ހަނދާނަށް އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް މީގެ ހަ ވަރަކަށް މަސް ކުރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ މަތިންނެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަނަކާ އެކު ކާމިޔާބު ކުރުމަށް ޗޮއިސް އެއް ކަމުގައި އެމަނިކުފާނު ހުންނެވި ކަމަށް ސާބިތުކަމާ އެކު ވިދާޅުވި ބަސްފުޅެވެ.
މިޒާޖުގައި ސާދާ ކަމެއް ހުންނަވާ ރައީސް ސާލިހް އަކީ ހިންނަވަރު ދާއިރާގެ ގޮނޑި ފުރުއްވި ލާމަސީލު ނަމޫނާއެކެވެ. އެމަނިކުފާނުގެ ކެތްތެރިކަމާ ހިތްވަރާއި ހިކްމަތްތެރިކަމާއި ދުރުވިސްނޭ ވިސްނުންފުޅުގެ އަލިގަދަ ހެއްކަކީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވުމެވެ.
ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަކުރެއްވި އިރުގައި ރުޅިވެރިކަމެއް ދެބަސްވުމެއް ދައްކަވާފައެއް ނުވެއެވެ.
މާލޭގައި ދިރިއުޅުއްވީތީ އުފަންރަށް މަތިން ހަނދުމަފުޅެއް ނުނައްތަވައެވެ. ދާއިރާއަށް ޒިޔާރަތް ކޮށް ދާއިރާ ރައްޔިތުންގެ ހާލު އޭރުވެސް މިހާރުވެސް ބެއްލެވިއެވެ. ތަފާތަކީ ހައިސިއްޔަތެވެ. އޭރު ދާއިރާގެ ހާދިމެއްގެ ހައިސިއްޔަތުންނެވެ. މިއަދު ރައްޔިތުންގެ ވެރިމީހާގެ ހައިސިއްޔަތުންނެވެ.
ރައީސް ސާލިހް ސިޔާސީ މައިދާނުގައި ކުރެއްވި ތަޖުރިބާ އަކީ ހަމަ ސިކުނޑިއަކުން ވިސްނާލައިފިނަމަ އިބްރަތްތެރިކަމުގެ ލާމަސީލު ނަމޫނާ އެކެވެ. މަޖިލީހުގައި އެންމެ ހޫނުގަދަ ދުވަސްވަރުގައި އެންމެ މުހިއްމު މަސައްކަތްތައް ކުރެއްވުމުގައި ރައީސް ސާލިހްގެ ހިއްސާ ކުޑައެއް ނޫނެވެ.
އެމްޑީޕީ އިން 2018 ވަނަ އަހަރު ވެރިކަން ދިނުމަށް ރައީސް ސާލިހްގެ ނަންފުޅު ހޮވުނީ އިއްތިފާގަކުން ނޫނެވެ. ޤާބިލް ކަމާއި ނަތީޖާ އާއި ތަޖުރިބާ އާއި ތާއީދުގެ ބޮޑު ކަމުންނެވެ.
ޕީޖީ ގްރޫޕްގެ މުހިއްމު ނިންމުންތައް މަޝްވަރާގެ އުސޫލުން ރައީސް ސާލިހް ގެންދެވީ ނިންމަވަމުންނެވެ. 2018 ވަނަ އަހަރާ ހަމައަށް ގާނޫނަށް ގެނެވުނު ގިނަ ބަދަލުތަކާއި އިސްލާހު ތަކުގައި ޔަގީނުންވެސް ރައީސް ސާލިހްގެ ބައިވެރިވުން ނެތިއެއް ނުދާނެއެވެ.
މިއަދު ރިޔާސީ ދެވަނަ ދައުރެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ދާއިރު ރައީސް ސާލިހް ގެނެސްދެއްވި ތަރައްގީ އަކީ މިފަދަ ދުވަސްވަރަކު ދައްކާލުން މުހިއްމު ވާހަކަ އެކެވެ.
2013 ވަނަ އަހަރުން ފެށިގެން ހިނގައިދިޔަ ހުރިހާ މުޒާހަރާ ތަކާއި އެމްޑީޕީ އިން ހިންގި ހުރިހާ ހަރަކާތެއްގައި އިސް މޭސްތިރިއެއްގެ ގޮތުގައި ރައީސް ސާލިހްގެ ހިއްސާ އޮތް ކަން ދަންނާނެ ބަޔަކު ޕާޓީގައި ތިބޭނެއެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އާއި ވެރިކަން އަލުން އަނބުރާ ހޯދުމަށް ހިންގުނު އެކި ހަރަކާތްތަކުގައި އިސް ސަފުގައި ހުންނެވި އެއް ބޭފުޅަކީ އަދުގެ ރައީސް ސާލިހް އެވެ.
ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިނުލެވުނު ހާލަތުގައި އެންމެ އިތުބާރު ކުރެއްވި މީހެއްގެ ހައިސިއްޔަތުން ރައީސް ސާލިހް ކަމުދިޔައީ އެމަނިކުފާނުގެ ކިބައިގައި ވެރިކަން ކުރުމުގެ ހުނަރާއި ގާބިލްކަން ހުރިކަން ހުދު ރައީސް ނަޝީދަށް ގަބޫލު ކުރެއްވޭތީ ކަމަށްވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ.
2018 ގެ ވެރިކަން ފެށިގެން އައީ އުއްމީދުތަކާއެކުގައެވެ. ހިޔާލުގައި ފިކުރުގައި ނެތް ކާރިސާގެ ސަބަބުން ގެއްލުން ވީ ރާއްޖެ އަށް އެކަންޏެއް ނޫނެވެ. މުޅި ދުނިޔެއަށެވެ. ދުނިޔޭގެ ގިނަ ގައުމުތައް ކޮވިޑްގައި ބަނޑަށްޖެހި ބޮޑެތި އިގްތިސާދު ތައް އިނދަ ޖެހިގެން ދިޔައެވެ.
ތަގްދީރަކީ އިންސާނުންނަށް ބަދަލުކުރެވޭ އެއްޗެއް ނޫން ކަމަށް ވާތީ ކޮރޯނާ ވައިރަސްގެ އާލަމީ ވަބާގައި ޖެހި ބެހިގެން ދިޔައީ ދުނިޔެ އެކީގައި ރޮއްވާލާފައެވެ.
އެނާޒުކު ވަގުތުގައި ރައީސް ސާލިހްގެ ތޫނުފިލިކަމާއި ނުގުޑާފަދަ އަޒުމްގައި މަސައްކަތް ކުރެއްވީ ބައިނަލްއަގްވާމީ ދުނިޔެއާ އެކުގައި ބަލިން ދިވެހިން ސަލާމަތް ކޮށް ގައުމު އަމާން އައްސޭރިއަކަށް ވާސިލްކޮށްދިނުމަށެވެ.
ރައީސް ސާލިހްގެ ނިދި މަހުރޫމް ކުރައްވައި މުހިއްމު މަޝްވަރާތައް ކުރެވި އެމަރޖެންސީ އޮޕަރޭޝަން ޓީމްތައް އެކުލަވާލެވި މަސައްކަތް ފެށިގެން ދިޔައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި ރާއްޖޭގެ ސިއްހީ މާހިރުން ގުޅިގެން ފަރުވާ ދިނުމާއި ޓެސްޓް ކުރުމާއި ބަލިވާ މީހުން އެކަހެރި ކުރާނެ ވަސީލަތްތައް ގާއިމްކުރެވުނެވެ.
މެދުނުކެނޑި ދޮޅުއަހަރު ކުރި މަސައްކަތުން ކިރިޔާ ހަމަ ނޭވާ ލެވުނީ އަވަށްޓެރި ކައިރި ގައުމު ތަކުގެ ދީލަތި އެހީގައި ވެކްސިން ޖަހައިގެންނެވެ.
އޭގެ ކުރިން ފުރަބަންދުގައި ގައުމު އޮވެ އިގްތިސާދު ހީނަރުވިޔަ ނުދިނުމަށް ކުރި ބުރަ މަސައްކަތް ދެކި ފެންނާނީ އެކަމުގައި އުޅުނު ބަޔަކަށެވެ. މިއަދުގެ ސަރުކާރުން ބޭރުގައުމު ތަކާއި އެކު ކުރި މަސައްކަތުން މިއަދު ރާއްޖެ ކޮވިޑްގެ ކުރީގެ ހާލަތަށް އެނބުރި ރުޖޫއަވީ ހީވެސް ނުކުރާހާ ހަލުވި މިނެއްގައެވެ.
ރައްޔިތުން ހޭލުންތެރި ކުރުވައި ވެކްސިންގެ އިންތިޒާމްތައް ގާއިމް ކުރި އަވަސް މިނުން ބަލީގައި ދުނިޔެއިން ވަކިވެގެން ދިޔައީ ދުނިޔޭގެ ނިސްބަތުން މަދު ބައެކެވެ.
މާތ ﷲ ކޮވިޑްގައި ނިޔާވި އެންމެންގެ ފުރާނަތަކަށް ހެޔޮ ރަހްމަތް ލައްވާށިއެވެ.
ކޮވިޑަށް ފަހުގައި ގައުމީ މަސައްކަތައިގެން ރައީސް ސާލިހު ރައްޔިތުންގެ ތެރެއަށް ނިކުންނެވިއެވެ.
ނޫސްވެރިންނާ ބައްދަލުކޮށް ޓީވީގެ ޒަރިއްޔާއިން މުހިއްމު މެސެޖު ތަކާއި މައުލޫމާތު ދޭތެރެ ދޭތެރެއިން ކޮވިޑްގައި އާއި ކޮވިޑްގެ ކުރިން އަދި ކޮވިޑްގެ ފަހުން ކުރިއަށްދެއެވެ.
ރާއްޖޭގެ ރަށްތަކުގެ ތަރައްގީ އަށް ރައްޔިތުން ހަމަ ނޭވާ ލުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމްކޮށްދެއްވީ ކުޑަ ރަށެއް ބޮޑު ރަށެއް އާބާދީ އިން ބެލުމެއް ނެތި ހަމަ ހަމަ ކަމާއެކު އެކީގައެވެ.
އެންމެ އަސާސީ ނަރުދަމާ އާއި ބޯފެނާއި ކަރަންޓާއި ލަފާ ފުރުމުގެ ދަތިކަން ހައްލު ކޮށްދިނުމަށް ބަނދަރު ތައް ގާއިމް ކުރަނީ ރައްޔިތުން އެދޭ ގޮތަށެވެ.
ރައްޔިތުންނާއި ބައްދަލުކުރައްވައި ހާއްސަ ކޮށް ކައުންސިލްތަކާއި ބައްދަލުކޮށް ހިޔާލާއި މަޝްވަރާ ހޯއްދަވަނީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރައްވައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒް ކުރުމުގެ މަތިވެރި މަގްސަދުގައެވެ.
ދެވަނަ ދައުރަކަށް ރައީސް ސާލިހު ހޮވުމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދެމުންދާ ކަމަށް ރައީސް ސާލިގްގެ ޓީމުން ބުނަމުންގެންދަނީ ތަރައްގީ ފެނިގެންދާތީ އެވެ.
މިއަދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހް ވާދަކުރައްވާއިރު އެމަނިކުފާނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުންގެ މޫނުމަތިން ފެނިގެންދާ އުފާވެރިކަމެވެ.
ކެމްޕޭންގައި ރައީސް ސާލިހު ރާއްޖޭގެ ރަށްތަކަށް ކުރައްވާ ދަތުރުތަކުން އެމަންޒަރު ސާފުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވަނީ ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

