ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތަކުގެ ވާހަކަތައް ހޮޅުއަށިއަށީގައި، ސައިހޮޓާތަކުގައި އަދި އެނޫން ވެސް އެތައް މަޖިލީސްތަކެއްގައި ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި އޮންނަތާ 40 ވަރަކަށް އަހަރުވީއެވެ. އެ މައްސަލަތަކަކީ މައްސަލަތަކެއްގެ ގޮތުގައި ދެކިގެން އެ ކަންކަން ޙައްލުކުރުމަށް ކޮންމެ ސަރުކާރަކުން ގޮވާލި ނަމަވެސް ހަގީގަތުގައު މި މައްސަލައަށް ހެއްލެއް ގެނެވޭނެ ކަމުގެ އުންމީދުގެ ހުޅުކޮޅު ދިއްލާލަދިން ސަރުކާރެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ނޫނީ ނެތެވެ. މިހެން ދަންނަވަން ޖެހޭ ސަބަބަކީ، އެ ކަންކަމާމެދު ފިޔަވަޅެއް އަޅާފައިވާތަން ފެންނާން ނެތުމެވެ. މި ސަރުކާރާ ޖެހެންދެން ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިންގެ ޢަދަދު ދިޔައީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު ވެސް ދިޔައީ އަހަރުން އަހަރުން ގުނަވަމުން މައްޗަށެވެ.
އެ މީހުންނަށް އިހާނެތިކޮށް ހިތާ މައްސަލަތަކާއި ބިދޭސީންގެ އެކޮމަޑޭޝަންގެ ހާލަތުގެ ވާހަކަ ދައްކާނެ ވެސް ކަމެއްނެތެވެ. އެންމެ ފަހުން ބިދޭސީން އަމިއްލައަށް އެހެން ބިދޭސީންނަށް ގެސްޓްހައުސް ހިންގައި ހިސާބަށް ކަންކަން އޮތީ ގޮސްފައެވެ. ރާއްޖޭގައި ތިބީ ކިތައް ބިދޭސީ މަސައްކަތްތެރިންކަމެއް ވެސް ހިތުލަފައަކަށް ނޫނީ އެނގޭނެ ގޮތެއް ނެތެވެ. ބިދޭސީ މަސައްކަތްތެރިން ގިނަވެ ބިދޭސީ މަސައަކަތްތެރިން ނެތީ ކޮންދާއިރާއެއްގައި ބާވައޭ ހިތައް އަރާހިސާބަށް ކަންކަން އޮތީ ގޮސްފައެވެ. ކޮންސްޓްރަކްޝަން މަސައްކަތުން ފެށިގެން ރިޒޯޓްތަކާއި ދަނޑުބިންތަކާއި މަސްދޯނިތަކާއި ކުޑަމިނުން ރާބަދި ހިފައިންގެން ރާކުރަން ރުކަށް އަރަން ވެސް ތިބީ ބިދޭސީންނެވެ.
ބިދޭސީންނާ ގުޅޭ ކަންކަން މި ފާހަގަ ކުރި ހާލަތެއްގައި އޮއްވައި ރައީސް ޞާލިޙްގެ ސަރުކާރުން ވަނީ ސުމަކުން ފަށައިގެން އަލުން ނިޒާމުތައް ޤާއިމުކޮށްދީ ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ގެނައުމުގެ މަސައްކަތް ފަށައި ކާމިޔާބީތަކެއް ޙާޞިލްކޮށްފައެވެ.
އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި އޮތް މައްސަލަ ސުމަކުން ފަށައިގަތުން
އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި އޮތް ބިދޭސީންގެ ރެޖިސްޓްރީގެ ކަންކަން ހަރުދަނާކޮށް ސަރުކާރުން ފުރަތަމަ ވެސް ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު ދެނެގަނެ ބިދޭސީންގެ ދަފުތަރެއް އެކުލަވާލާފައެވެ. ”ހަރަހެރި“ ގެ ނަމުގައި ޕޯޓަލްއެއް އިފްތިތާޙުކޮށް ފެށި މި މަސައްކަތުގެ ދަށުން މާލޭގެ އިތުރުން ރަށްރަށުގައި ދިރިއުޅޭ ބިދޭސީން ވެސް މި ޕޯޓަލްގެ ތެރެއިން ރަޖިސްޓްރީ ކުރުވުމުގެ ޒިންމާ އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ފުރިހަމަ ޢަދަދުތައް ދެނެގަތުމަށް ވަނީ މަގުފަހިވެފައެވެ. ހަމަ އެހެންމެ އެތައް ބަޔަކު، ހުންނަންޖެހޭ ލިޔެކިޔުންނެތި ޤަވާޢިދާ ޚިފާލަށް އުޅެމުންދާކަމަށާއި އެ މީހުންގެ އަތުގައި އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް ރާއްޖޭގައި މަސައްކަތްކުރުމަށް ފަހި މާޙައުލެއް އޮތްކަން އެނގުމާއެކު ދެންފެށީ މަސައްކަތްތެރިން ޤަވާޢިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތެވެ.
ބިދޭސީން ގާނޫނީ އުނިގަނޑެއްގެ ތެރެއަށް ގެނައުމަށް ކުރެވިފައިވާ މަސައްކަތްތައް
ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ މަސައްކަތްތެރިންގެ މައްސަލަ ޙައްލުކުރުމުގައި ކުރީގެ ސަރުކާރުތަކުން ގެންގުޅުނު އުސޫލަކީ އެ ފަދަ މީހުން ހިފައި ހައްޔަރުކޮށް އަދަބުދީ ނުވަތަ ޑީޕޯޓްކޮށްލުމުގެ އުސޫލެވެ. ނަމަވެސް މި ސަރުކާރުން ދުށީ މިއީ އެއަށްވުރެ މާ ފުޅާ، ބޮޑު މައްސަލައެއްގެ ގޮތުގައެވެ. ބައެއް ބިދޭސީން ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެން މަޖުބޫރުވެފައި ވަނީ އެ މީހުނާ ހަވާލުވެ މަސްޢޫލިއްޔަތު ނަގަންޖެހޭ ފަރާތްތަކުގެ އިހުމާލާ ވެސް އެކުގައެވެ. އެހެންކަމުން މި ސަރުކާރުން ކަމާގުޅޭ ޤަވާޢިދުތައް ހަރުދަނާކޮށް ބިދޭސީ މަސައްކަތްތެރިންނާ ހަވާލުވެފައިވާ ފަރާތްތައް ޒިންމާދާރުކުރުވުމުގެ މަސައްކަތް ވެސް ފެށިއެވެ.
ހަމަ އެހެންމެ އަމިއްލައަށް އެދިގެން ޤަވާޢިދުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ވަރަށް ބޮޑަށް ފުޅާކޮށް، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ވެސް ޤަވާޢިދުގެ ތެރެއަށް ވައްދައިގެން އެކި މަސައްކަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ ފަސޭހަގޮތްތަކެއް ހޯދައިދީފިއެވެ. މި ކަންކަން ޙާޞިލްކުރުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީއިން ވަނީ ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީ މަސައްކަތްތެރިންނާ ބެހޭ ޤަވާޢިދަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް އަދި އިސްލާޙުގެ ދަށުން ޖުމްލަ 7 އުސޫލެއް އެކުލަވާލާ އެތައް ކަމެއް ހަރުދަނާކޮށްފައެވެ.
ސަރުކާރުން ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ކާމިޔާބުކަން ދައްކުވައިދޭ އެއް ހެއްކަކީ އެ ޕްރޮގްރާމަށް ލިބުނު ތަރުޙީބެވެ. ޤަވާޢިދުގެ ތެރެއަށް ވަދެ ރެޖިސްޓްރީވާން އެދިގެން އައި ބިދޭސީންގެ ކިޔުތައް ދިގުވެ، އެންމެފަހުން ޤައުމީ ބޯޅަދަނޑު ފުރައިލިއެވެ. ދިގު ކިޔޫތައް ހަދައިގެން މަސައްކަތް ފަށަން ޖެހުނެވެ. އިކޮނޮމިކް މިނިސްޓްރީން ބުނާ ގޮތުގައި މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 60 ހާހެއްހާ މީހުން ޤަވާޢިދުގެ ތެރެއަށް ވަނުމަށް އެދިފައިވެއެވެ.
ސުމާރެއް ނެތް ގޮތެއްގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެވަމުން އަންނަނިކޮށް އެކަން ހުއްޓުވައިދިނީ 2019 ވަނަ އަހަރު މި ސަރުކާރުން ކަނޑައެޅި މޮރެޓޯރިއަމްގެ ދަށުން އެއް ޤައުމަކަށް ނިޞްބަތްވާ 150،000 އަށްވުރެ ގިނަ ބިދޭސީންނަށް ނުތިބެވޭގޮތަށް ނިންމި ނިންމުމެވެ. އެއާއެކު އެ ވަގުތަށް ރާއްޖޭގައި މަސައްކަތްކުރަމުންދިޔަ ބަނގްލަދޭޝްއަށް ނިޞްބަތްވާ މަސައްކަތްތެރިންގެ ޢަދަދު އެ ޢަދަދަށްވުރެ އިތުރުވުމުން ބަންގްލަދޭޝްގެ އަންސްކިލްޑް މަސައްކަތްތެރިންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދިނުން ހުއްޓާލިއެވެ.
ޤާނޫނީ ގޮތުން ގެނެވުނު ބަދަލުތަކާއެކު 20،000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލެވުނެވެ. ހަމައެހެންމެ މި ޢަދަދުތައް މަދުކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްއަށް ނިޞްބަތްވާ މީހުންގެ ތެރެއިން ރާއްޖެއިން ފުރައިގެން ގޮސްފައިވާ ގާތްގަނޑަކަށް 15،000 ފަރާތެއްގެ އެމްޕްލޯއިމަންޓް އެޕްރޫވަލް ވަނީ ކެންސަލް ކޮށްފައެވެ. މިއީ އަދި ހަމަ އެންމެ ނަޒަރަކުން ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތަކާ ގުޅޭގޮތުން ސަރުކާރުން ޙާޞިލްކޮށްފައިވާ ކަންކަމަށް ނަޒަރު ހިންގާލުމުން ފެނުނުހާ ކަންކަމެވެ. އަދި ފިޔަވަހިތަކާއި ފިޔަވަޅުތައް އޮތީ ކުރިޔަށެވެ. ނަމަވެސް މިހާރު ވެސް އެ ވަނީ އުންމީދީ ބަދަލެއް ގެނެސްދީފައެވެ.
ބިދޭސީންނަށް އެހީވުމަށް ކުރެވުނު މަސައްކަތްތައް
ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެވަނީ ކޮންމެވެސް ބައެއްގެ ހަވާލުގައި ނަމަވެސް އެ ފަރާތްތަކުގެ އަޅައިލުމެއް ނެތި ދަތި ހާލުގައި ތޮއްޖެހިފައިވާ އެކޮމަޑޭޝަންތަކުގައި އެތައް ހާސް ބިދޭސީންނެއް ދިރިއުޅެއެވެ. ކޯވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް މާލޭގައި ފެށި، މާލެ ލޮކްޑައުން ކުރުމާއި ހަމައިން މިފަދަ ތަންތަނުގެ ޙާލަތަށް ބަލައި ބަލި ފެތުރުން އިތުރަށް ކޮންޓްރޯލްކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުންނާއި ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންއާ އެއްގޮތަށް ކަންކަން ބައްޓަންކުރުމުގެ ގޮތުން އެފަދަ ހާލަތު ދަށް ތަންތަނުގައި ވަޒީފާދޭ ފަރާތުގެ އެހީތެރިކަމެއް ނެތި ތިބޭ ބިދޭސީ މަސައްކަތްތެރިން ސަރުކާރުގެ އިސްނެގުމަށް ތަރައްޤީކުރި ބިދޭސީ މަސައްކަތްތެރިންނަށް ޚާއްޞަ ފެސިލިޓީތަކަށް ސަރުކާރުގެ ޚަރަދުގައި ބަދަލުކުރެވުނެވެ. އަދި ކޯވިޑުގެ ތެރޭގައި ކަރަންޓީނުކުރުމާއި އައިސޮލޭޓްކޮށް ދޫކުރެވޭ ބިދޭސީ މަސައްކަތްތެރިން އެ މީހުންގެ ވެރިފަރާތްތަކާ ހަވާލުކުރުމާއި މީގެ ތެރެއިން ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ފަރާތްތައް ސަރުކާރުން ހިންގާ އެކޮމަޑޭޝަން ފެސިލިޓީތަކަށް ގެންގޮސް އެ ތަންތަނުގައި އެ ފަރާތްތަކަށް ކެއިންބުއިމާއި ޞިއްޙީ ޚިދުމަތް ހަމަޖައްސައިދިނުމާއި އަދި ޤަވާޢިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވަޒީފާ ހޯދައިދީ ރެގުލަރައިޒް ކޮށްދިނުމާއި އެނބުރި ޤައުމަށްދާން ބޭނުންވާ ފަރާތްތައް ރިޕެޓްރިއޭޓްކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކޮށްދިނެވެ.
ބިދޭސީ މަސައްކަތްތެރިންނަށް އެކޮމަޑޭޝަން ހަމަޖައްސައިދޭ އެތައް ތަނަކީ އިންސާނުން ދިރިއުޅެން އެކަށޭނެ ތަންތަނަށް ނުވާ ޙާލަތުގައި ހުރި ތަންތަން ކަމުގައިވިޔަސް އެ ތަންތަން ވެސް ފެނުނީ މި ސަރުކާރަށެވެ. މީގެ ކުރިން އެ ކަންކަމާ ބެހޭގޮތުން ޑްރާމާތަކަށް ދާންދެން ދައްކާހެދިނަމަވެސް މި ވީހާތަނަށް އެއްވެސް ސަރުކާރަކަށް އެކަމަށް ބަދަލެއް ގެނެއެއް ނުދެވުނެވެ. މިހާރުގެ ސަރުކާރުން ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ވަޒީފާދޭ ފަރާތުން ’އެކޮމޮޑޭޝަން‘ ހަމަޖެއްސުމުގެ މިންގަނޑު ޢާންމުކޮށް ވަޒީފާދޭ ފަރާތްތަކަށް ވަނީ އެ މިންގަނޑަށް ފެތޭ ރަޖިސްޓްރީކޮށްފައިވާ އެކޮމަޑޭޝަންތަކުގައި ބިދޭސީން ބޭތިއްބުމަށް ލާޒިމުކޮށްފައެވެ. އަދި ސަރުކާރުގެ ކުރިއަށް އޮތް ޕްލޭނަކީ އެކްސްޕެޓް ވިލެޖެއް ޤާއިމުކޮށް ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ބިދޭސީ މަސައްކަތްތެރިންނަށް އެތަނުން ހަމަޖައްސައިދިނުމުގެ ފުރުޞަތު ދިނުމެވެ.
ވަށާޖެހޭ ޙައްލަކާ ދިމާއަށް
ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށްގެންދަނީ ހަމައެކަނީ އެންމެ ދިމާއަކަށް ފޯކަސްކޮށްގެނެއް ނޫނެވެ. އެކަމާ ގުޅިގެން ހުރި ހުރިހާ މައްސަލަތަކަށް ޙައްލެއް ލިބޭނެގޮތަށް ވިސްނުން ބަހައްޓައިގެންނެވެ. ބިދޭސީ މަސައްކަތްތެރިންގެ ރެގިއުލަރައިޒް ޕްރޮގްރާމާއި ރިޕެޓްރިއޭޓް ޕްރޮގްރާމް ކުރިޔަށްގެންދާއިރު ސަރުކާރުން އަންނަނީ ދިވެހި ޒުވާނުން މަސައްކަތަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކާ ތަމްރީނުތައް އިތުރުކުރަމުންނެވެ. އަދި ދިވެހިންނަށް ޚާއްޞަ ބައެއް ދާއިރާތައް ކަމުގައިވާ މަސްވެރިކަމާއި ދަނޑުވެރިކަމުގައި ވެސް ދިވެހި މަސައްކަތްތެރިންގެ ދައުރު ފުޅާކުރުމަށް ތަފާތު އެކި ޕްރޮގްރާތައް ހިންގުމާއި އެހީތައް ފޯރުކޮށްދިނުން ފަދަ ފަސޭޙަތައް ދިވެހިންނަށް ސަރުކާރުން އަންނަނީ ފަހިކޮށްދެމުންނެވެ. އިކޮނޮމިކް މިނިސްޓްރީން ހުޅުވި ޖޮބް ޕޯޓަލްއަކީ ވެސް ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރާށްޓެކެވެ. އިތުރުކަމެއްގެ ގޮތުން ސަރުކާރުގެ ވަޢުދެއްގެ ގޮތުން އެންމެ ދަށް މުސާރަ ކަނޑައެޅުން ވެގެންދާނީ ވެސް އެންމެ އާދައިގެ ވަޒީފާތަކަށް ކުރިމަތިލާ ދިވެހިންގެ ޢަދަދު އިތުރުވެގެންދާނެ ކަމަކަށެވެ.
ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މިހާރު މި ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެ މައްސަލައިގެ ވަށައިގެންހުރި ހުރިހާ މައްސަލަތަކަށް ޙައްލު ހޯދުމަށް ސަރުކާރުން ފަށައިގެން ކުރިޔަށްގެންދާ މަސައްކަތްތަކަށް ކޯވިޑްގެ ސަބަބުން ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިނަމަވެސް އެ މަސައްކަތް ދަނީ ކުރިޔަށެވެ. ކަނޑައަޅާފައިވާ ޢަދަދުތަކަށްވުރެ ދަށުގައި ބިދޭސީ މަސައްކަތްތެރިންގެ އާބާދީ ހިފަހައްޓާނެއެވެ.
ހަމަ އެހެންމެ ޤަވާޢިދާ ޚިލާފަށް ބިދޭސީ މަސައްކަތްތެރިންނަށް މަސައްކަތްކުރުމުގެ ފުރުޞަތު ބަންދުވެ ޤަވާޢިދުގެ ތެރެއަށް ހުރިހާ ފަރާތްތައް ވެއްދޭނެއެވެ. މޮނިޓަރކުރުމާއި އިންސްޕެކްޓްކުރުން ހަރުދަނާކޮށް ބިދޭސީންގެ މަސައްކަތްކުރާ ތަންތަނާއި އެމީހުން ދިރިއުޅޭ ތަންތަނުގެ ޙާލަތު އެއް މިންގަނޑެއްގައި ހިފެހެއްޓޭނެއެވެ. އަދި އެ މީހުންގެ އެކޮމަޑޭޝަންގެ މައްސަލަތަކަށް ދާއިމީ ޙައްލެއް އަދި ބިދޭސީ މަސައްކަތްތެރިންނަށް ޚާއްޞަ ވިލޭޖް ހެދުމާއެކު ލިބިގެންދާނެއެވެ. ސަރުކާރުން މިވަނީ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމުގައި ކާމިޔާބީއެއް ޙާޞިލުކޮށްފައެވެ. މި ސަރުކާރުން އެ މައްސަލަތައް ހައްލު ކުރާނެކަން އެވަނީ ދައްކައިދީފައެވެ. މިއީ، ކުރީގެ ސަރުކާރަކަށް ކުރެވުނު ކަމެއް ނޫނެވެ. ނަމަވެސް، މިއީ ސަރުކާރަށް އެކަނި ވާނޭ ކަމެއް ނޫނެވެ. އެންމެ ފަހުން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ވެސް ބިނޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް އެކިއެކި ސަރުކާރުތަކުން އިހުމާލުވެފައިވާ މިންވަރު ދައްކުވައިދިން ހިތާމަވެރި ހިތްދަތި ހާދިސާއެކެވެ. މިހާރު ސަރުކާރުން ވަނީ ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންނާއި މަސައްކަތް ކުރުވާ މީހުންނާއި މަސައްކަތްތެތރިން ތިބޭ ތަންތަނާއި މަސައްކަތްކުރާ ތަނުގެ ރައްކާތެރިކަން ކަށްވަރުކޮށް އެކަށޭނެ ގާނޫނީ ނިޒާމެއް ގާއިމް ކުރުމަށްޓަކައި މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ. އެ ގާނޫނު ވުޖޫދު ވުމުން ބޮޑު ބަދަލެއް އަންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ކޮންމެއަކަސް ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އަކީ ބޮޑު މައްސަލައެކެވެ. ހައްލު ނުކުރެވިއްޖެނަމަ ގައުމީ ސަލާމަތަށް ނުރައްކަލެއް ވެސް ކުރިމަތި ވެދާނެއެވެ. އެހެންކަމުން މި ކަމުގައި އެންމެންގެ ބައިވެރިވުން ބޭނުންވާނެއެވެ. ބިދޭސީ މަސައްކަތްތެރީން ގެންގުޅޭ ކުންފުނިތަކާއި، ޢާންމު ފަރުދުންގެ ވެސް މެއެވެ. މިކަމުގައި ބޭނުންވަނީ އިޙުސާންތެރި، ޞާލިޙް ވެރިއަކާއި، ހަރުދަނާ، ހިންގުންތެރި ސަރުކާރަކާއި، އޯގާތެރި މުޖުތަމަޢެކެވެ.

