ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްޔެ ފެނިގެންދިޔައީ، ރައީސް ސާލިހުގެ މެމްބަރުންތަކެއް މަޖިލީހުގައި ތިބިކަމުގެ ހެކި: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމުހޫރިއްޔާގެ މެމްބަރުން ތިބުމަކީ ގާނޫނުއަސާސީ ދަންނަ ކަމެއް ނޫންކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޓެކްސް ބިލަށް ވޯޓައް އެހުމުގެ މަރުހަލާ ކުރިއަށް ނުގެންގޮސް، މަޖިލީހުގެ ޖަލްސާ ނިންމާލުމާއި އެކު، ގިނަ އަދަދެއްގެ މެމްބަރުން ރައީސް ސާލިހާއި ބައްދަލު ކުރެއްވުމާއި އެކު، ވޯޓަށް ނާހައިފި ނަމަ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާނެކަމުގެ އިޝާރާތްތައްވެސް ކުރެވިފައިވާ ދަނޑިވަޅެއްގައި އާޒިމް ވިދާޅުވީ، އިއްޔެ މަޖިލީހުގެ ތެރެއިން ފެނިގެން ދިޔަ މަންޒަރުން، ރައީސް ސާލިހުގެ މެމްބަރުންތަކެއް އެތަނުގައި ހާޒިރުވެ ތިބިކަން ހާމަވެގެންދާކަމަށެވެ.

އާޒިމް ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން، ރައީސް ސާލިހުގެ އަރިހަށް ދިއުމަކީ މެމްބަރުން ކުރަންޖެހޭކަމެއް ނޫންކަމަށެވެ. އަދި މަޖިލީހުގައިވެސް ލީޑަރޝިޕެއް އޮންނާނެކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ މަޖިލީހުގައި ދިމާވާ ކަންކަމާއިމެދު އެތަނުގައި މަޝްވަރާ ކުރެވެން ޖެހޭނެކަމަށެވެ.

އާޒިމް ވިދާޅުވީ، ހެނދު އައިސް ކަންކަމާއި އުޅެގެން ނޫނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެކަމަށެވެ. އަދި ކަމެއް ދިމާވާ ފަހަރަކު ރައީސް ސާލިހުގެ އަރިހައް ދާ ނަމަ، މަޖިލީހުގެ ތިބެނީ އެމަނިކުފާނުގެ މެމްބަރުންތަކެއް ކަމަށާއި އެކަމުން ރާއްޖެ އަދި ރައްޔިތުންނަށްވެސް ވާނެ ފައިދާއެއް ނޯންނާނެކަމަށް އެނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ރާއްޖޭގެ ތިން ބާރު އޮތީ ވަކިވެފައިކަމަށް ގާނޫނޫއަސާސީ ސާފުކޮށް ބަޔާން ކުރާކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމެއް އެ އުސޫލުތަކާއި ހިލާފަށް ހިނގަމުންދާ މަންޒަރު ފެނުމަކީ ހިތާމަ ކުރާ ލަދުގަންނަ ކަމެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ރައީސް ސާލިހުގެ މެމްބަރުން ކަމަށް ބުނާ މީހެއްގެ ކިބައިގައި ވަކި ޝަރުތަކެއް ހުރިކަމަށް އިޝާރާތްކުރައްވާ އާޒިމް ވިދާޅުވީ އެފަދަ މެމްބަރުންގެ އާއިލީ ކޮންމެވެސް މީހަކަށް ސިޔާސީ މަގާމެއް ދެވިފައިވުމަކީ ޝަރުތެއްކަމަށެވެ. ދެވަނަ ޝަރުތެއް ގޮތުގައި އާޒިމް ފާހަގަކުރެއްވީ އެފަދަ މެމްބަރުންގެ އާއިލާ މީހަކަށް ސަރުކާރުގެ ޕްރޮޖެކްޓެއް ހަވާލުވެފައިވުމެވެ. އަދި އެފަދަ މެމްބަރުންގެ އާއިލީ މީހެއްގެ މައްސަލައެއް ޝަރީއަތުގައި އޮތުން ނުވަތަ ފުލުހުން ތަހުގީގު ކުރަމުން ދިއުމަކީވެސް ޝަރުތެއް ކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، އެފަދަ މެމްބަރުންގެ ހަތަރެސްފައިވަނީ ވާފަށަކުން ބަނދެވިފައިކަމަށެވެ. އަދި އެ ވާފައް އޮންނަނީ ރައީސް އޮފީހުން ބޭނުންވި އިރަކުން ވާންކޮށް، ބޭނުންވި ގޮތަކަށް ކަންކަން ކުރުވޭނެ ހިސާބުގައިކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުންވެސް ފެނިގެންދަނީ އެކަމުގެ އަސަރުތައް ކަމަށާއި، އެކަމާއި އެނާ ކަންބޮޑުވެލައްވާކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ަމަޖިލީހަކީ ސަރުކާރު ތަމްސީލު ކުރާ ތަނެއް ނޫންނަކަމަށާއި އެތަނުގައި ތަމްސީލު ކުރަނީ ރައްޔިތުންކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، މަޖިލީހަށް އަންނަނީ ސަރުކާރާއި ދެކޮޅު ހަދައި ޖެއްސުން ކުރާކަށް ނޫންކަމަށެވެ. އަދި ސަރުކާރަށް ފަސޭހަވެސް ކޮށްދޭކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް ބެލުމަކީ އެންމެ މުހިންމު ޒިންމާ ކަމުގައި ގަބޫލު ނުކުރެވޭ ނަމަ ރައްޔިތުން ތަމްސީލު ކުރުމުގެ ނަމުގައި މަޖިލީހަށް އައިސް ތިބުމުގެ މާނައެއް ނެތްކަމަށެވެ.

އާޒިމް ވިދާޅުވީ، މަޖިލީހުގެ ޒިންމާއަކީ ރައްޔިތުން ތަމްސީލުކޮށް، އެ މީހުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުންކަމަށެވެ. އެހެންކަމުން އެ އުސޫލުގެ މަތިން ކަންކަން ކުރިއަށް ނުގެންދެވޭނަމަ ރާއްޖޭގެ ކަންކަން ބޮއްސުން ލައިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އިއްޔެ ފެނިގެންދިޔަ މަންޒަރަކީ މީހަރު އޮތް އުސޫލުގެ މަތިން ރާއްޖޭގެ އެއްވެސް ކަމެއް ރަނގަޅަށް ކުރިއަށް ނުދާނެކަމުގެ ހެއްކެއް ކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: