އައްޑޫގައި ފަތުރުވެރިކަމުގެ ހިދުމަތް ދިނުމަށް ތަރައްގީ ކުރި، ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނެވެން އޮތީ ދިވެހި ސަރުކާރުގެ ހިއްސާ ދޫކޮށްލައިގެންކަމަށްވާއިރު، ރައްޔިތުން އެގޮތަށް އެދޭ ނަމަ އެ ފިޔަވަޅު އަޅަން ތައްޔާރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރި ނަމަވެސް، ހުއްޓި ގިނަ ދުވަސްތަކެއް ވެފައިވާ ޝަންގްރިއްލާގައި އޮންނަނީ ސަރުކާރުގެ 30 އިންސައްތަ ހިއްސާ އެވެ.
2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ އިންތިހާބުގެ ކެމްޕެއިންތައް ވަނީ ފެށިފަ އެވެ. އައްޑޫއަށް ވަޑައިގެން، ފޭދޫގެ ރައްޔިތުންނާއި އެކު އޮތް ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ކުރީ ސަރުކާރުން މީގެ ކުރިން ޝަންގްރިއްލާގެ އެއްވެސް މަސައްކަތެއް ކައިރިން ބަލާފައި ނެތް ކަމަށެވެ. ޖޮއިންޓް ވެންޗާއެއްގެ ދަށުން ތަން ހިންގަމުން އައި އިރު، އެތަނުގެ ވާނުވާ ވެސް ބެއްލެވުމަށް ސަރުކާރުން މަސައްކަތް ނުކުރާކަމަށް ރައީސް ވިދާޅުވި އެވެ.
މިފަދަ ޖޮއިންޓް ވެންޗާތަކުގެ ދަށުން، ވިޔަފާރި ނުކުރެވޭނެކަން ފާހަގަކޮށް، ރައީސް ވިދާޅުވީ ޝަންގްރިއްލާ ހުޅުވުމަށްޓަކައި ގާނޫނަށް ބަދަކު ގެންނަން ޖެހޭ ކަމަށެވެ. އެ މަސައްކަތް ކުރިޔަށް ގޮސްފައިވާ ހިސާބާއި ބެހޭ ތަފްސީލު ހިއްސާކޮށް ރައީސް ވިދާޅުވީ ރިސޯޓުގެ ހިއްސާ ދޫކޮށްލުމަށް ބެލިއިރު ތަނުގައި ކުންފުނި ހިންގާފައި އޮތީ ގެއްލުމެއްގެ ތެރޭގައި ކަމަށެވެ. އަދި ހިއްސާ އޮތީ ނެގެޓިވްކޮށްކަން ފާހަގަކޮށް ރައީސް ވިދާޅުވީ، ހިއްސާ ދޫކޮށްލުމަށް 70 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އެއްވެސް ސަރުކާރަކުން، މިކަމަށް ދިން ސަމާލުކަމެއް ނެތްކަމަށާއި، ކުންފުނި ހިންގުމަށް ފަހު ސަރުކާރަށް ސްޓޭޓްމަންޓުތައް ހުށަހަޅާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ އޮތް ހަމައެކަނި ހައްލުގެ ގޮތުގައި ރައީސް ވިދާޅުވީ، ކުންފުނީގެ ދަރަންޏާއި ހިއްސާ ބެލުމަށް ފަހު އުނި ކުރަން ޖެހޭ ބައިތައް ބަލައި ދޫކޮށްލުމެވެ. އަދި އައްޑޫގެ ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެލުމަށް ފަހު، އެ ވިސްނުމަށް ތާއީދު ކުރާނަމަ ސަރުކާރުގެ ހިއްސާ ދޫކޮށް މަސައްކަތް ކުރިޔަށް ގެންދިއުމަށް ތައްޔާރުކަމަށް ރައީސް ވިިދާޅުވި އެވެ. ރައްޔިތުން އެދޭނަމަ، އެކަމުގައި އިހުމާލުވީ ބަޔަކު ހޯދައި، ފިޔަވަޅު އަޅާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޝަންގްރިއްލާ ރިސޯޓުގެ ހިއްސާ ބަދަލު ކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުތަކެއް ލިބޭނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައި ވެއެވެ. މައުސޫމް ވިދާޅުވީ 500 އަށް ވުރެ ގިނަ އެނދު ހުންނަ ޝަންގްރިއްލާ ރިސޯޓުގެ މަސައްކަތް ރަނގަޅަށް އޮޕަރޭޝަނަށް ގެނެވުމުން ނޫނީ އެކަމުން އައްޑޫ ސިޓީއަށް ފައިދާ ނުކުރާނެކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން އެރިޒޯޓުން ދައުލަތަށް އެއްޗެއް ނުލިބި އޮތުމުގެ ސަބަބުން ސަރުކާރުން ބޭނުންވަނީ ސަރުކާރުގެ ހިއްސާ ކުންފުންޏަށް ދޫކޮށްލުމަށްކަމަށް މިނިސްޓަރ ވެސް އޭރު ހާމަ ކުރެއްވި އެވެ. އަދި ޓޫރިޒްމް ގާނޫނުގެ ދެވަނަ އިސްލާހަށް ގެނައި އިސްލާހުގެ އެހީގައި އެކަމަށް ފޯމިޔުލާއެއް ލިބުނުކަން ފާހަގަކޮށް ވިދާޅުވީ ރަށުގެ ސައިޒް ބޮޑުވުމުން 80 މިލިއަނެއްހާ ރުފިޔާ ދައްކަންޖެހޭކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ޝަންގްރިއްލާ ބަންދު ކުރީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އޭގެ ފަހުން ޝަންގްރިއްލާ އާއި މަޝްވަރާ ކުރުމަށްފަހު ސަރުކާރުން މީގެ ކުރިން ވަނީ ޝަންގްރިއްލާ ހުޅުވޭނެ ކަމަށް ބުނެ އެތައް ތާރީޚްތަކެއް ވެސް ދީފައެވެ.
ޝަންގްރިއްލާ އާއި އެކު ރިސޯޓް ހިންގަން ދިވެހި ސަރުކާރުން އުފައްދާފައިވާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާ އެއްކޮށް ޝަންގްރިއްލާ އިން ވެފައިވާ ވެފައިވާ އެގްރީމެންޓްގެ ސަބަބުން ރިސޯޓަށް ގެއްލުންވާ ހާލަތުގައި ލޮސް ފައިނޭންސް ކުރުމަށް ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހެއެވެ.

