ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގަވާލާ ޕީޕީއެމް، ޕީއެންސީން ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލާފިއެވެ.
އިދިކޮޅު ޕީޕީއެމް، ޕީއެންސީން ރޭ ކުރި މުޒާހަރާގައި 21 މީހުން ހަޔައްރު ކުރި ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ހިމެނިވަޑައިގަންނަވައެވެ. ސައީދު ވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.
ޕީޕީއެމް، ޕީއެންސީން ސިލްސަލާ މުޒާހަރާތަކެއް ކުރިޔަށް ގެންދަން ފަށާފައި މިވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއާއި މަނީލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާ ފަސް މިލިޔަން ޑޮލަރުން ޖުރުމަނާ ކުރުމާއި ގުޅިގެންނެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޅި ރާއްޖޭގައި މުޒާހަރާއެއް ކުރިޔަށް ގެންދިއުމަށް ވެސް ޕީޕީއެމް، ޕީއެންސީން ވަނީ ނިންމާފައެވެ. އެގޮތުން މުޅި ރާއްޖޭގައި ކުރުމަށް ހަމަޖެހިފައިވާ މުޒާހަރާ ކުރިޔަށް ގެންދަން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ.
އެ ޕާޓީން ބުނީ ޑިސެމްބަރު 30 ވާ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މުޒާހަރާއަށް ނިކުންނާނެ ކަމަށެވެ.މިއީ ”ހަރާމް ހުކުމް“ގެ ނަމުގައި އިދިކޮޅުން ކުރާ އިހުތިޖާޖެކެވެ.

