ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެތެރޭގެ އިންތިހާބަކީ މިތުރުން ހަތުރުންނަށް ވެދާ ކަމެއް!

ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެތެރޭގެ އިންތިހާބުތައް ބާއްވަނީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށް ސިޔާސީ ޕާޓީ ތަކުން ބުނެއެވެ،

އެތެރޭގެ އިންތިހާބު ބޭއްވުމަށް ފަހު ފެނިގެންދަނީ އިންތިހާބުގައި ބަލިވާ ކެންޑިޑޭޓުންގެ ހިތް ހަމަ ނުޖެހުމާއި ރުޅިވެރިކަމާއި ކަންބޮޑުވުން ފާޅުކުރާ މަންޒަރެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ ފޯރީގައި އެތެރޭގެ އިންތިހާބުތައް ބާއްވަމުން ގެންދަނީ މިވަގުތު ވެރިކަމުގައި އޮތް އެމްޑީޕީ އާއި އިދިކޮޅުގައި އޮތް ޕީޕީއެމް އިންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ބޭއްވުނީ މީގެ ދެތިން މަހެއް ކުރިން ޕާޓީގެ ޗެއަރޕާސަން އާއި އަންހެނުންގެ ރޫހުގެ ރައީސާ އާއި ޒުވާނުންގެ ހިތްވަރުގެ ރައީސް ހޮވުމަށްށެވެ.

އެ އިންތިހާބު އިއުލާން ކުރި ހިސާބުން ފެށިގެން ފެނިގެން ދިޔައީ ކެމްޕޭނަށް ތައްޔާރު ވަމުން ދިޔަ މަންޒަރެވެ. ހިޔާލު ތަފާތުވުން ތަކާއި ކަންބޮޑުވުން ތަކާއި ތުހުމަތު ތައް އިންތިހާބުގެ ތެރޭގައި ކުރެވިގެން ދިޔަ މަންޒަރެވެ. މައިގަނޑު ގޮތެއްގައި އިންތިހާބުގައި ދެކެވުނީ ވަޒީފާގެ ބިރު ދައްކާ ވާހަކަ އާއި ވަޒީފާގެ ނުފޫޒު ޕާޓީ ތެރޭގައި އޮތް ވާހަކައެވެ،

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެންމެ ވާދަވެރިކޮށް ދިޔައީ ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ދެމެދުގައި ހިނގައިދިޔަ ބަހުސްތަކާއި ކުރެވުނު ކެމްޕޭނެވެ. އެގޮތުން ޗެއަރޕާަސަން ކަމަށް ވާދަކުރީ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.

އިމްތިޔާޒް އާއި ފައްޔާޒްގެ ކެމްޕޭން ތައް ކުރިއަށް ގެންދިޔައީ ތަފާތު ގޮތަކަށެވެ. އެގޮތުން ފައްޔާޒްގެ ކެމްޕޭން ލޯންޗު ކުރެވިގެން ދިޔައީ ށ އަތޮޅު މިލަންދޫގައި ބޭއްވުނު ބޮޑު ޖަލްސާ އަކާ އެކުގައެވެ. މައުލޫމާުތު ލިބިފައިވާ ގޮތުން އެ ޖަލްސާ އަށް މާލެއިން 50 އަށް ވުރެ ގިނަ ގައުމީ މަޖިލިސް މެމްބަރުން ދިޔައެވެ. ކައިރި ރަށްރަށުން ޖަލްސާގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރިއެވެ. ނަމަވެސް އިމްތިޔާޒް ގެ ކެމްޕޭން ގައި ބޮޑަށް ކުރިއަށް ދިޔައީ ޑޯޓުޑޯގެ ހަރަކާތްތަކެވެ.

ޗެއަޕާސަން އިންތިހާބުގެ ތެރޭގައި މަޖިލިސް ތެރޭގައި މައިގަނޑު ގޮތަކަށް ދެކެވުނީ ވެސް އިންތިހާބުގެ ވާހަކަތަކެވެ. މެމްބަރުންގެ އަޑުތައް ޕާޓީގެ ލީޑަރޝިޕް އިން ބަލައިނުގަންނަ ވާހަކައެވެ.

ޗެއަޕާސަން އިންތިހާބުގެ ދުވަސްވަރު އެންމެ ގަދައަށް ދެކެވުނު އެއްވާހަކަ އަކީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕާޓީ އިން ބޭރުކުރުމަށް މަސައްކަތް ކުރާ ވާހަކައެވެ. އެވާހަކަ މަޖިލީހުގައި ދެއްކީ ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނެވެ. އޭގެ ރައްދުގައި ރައީސް ސާލިހަށް ތާއީދު ކުރާ މެމްބަރުން ބުނަމުން ގެންދިޔައީ ރައީސް ނަޝީދު ބޭރު ކުރެވޭ ވަރުގެ މީހަކު ޕާޓީ ތެރޭގައި ވެސް ނުހުންނާނެ ކަމަށާއި އެ މެމްބަރުން ބޭނުންވަނީ ޕާޓީ ހަރުދަނާކޮށް ހިންގާލަން ކަމަށެވެ.

އިންތިހާބުގައި ފައްޔާޒް ބޭނުންކުރި ސްލޯގަން އަކީ އެމްޑީޕީ ހިންގާލުމެވެ. ރަށްރަށުގައި ހުރި ހަރުގެ ތަކާއި ޖަގަހަތައް ހިނގަންޖެހޭ މިންވަރަށް ހިނގާފައި ނުވާތީ އެތަންތައް ހިންގާލުމަށް ފައްޔާޒު މަސައްކަތް ކުރާނެ ކަމަށް ފައްޔާޒް އާއި ކެމްޕޭން ޓީމުން އިންތިހާބުގެ ދުވަސް ވަރު ދިޔައީ ބުނަމުންނެވެ. އަދި އިމްތިޔާޒްގެ ސްލޯގަން އަކީ ތިލަފަތުގެ ރަމްޒެވެ. އިމްތިޔާޒް އާއި ކެމްޕޭން ޓީމުން ބުނަމުން ގެންދިޔާއި ޕާޓީގެ އަސާސްތަކާއި އުސޫލުތައް ގެއްލެމުން ދާ ކަމަށެވެ. އެހެންކަމުން އެއަސްލާއި އުސޫލުތައް ދަމަހައްޓައި އިހުއޮތް ރޫހު ޕާޓީ ތެރޭގައި އޮތުމަށް އެމީހުން މަސައްކަތް ކުރާނެ ކަމަށެވެ.

ފޯރިގަދަ ކެމްޕޭނަކަށް ފަހު ފައްޔާޒް ޗެއަޕާސަން ކަމުގެ މަގާމް ކާމިޔާބު ކުރެއްވިއެވެ. އެއާ އެކު އިމްތިޔާޒް ފައްޔާޒް އަށް މަރުހަބާ ކިޔެވެ. އަދި ޕާޓިގެ ރައީސް ރައީސް ނަޝީދު ވެސް ފައްޔާޒް އަށް މަރުހަބާ ކިޔެވެ. ނަމަވެސް އިންތިހާބު ނިމިގެން ވެސް ފެނިގެން ދިޔައީ ޕާޓީ ތެރޭގައި ރައީސް އިބްާރާހިމް މުހައްމަދު ސާލިހް އާއި ރައީސް ނަޝީދުގެ ފެކްޝަނެއް އުފެދި ދެފެކްޝަނުގައި ހިމެނޭ މެމްބަރުން ބަހުގެ ހަމަލާތައް ބަދަލު ކުރަމުންދާ މަންޒަރެވެ.

މިއަދު ވެސް މަޖިލީހުގައި ދެކެވެމުންދަނީ ރައީސް ސާލިހުގެ ފެކްޝަނުގެ ވަޒީރުން ނާއި މެމްބަރުން ރައީސް ނަޝީދުގެ ފެކްޝަންގެ މަޖިލިސް މެމްބަރުންނަށް ބިރުދައްކަމުން ގެންދާ ވާހަކައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ނިމި ދުވަސްތަކެއް ފަހުން އިއްޔެ މިވަނީ އިދިކޮޅު ޕީޕީއެމްގެ އެތެރޭގެ އިންތިހާބު ބާއްވާފައެވެ. އެ އިންތިހާބާއި ގުޅިގެން ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ އެ އިންތިހާބަކީ އެމްޑީޕީ އިން މިސާލު ނަގަންޖެހޭ އިންތިހާބެއް ކަމަށް ވިދާޅުވެފައެވެ އަދި އަމާޒަކަށް ވާނީ އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުން އިންޑިއާ ބަލިކުރުން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު ފެނިގެން ގޮސްފައިވަނީ މަޖިލީހުގައި ޕީޕީއެމްގެ ފަރާތުން އެޕާޓީގެ އެތެރޭގެ އިންތިހާބުގެ ވާހަކަ ދައްކާފައި ނުވާ ކަމެވެ. އަދި ޕީޕީއެމް އެތެރޭގެ މައްސަލަ ތަކުގެ ވާހަކަ ސޯޝަލް މީޑިއާގަ އާއި އެހެނިހެން ތަންތަނުގައި ޕީޕީއެމް އިން ދައްކާފައެއް ނުވެއެވެ.

އެހެން ކަމުން އެތެރޭގެ އިންތިހާބަކީ ޕާޓީ ބައިބައިކުރާ އެއްޗެއް ނޫން ކަން ޕީޕީއެމް އިން ދައްކުވައިދީފިއެވެ.

ހަގީގަތުގައި ޕާޓީތަކުގެ އެތެރޭގެ އިންތިހާބަކީ ޕާޓީގެ ހިންގުން ވަރުގަދަ ކޮށް ހަރުދަނާ ކޮށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާއި ދެންވެސް ހުރި އިންތިހާބުތައް ކާމިޔާބު ކުރުމަށް ވެވޭ ވޯމްއަޕް އެކޭ ވެސް ބުނެވިދާނެއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި އިއުލާން ކުރެވިފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީ ނިމުމާއެކުވެސް ޕާޓީ ތެރޭގައި ދެބަސްވުންތަކެއް އުފެދިގެންދާނެއެވެ. ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ރައީސް ސާލިހު ރިޔާސީ ޓިކެޓް ކާމިޔާބު ކޮށްފިނަމަ އެކަމާ ހިތްހަމަ ނުޖެހޭނެ ކަމަށް ރައީސް ސާލިހުގެ ސަޕޯޓަރުން ގަބޫލުކުރެއެވެ. ހަމަ އެފަދައިން ރައީސް ނަޝީދު ރިޔާސީ ޓިކެޓް ކާމިޔާބު ކޮށްފިނަމަ ރައީސް ސާލިހަށް ތާއީދު ކުރާ މެމްބަރުން ކަންބޮޑު ވާނެ ކަމަށް ރައީސް ސާލިހުގެ ސަޕޯޓަރުން ގަބޫލުކުރެވެއެވެ.

ރައީސް ނަޝީދު އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ. ކާމިޔާބީ ގައި ހިތްތިރިކޮށް ނާކާމިޔާބީ ގައި ހިތްވަރު ކުރުމެވެ. ނަމަވެސް އެވިދާޅުވި ފަދައިން ނާކާމިޔާބީ ގައި ހިތްވަރު ކުރެވެނީ މަދު ބަޔަކަށެވެ. ނާކަމިޔާބު ވުމާއެކު ކޮންމެ މީހަކުވެސް ޖަޒުބާތުގައި ޖެހި ނާކަމިޔާބު ވާންޖެހުނީ އަނެކާގެ ސަބަބުން ކަމަށް ދެކި އެވާހަކަ ފެތުރުމުން އެކަމުގެ ގެއްލުން މުޅި ޕާޓީ އަށް ފޯރާ ތަން ފެނިގެން ދަނީ މަދުފަހަރަކު ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: