ކަމަށެވެ. އަދި ރައީސް ނަޝީދު ކޮމެޓީއަށް ކުރިއަށް ގެންދަވަނީ ހުދުމުހުތާރުކޮށް ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ.

ތްރީލައިވް ވިޕާ ގުޅޭ ގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ  ބިލް ކޮމެޓީ މަރުހަލާގައި ވަނިކޮށް ޓެކްސްގެ ބިލަށް ތްރީލައިން ވިޕެއް ނެރުނީ ބިލްގެ މުހިންމު ކަމުން ކަމަށާއި އަދި ޕީޖީ ގުރޫޕްގެ ތްރީލައިން ވިޕާއި ހިލާފަށް ވޯޓު ދެއްވާ މެމްބަރުންނާއި މެދު ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ބިލަށް ތްރީލައިން ވިޕެއް ނެރުނު ނަމަވެސް މެމްބަރުން ބޭނުންވާ އިސްލާޙްތައް ބިލަށް ގެނެވޭނެ ކަމަށާއި ނަމަވެސް ބިލް ބޭރު ކުރުމަށް ވޯޓު ނުދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ބިލްތައް ކޮމެޓީ މަރުހަލާގައިވަނިކޮށް މީގެކުރިން ވެސް ތްރީލައިން ވިޕް ނެރެފައިވާ ކަމަށާއި މިއީ އަލަށް ކުރި ކަމެއް ނޫން ކަމަށެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރަން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަށް ތާއިދު ކުރައްވާ މަޖިލީޙުގެ މެމްބަރުން ދެކޮޅު ހައްދަވައެވެ. އެގޮތުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވާ ބޮތުގައި ޓެކްސް ބޮޑު ކުރަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. ހާއްސަކޮށް އާންމު ރައްޔިތުން ދައްކަން ޖެހޭ ޖީއެސްޓީ ބޮޑު ކުރުމަކީ މިހާރުގެ ހާލަތަށް ބަލާއިރު އެއްގޮތަކަސް ކޮށްގެން ވާނެ ކަމަށް ނޫން ކަމަށް ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވެއެވެ.

މީގެއިތުރުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވާ ގޮތުން ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ސަރުކާރުން ކުރަން ޖެހޭ ކަމަކީ ސިޔާސީ މަގާމްތައް މަދުކޮށް ދައުލަތުގެ ހަރަދު ކުޑަކުރުމެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށް ބޮޑުކޮށް، ޖީއެސްޓީ 06 އިންސައްތައިން 08 އިންސައްތައަށް ބޮޑު ކުރުމަށެވެ.

މި ނިންމުމާއި ގުޅިގެން ބައިނަލްއަގުވާމީ ބައެއް މާލީ އިދާރާތްތަކުން ރިޕޯޓުތައް އާއްމުކޮށް، ޓެކްސް ބޮޑު ކުރުން ތަންފީޒު ކުރުން އެންމެ ރަނގަޅީ 2024 ގައިކަން ފާހަގަކުރި އެވެ. އަދި އަންނަ އަހަރު ޓެކްސް ބޮޑު ކުރުމުން އިންފްލޭޝަނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބުންޏެވެ.

އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) އިން އާއްމު ކުރި ރިޕޯޓުގައި ބުނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިންފްލޭޝަނަށް އަސަރުތަކެއް ކުރުމާއި އެކު ޓެކްސް ބޮޑު ކުުރުމުން އޭގެ ނޭދެވޭ އަސަރު އިގްތިސާދުގެ ތެރެއިން ފެންނާނެކަމަށް ވަނީ ބުނެފަ އެވެ.

ރިޕޯޓުގައި ބުނީ ރާއްޖޭގެ ބާޒާރުގައި މިވަގުތު ތަކެތީގެ އަގު ވެސް ދަނީ އުފުލެމުންކަމަށާއި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނާނެ ބަދަލަށް ބަލައި ޓެކްސް ބޮޑު ކުުރުމަށް ނިންމުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: