އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީޏް އަބްދުލްގައްޔޫމްގެ މައްޗަށް ޖަލު ހުކުމެއް އިއްވީ، މި ސަރުކާރުން ގައުމުގެ މިނިވަންކަން ނަގާލުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅާނެތީކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން، މިހާރު ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފުކޮށްފައިވާކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، މި މައްސަލަ ފައިސަލާ ކުރެވޭއިރުގައި އަދުވެރިކަން އޮވެއްޖެނަމަ ރައީސް ޔާމީން މިނިވަންވާނެކަމަށެވެ. ރައީސް ޔާމީންއަކީ ރާއްޖޭގެ އެތައް ބައެއްގެ ތާއީދު އޮތް ބޭފުޅަކަށްވުމުން، މިއީ ގައުމުގެ މަސްލަތު އޮތްކަމަކަށްވާތީ މި މައްސަލައިގައި ސުޕްރީމް ކޯޓުންވެސް މަސައްކަތްކޮށްދެއްވުމަށް މުއިއްޒު އެދިވަޑައިގަތެވެ.
މުއިއްޒު އެދިވަޑައިގަތީ ނުފޫޒުތަކުން އެއްކިބާވެ އިންސާފުވެރިކަމާއި އަދުލުވެރިކަމާއިއެކު މި މަސައްލަ ބައްލަވައިދެއްވުމަށެވެ. އަދި ކިތައްމެ ބޮޑު ބިރެއް ދައްކާ ކިތައްމެ ބޮޑުކަމެއް މަޖުބޫރުކުރި ނަމަވެސް އެކަންކަމަށް ފަސްނުޖެހުމަށް އެދިވަޑައިގަތެވެ.
ރައީސް ޔާމީން ހައްޔަރުކުރުމުގެ ބޭނުމަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނަގައިލެވިގެންދާ ދިއުމުގައި އެމަނިކުފާނު މަޑުން ނުހުންނަވާނެތީކަމަށް މުއިއްޒު ވިދާޅުވިއެވެ. މިނިވަންކަން ނަގާލުމަށް މި ސަރުކާރުން މަސައްކަތްކުރަނީކަމަށް ވިދާޅުވެ މުއިއްޒު ފާހަގަކުރެއްވީ އުތުރުތިލަފަޅުގެ އެއްބަސްވުމާއި، އަދި އައްޑޫގައި ހަދާފައިވާ މަރުކަޒެވެ. އަދި ސީދާ އެތަނަށް، އިންޑިއާގެ ސިފައިން އަންނަމުންދާކަމަށާއި އެމީހުންނާއިއެކު ގެންނަނީ ކޯއްޗެއްކަންވެސް ނޭގޭކަމަށް މުއިއްޒު ވިދާޅުވިއެވެ. މި ސަރުކާރަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ ހަނިމާދޫއިން ދިވެހި ރައްޔިތުން ބާލާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުތެރެވެސް އޮތީ މިނިވަންކަން ގެއްލުމުގެ ތުންފަތް މަތީގައިކަމަށެވެ. ރައީސް ޔާމީން މިނިވަންކަންމަތީ ހުންނެވިނަމަ މި ފުރުސަތު ފަހިކޮށް ލިބިގެން ނުދާނެކަމަށް ތަކުރާރުކުރައްވާ މުއިއްޒު ފާހަގަކުރެއްވިއެވެ. ރައީސް ޔާމީން އެއްފަރާތްކޮށް ބަންދުކޮގެން ގެންގުޅެނީ އެމަނިކުފާނަށް ކުށެއް ކުރެވިގެން ނޫންކަމަށާއި، އެއީ މި ސަރުކާރުން ކުރަމުންދާ ނޭނގާނީ ކަންކަކަމަށް މަގުފަހިކުރުމަށްޓަކައިކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ތަރައްގީއާއި ރާއްޖޭގެ ރައްޔިތުން ބީރައްޓެހިކަމަށެވެ. އަދި މި ސަރުކާރުން ހިންގާ ކޮންމެ މަޝްރޫއުއަކުންވެސް ފެނިގެންދަނީ ނާގާބިލުކަމާއި، ކޮރަޕްޝަންކަމަށް ވިދާޅުވިއެވެ. އަމީނީ މަގަކީ ތަރައްގީ މިނެކިއަން ބޭނުންކުރެވޭނެ މިންގަނޑެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އޭނާ އަލިއަޅުއްވާލެއްވީ އަމީނީ މަގު ހެދުމުގެ މަޝްރޫއު މާލެ ސިޓި ކައުންސިލުން އަތުލައި، މަޝްރޫއުއަށް އެއްވެސް ބަދަލެއް ނައިސް ބޮޑު އަގުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ހަވާލުކުރެވިގެންދިޔަގޮތަށެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން 39 މިލިއަން ރުފިޔާއަށް މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނިކޮށް، މަޝްރޫއަށް އެއްވެސް ބަދަލެއް ނައިސް އަދި އެއްވެސް ކަމެއް އިތުރުވެސް ނުކޮށް 84 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީއިން އާރުޑީސީ އާއި ހަވާލުކުރިކަމަށް މުއިއްޒު ވިދާޅުވިއެވެ. އަގަށް ބޮޑު ތަފާތެއް އައިސް، އަގު ބޮޑުވުމުން މަޝްރޫއު އަވަހަށް ކުރިއަށްގެންދިއުމަށް އުޅެނީކަމަށް ހީވިކަމަށާއި، ނަމަވެސް އެއްބަސްވީ މުއްދަތު ހަމަވެގެން ދާން ގާތްވިއިރުވެސް މަސައްކަތުގެ 10 ވަރަކަށް އިންސައްތަވެސް ނުނިމުންކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.
މިހާރު ތާރު އަޅައިފިކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އަމީނީ މަގުގައި ތާރުއެޅީ އެކަން ކުރާ ގޮތަކަށް ނޫންކަމަށެވެ. އެކަމުގެ ތަޖުރިބާ އޭނާގެވެސް އެބަހުރިކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން ކަން ކުރަންޖެހޭ ގޮތަށް ކުރެއްވިނަމަ ފަހުން އައިސް ލޯވަޅުތަކެއް ގޮތަށް ތަންތަން ކަނޑައި ނަގައިގެން ބަލަންނުޖެހޭނެކަމަށް ދަންނަވަން އޭނާއަށްވެސް އޭނގޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

