ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ކަންބޮޑުވުން: ރާއްޖެ ބަނގުރޫޓު ވެދާނެ، ރިޒާވާއި ބެހޭ މައުލޫމާތު ހޯދަން ޖެހޭ!

މަޖިލިސް އިދާރާގައި ބޭއްވި ޕްރެސްއެއްގައި ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރިޒާވާއި ބެހޭ މައުލޫމާތުތައް ހޯދައި، ލަންކާއަށް ވީގޮތް ވިޔަ ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހުރި އަދަދުތަކަކީ، ހިޔާލީ އަދަދުތަކެއްގެ ގޮތުގައި ސިފަކޮށް ރައީސް ނަޝީދާއި އަރިސް މެމްބަރުން ވާހަކަ ދައްކަވާފައިވަނިކޮށް އެމަނިކުފާނުގެ ފަރާތުން ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ސިޓީއެއް ވަނީ ފޮނުއްވާފަ އެވެ. 2023 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި، ފިސްކަލް ހާލަތު އަދި ދައުލަތުގެ ދަރަންޏާއި ގުޅޭގޮތުން ބައެއް ނުކުތާތައް ހިމަނުއްވާފައި ވެއެވެ. އަދި އެމްއެމްއޭގެ ލަފާތަކަށް އެއްވެސް ރިއާޔަތް ކުރުމެއް ނެތުމާއި، އަދަދުތަކަކީ އެއްވެސް އަސްލެއް ނެތް ނަމްބަރުތަކެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން، މި ހަފްތާގައި 160 މިލިއަން އިތުރުކޮށް އަންނަ އަހަރުގެ ބަޖެޓު ފާސްކުރިއިރު މަޖިލީހަށް ހުށެހޚި ކޮމިޓީގެ ރިޕޯޓަށް ވާހަކަ ދައްކާނެ މެމްބަރެއް ނެތިގެން މިއަދު ވެސް ޖެހުނީ ޖަލްސާ ނިންމާލާށެވެ. މެމްބަރުންގެ ފަރާތުން މާބޮޑު ސަމާލުކަމެއް ނުލިބުނު ބަޖެޓު ރިޕޯޓަށް ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދޭން މަޖިލީހުން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

މިސާލެއްގެ ގޮތުގައި ސްރީލަންކާ ނަންގަވައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެގައުމަށް ދިމާވި ހާލަތުން އަރައިގަތުމުގައި އާއި ދާދިފަހުން ގާނާއަށް ދިމާވި އިގްތިސާދީ އަޑިގުޑަނުގައި އެހީވުމަށް މަސައްކަތް ކުރިކަމަށެވެ. ދެ ގައުމުގެ ވެސް ހާލަތު ދަށްވެ، އެންމެ ފަހުން ކުރިމަތިލާން ޖެހުނީ ބަނގުރޫޓާއިކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެފަދަ ހާލަތެއް ރާއްޖެއަށް މެދުވެރިވާން ބޭނުން ނުވާ ކަމަށެވެ.

ތަކުރާރުކޮށް ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި ހުންނަވަނިކޮށް، އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަން އެމަނިކުފާނަށް ވެސް އުނދަގޫކަމަކަށް ވާނެ ކަމަށެވެ. އެހެންވެ ރައީސް ނަޝީދު ގޮވާލީ، މަޖިލީހުން އިސް ރާއްޖޭގެ މާލިއްޔަތާއި މެދު އުފެދޭ ސުވާލުތައް ސާފު ކުރުމަށެވެ. އަދި ރައްޔިތުންނަށް އެކަމުގެ އެންމެ ފުރިހަމަ ތެދު މައުލޫމާތު ފޯރުކޮށްދިނުން މުހިންމުކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކާޑުގެ ބާވަތްތަކާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު ތެލަށް ދައްކާނެ ފައިސާ ހުރިތޯ ބެލުމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ގައުމު ބަނގުރޫޓުވާ ހާލަތުގައި އޮއްވައި މަޖިލީހުގެ ރިޔާސަަތުގައި އިންނެވުން ލަދު ގަންނަކަމަށް ރައީސް ނަޝީދު ވިދާޅުވީއިރު، މީގެ ކުރިން ވެސް އެކި ފަހަރު މަތީން ރާއްޖޭގެ ރިޒާވާއި މެދު ސުވާލު އުފައްދައި އެމަނިކުފާނު ވާހަކަ ދެއްކެވި އެވެ. އަދި އިގްތިސާދީ ހާލަތު ދަށްވެ، ދަރަނި އިންތިހާއަށް އިތުރުވުމުން ވެސް ސަރުކާރުގެ އެއްވެސް ކަންބޮޑުވުމެއް ނުފެނުމަކީ ގޯހެއްގެ ގޮތުގައި ފާހަގަކޮށް ރައީސް ނަޝީދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ވެސް ފާޑުވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: