ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކީއްކުރާ ވެރިކަމެއް، ހުސް ޝަކުވާ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ރައީސް ނަޝީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ކުރިމަތިލާން ޖެހުނު ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން، ބަންދަކުން ދޫވެ 2021 ވަނަ އަހަރާއި ކުރިމަތިލީ ބޮޑެތި އުންމީދުތަކާއި އެކު އެވެ. ސަރުކާރުގެ ހިނގުމާއި ދުވެލި އަވަސްވާނެކަމާއި، ހުއްޓިގެން ދިޔަ ދިރިއުޅުންތައް އަލުން އާރާސްތު ކުރުމުގައި ފަސޭހަތަކެއް ވާނެކަމަށް އުންމީދުކޮށްގެންނެވެ.

ދިވެހީން ކުރިމަތިލާން ޖެހުނު، ހިތްދަތިކަމުން އަރައިގަތުމަށް މަސައްކަތް ކުރީ، އެއްވެސް ހާލެއްގައި ސިޔާސީ ހަމަނުޖެހުމެއް އައިސްދާނެކަމަށް ހީކޮށްގެން ނޫނެވެ. އެންމެން އެކީ މަސައްކަތް ކުރާނެކަމަށް ބެލެވުނު ވަގުތެއްގެ ތެރެއިން ފެނުނީ ދެ ބަސްވުމާއި، ކޯޅުންތަކެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދުރާލައި ރާވައިގެން، ބަޔަކު ދިން ޓެރަރިސްޓު ހަމަލާއަކީ، މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު ހާދިސާ އެކެވެ. އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއިން އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ކިރިޔާ އެވެ. ހަމަލާގެ ތަހުގީގު ސީރިއަސް ގޮތެއްގައި ތަހުގީގު ނުކުރާކަމަށް ބުނުމާއި، ހަމަލާއެއް ދޭން ބަޔަކު ރާވަމުން ދިޔަކަން ފުލުހުންނާއި އެމްއެންޑީއެފްގެ އިންޓެލިޖެންސަށް އެނގިފައި ނުވާތީ އެމްޑީޕީގެ އެތެރެ ހޫނުވި އެވެ. އޭގެ ސަބަބުން އެމްޑީޕީގެ އެތެރޭގައި އެތައް ދުވަސްތަކެއް ވަންދެން ފަސް އަޅައި ފޮރުވާފައި އޮތް ދެ ބަސްވުންތައް މީޑިއާތަކަށް ތިލަވެ، އެންމެ ފަހުން އާއްމު ބޮޑެތި ފޯރަމްތަކުގައި ވެސް ހާމައަށް ފެންނަހެން ބަހުގެ ހަމަލާތައް ދޭން ފެށި އެވެ.

ސަރުކާރުގެ މައި ޕާޓީ ކޯޅުމެއްގެ ތެރޭގައި އަވަދިނެތި އޮއްވައި، މަނީ ލޯންޑްރިންގެ ކުށް ދަށު ކޯޓުން ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގެ ގައްޔޫމްގެ ނައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުގެ އިސްތިއުނާފު މަރުހަލާއިން ބާތިލު ކުރުމުން އެންމެން އެކީ ހޭއެރި އެވެ. އެއަށް ފަހު އަވަހަށް ބެލީ، އާރަށު މައްސަލައިގެ އަޑުއެހުންތައް ކައިރި ކައިރީގައި ތާވަލު ކުރުމަށެވެ. އަދި ފަޓާސް ބަރިއެއްހެން ގެންގޮސް ކުރު މުއްދަތެއްގެ ތެރޭގައި އަޑުއެހުންތައް ނިންމާލި އެވެ. ނެގީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހެވެ. މައްސަލައިގެ ހުކުމް އިއްވުން މިއޮތީ މި ހަފްތާއަށް ތާވަލުކޮށްފަ އެވެ.

މިވަގުތު އެންމެގެ ނަޒަރު ހުއްޓިފައި އޮތީ، ރައީސް ނަޝީދާއި ރައީސުލްޖުމްހޫެރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގޯސްވެފައިވާ ގުޅުމަށާއި، އެއް ހުކުމުން މިނިވަންވުމަށް ފަހު އަނެއްކާ ވެސް ރައީސް ޔާމީންގެ މައްޗަށް އައިސްދާނެ އިތުރު ހުކުމަކަށް ބަލަބަލަ އެވެ. މި ދައުވާ ރައީސް ޔާމީނަށް ސާބިތު ނުވެ ގޮސްފި ނަމަ، އެ ވެގެން ދާނީ 2023 ކާމިޔާބު ކުރުމަށް އެމްޑީޕީ ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ހުރަހަށެވެ.

ވެރިކަމަށް އައުމަށް ފަހު 19 ވަނަ މަޖިލީސް އިންތިހާބަށް ފަހު، ދެން ބޭއްވި ކޮންމެ އިންތިހާބަކުން އެމްޑީޕީއަށް ލިބެނީ އެ ބުނާ ފެންވަރު ދައްކާލެވޭ ވަރުގެ ނަތީޖާއެއް ނޫނެވެ. ހާއްސަކޮށް ލޯކަލް ކައުންސިލް، އިންތިހާބުގެ ނަތީޖާ އެވެ. ޕާޓީއަށް ވެރިރަށް މާލޭގެ ގޮނޑިތަކާއި އެކު މޭޔަރުކަމުގެ ގޮނޑި ގެއްލުންވީ ރައީސް ނަޝީދަށް އުނދަގޫވި ނަތީޖާއަކަށެވެ. އެމްޑީޕީން ވެފައިވާ ވައުދުތައް ނުފުއްދުމުން، ޕާޓީއަށް ގެއްލުންތަކެއް ވިކަމަށް ތަކުރާރުކޮށް މީޑިއާތައް ހާޒިރުކޮށްގެން ވިދާޅުވި އެވެ. އަދި ހިޔަނާތުގެ މައްސަލަތައް ނުބެލުމާއި، ބޯހިޔާވަހިކަމުގެ ޝަކުވާތަކަށް އެއްވެސް ހައްލެއް ނުގެނައުން އެއީ ރައްޔިތުން އިދިކޮޅުގެ މެމްބަރުންނަށް ވޯޓު ދިން ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

މި ހުރިހާ ސުވާލެއް، ހިފައިގެން ގޮސް ނޫސްވެރިން ރައީސް ސޯލިހާއި އަމާޒު ކުރި އެވެ. އަދި ހިޔަނާތް ބެލުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ރައީސް ސޯލިހާއި އެ ސުވާލު ކުރެވުނެވެ. އެމަނިކުފާނު ދެއްވާ ޖަވާބަކީ މައްސަލަތައް މި ސަރުކާރުން ބަލާނެ ކަމަށެވެ. ކޮރަޕްޝަނަށް ”ޒީރޯ ޓޮލަރެންސް“ ގެ ސިޔާސަތުގެ ދަށުން ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އެމްއެމްޕީއާރުސީގެ މައްސަލަައިގައި ނުފޮރަޅާ އެންމެ ގަލެއް ވެސް ނުބާއްވާނެކަމުގެ ވައުދާއި އެކު އެވެ. ނަމަވެސް ނަތީޖާއެއް ނުނެރެވޭ ކޮމިޝަނަކަށް ބޮޑެތި ހަރަދުތައް ކުރުމުގެ ބޭނުމެއް ނެތްކަން އެމްޑީޕީގެ މެމްބަރުން ވެސް ގަބޫލު ކުރެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމީ އެ ކޮމިޝަނުގެ މިދިޔަ ފަސް އަހަރުގެ އޮޑިޓެއް ހެދުމަށްފަހު، އެ މެމްބަރުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އެވެ.  އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭކަމަށް ބުނެ އައްޔަނު ކުރި އައު މެމްބަރުން އަދި މިހާތަނަށް ކުރިި މަސައްކަތެއް ނެތެވެ. މަސްވެރިންގެ ދުވަހު، މަސްވެރިކަމުން ހިޔާނާތް ނުވުމަށް ގޮވާލުމާއި، ދަނޑުވެރިކަމުގެ ދުވަހު ދަނޑުވެރިންނަށް ހިޔާނާތް ނުވުމަށް ގޮވާލުމާއި، އިންސާނީ ހައްގުތަކުގެ ދުވަހު ކޮރަޕްޝަނާއި ދެކޮޅަށް އަޑުއުފުލަށް ގޮވާލައި ބޮޑެތި ޕޯސްޓު ޖެހުން ފިޔަވައި ކުރި އެއްވެސް މަސައްކަތެއް ނެތެވެ. އެ ބުނާ ތަފާތު ނަތީޖާއެއް ނުދެއްކެ އެވެ. އެހެންކަމުން، އަންނަ ދައުރުގައި މަޖިލީސް ޖަލްސާތައް ފެށުމާއި އެކު، ކޮމިޓީތަކަށް އެންމެ ގިނައިން ގެންދާނެ ބަޔަކީ އޭސީސީ އެވެ. އިންތިހާބުގެ އަހަރަށްވުމާއި އެކު ވެސް މެ އެވެ.

ސިޔާސީ ގޮތުން ގިނަ ކަންތަކެއް މިވަގުތު ދަނީ ހިނގަމުންނެވެ. ސަރުކާރަށް ނަތީޖާއެއް ނުދެއްކުނު ތަނުގައި، އޮޑި ޣަރަގު ވެގެންދާނީ އަމިއްލަ ޕާޓީއާއި ހެދި ތަޅާފޮޅުމުގެ ތެރެއިންކަން ޝައްކެއް ނެތެވެ.

އެތެރޭގެ އިންތިހާބުގެ ތެރެއިން ދެން ކުރިޔަށް އޮތީ، އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ އެވެ. ފޯމުތައް ހުށަހަޅައި، ރަސްމީ މަސައްކަތް ނުފެށެނީސް ޒުވާބުތައް އޮތީ ފެށިފަ އެވެ. ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ހިނގާތާ 50 އަހަރު ފުރި ދިޔަ ނަމަވެސް، އެމްޑީޕީގެ ޝަކުވާތައް ފެށެނީ ޖުމްހޫރީ ވެރިކަމުގައި ހުރި މައްސަލަތަކުންނެވެ. ވެރިކަމަށް ހަތަރު އަހަރުވީ އެވެ. އިދިކޮޅުގައި އޮވެ، މެނިފެސްޓޯއެއް ތައްޔާރުކޮށް އެމްޑީޕީން ބުނީ ރައްޔިތުންނަށް “ހައްގު” ހޯދައިދޭނެ ވާހަކައެވެ.

ދިވެހި ރައްޔިތުން ވައްކަމާއި، ކޮރަޕްޝަންގެ ވާހަކަތައް ދެއްކުމުން މި ސަރުކާރުގެ އިސްވެރިންނާއި، މަޖިލީހުގެ މެމްބަރުން ދައްކަވަނީ ކުރީ ސަރުކާރުގެ ވާހަކައެކެވެ. ސަރުކާރުން ކުރާ ބޭކަރު ހަރަދުތަކުގެ ވާހަކަތައް ދެއްކެވުމުން، ދައްކަނީ މިދިޔަ ސަރުކާރުން ކުރި ކޮންމެވެސް ހަރަދެއްގެ ވާހަކައެކެވެ. ބައެއް މިނިސްޓަރުގެ ބޮލުގައި އެޅުވޭ ތުހުމަތުގެ ވާހަކަތައް ދެއްކެވުމުން ބުނަނީ، އެއީ އެހެން ޕާޓީއެއްގެ މެމްބަރެއް ކަމެވެ. މިއީ އިހުލާސްތެރިކަމުގެ ކަންފުޅެއް ވެސް ނެތް ކަމުގެ ހެއްކެއް ނޫން ތޯއެވެ. ރާއްޖެ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އޮތް އިރު ރައްޔިތުންނަށްޓަކާ ކުރި ކަމެއް ވަކި ކޮބައި ތޯއެވެ. ދިވެހި އެތައް ބައެއްގެ ވަޒީފާތައް ގެއްލި މާލީ ގޮތުން ދަތިވެފައި ތިބި އިރު އެ ފަރާތްތަކަށް އެހީފޯރުކޮށްދޭން ކުރި މަސައްކަތެއް ނެތެވެ.

މިއަދު ދެއްކެވި އެއްވެސް ވާހަކައެއް ދިމައެއް ނުވެއެވެ. ކޮރަޕްޝަނަށް އޮތް ޒީރޯ ޓޮލަރެންސް ވެސް އެތައް ފަހަރެއްގެ މަތީން ފެނިއްޖެއެވެ. އިހުލާސްތެރިކަމެއް ނެތްކަން ވެސް އެނގިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނަށް ބަލާއިރު ސާފު ބޮޑު އަޣުލަބިއްޔަތެއް ދީގެން ވީ ވަކި ފައިދާއެއް ނެތެވެ. ބޭނުންހާ ގޮތަކަށް، ބޭނުން ވައްތަރެއް މަޖިލީހުގެ ތެރޭގައި ޖައްސާއިރު ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނުހުރެއެވެ. ތިމާމެން މަޖިލީހުގެ ތަޅުމުގައި އާއި އެހެން ތަންތާގައި އުޅޭ ގޮތް ފެނި ސަހަރޯ ހީވާން ޖެހެނީ ދެން އެ މަނަޒަރު ބަލަން ހުންނަ މީހާ އަށެވެ.

މުޅި ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލާއިރު ފެންނަނަނީ ރައްޔިތުންގެ ކަންބޮޑުވުންތަކެވެ. އެ ކަންބޮޑުވުންތައް ފޮރުވުމަށް ބައެއް މަޖިލީސް މެމްބަރުން ދަނީ ސަރުކާރުގެ ހުރި “ހެޔޮފުޅުކަން” ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. ޓްވީޓުތަކެއްކޮށް، ރައީސް ދައްކަވާ ވާހަކަތަކާއި ސަރުކާރުގެ ބައެއް އެހެން އިދާރާތުގެ ބަސްތައް “ކޯޓް” ކުރުމަށްފަހު ޓްވީޓު ކުރެއެވެ. އޭގެ ފަހަތުން ޑިރެކްޓަރުން ދަނީ ޓްވީޓު ކުރަމުންނެވެ. ހަގީގަތުގައި ސަރުކާރުގެ ފަހުކޮޅަށް އެޅުނުއިރު ކުރެވުނު މަސައްކަތަށް ވުރެ ކުރާ ޝަކުވާ ބޮޑޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: