ދިވެހިރާއްޖެއަށް މިހާރު ބޭނުންވަނީ ހަމަ އެކަނި ކްރައިސިސް މެނޭޖު ކުރާނެ، މެނޭޖަރެއް ނޫންކަމަށާއި ބޭނުންވަނީ ގައުމުގެ މިސްރާބުގައި ހިފަހައްޓަވައިގެން ކުރިއަށް ގެންދަވާނެ ބޭފުޅެއްކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ޖުމުހޫރީ ޕާޓީއިން ކުރިއަށް ގެންދާ އެ ޕާޓީގެ 2023 ވަނަ އަހަރުގެ ކޮންފަރެންގައި ވާހަކަދައްކަވަމުން އަލީ ވިދާޅުވީ، ވޭތު ވެދިޔަ 15 އަހަރު ދުވަސް ޖުމުހޫރީ ޕާޓީއިން ހޭދަކޮށްފައިވަނީ ޖަހާ ބެރަށް ނެށުމުގައިކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ގަބޫލުކުރަންޖެހޭކަމަށެވެ. އެހެންނަމަވެސް މިއަދު ”ހަމަ ޖަހަން“ ޖެހޭ ދުވަސް އައިސްފައިވާކަމަށާއި ބެރު ޖެހުމަށް ފުސަތު ދެވިފައިވާކަމަށާއި މިހާރު ޖޭޕީއިން ދަތުރު ކުރަންޖެހެނީ ”ހަމަ““ ޖެހުމާއި ހިސާބަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ، ގައުމަށް ބޭނުންވަނީ ކްރައިސް މެނޭޖަރެއް ނޫންކަމަށާއި ބޭނުންވަނީ ލީޑަރެއްކަމަށެވެ. އޭނާ ވިދާޅުުވީ، ކަމެއް މެނޭޖު ކުރުމާއި ގައުމެއް ލީޑު ކުރުން އެއީ ވަރަށް ތަފާތު ދެ ކަމެއް ކަމަށެވެ. އެނާ ވިދާޅުވީ، އެއީ ދެ ހުނަރެއްކަމަށެވެ.
އޭނާ ގަބޫލުކުރައްވަނީ ”ހަމަޖަހާއިރު“ ގައުމު ދާންވާ މިސްރާބު ކަނޑައަޅަންޖެހޭކަން ކަމަށް ފާހަގަކުރައްވާ އަލީ ވިދާޅުވީ، މިހާރު ފެނަމުންދަނީ ދާ މިސްރާބުގައި ގޮސް ފަރަށް އަރާ މަންޒަރުކަމަށެވެ. އެހެންކަމުން މިސްރާބަށް ކުދި ބަދަލުތަކެއް ގެނެސްގެން ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނެކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވިއެވެ.
އަލީ ވިދާޅުވީ، ދާންވީ މިސްރާބާއިމެދު ކިތަންމެވަރަކަށްވެސް މަޝްވަރާ ކުރެވިދާނެކަމަށެވެ. އެހެންނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތެއް އޮތްކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ވިދާޅުވީ، އެހެން ބަޔަކު ވެރިކަމަށް ގެނައުމަށް ޖުމުހޫރީ ޕާޓީއަށް ގިނަ ގުރުބާނީތަކެއް ވެވިފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު ތިއްބެވި ފަދައިން ”އެން ދަމައިގެން ވަތަށް އެން އަޅައިގެން“ ތިބެނީ ކިހާ ދުވަހެއް ކަމާއިމެދު ސުވާލު އުފައްދަވާކަމަށެވެ. އޭނާ ވިދާޅުވީ، ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ އެ އޮޑީގައި ތިބެ އެން ދަމައި ނިމުމުން އެހެން އޮޑިއަކަށް އަރައިގެން މަހަށް ދިއުމަށް ނޫންކަން ގަބޫލުކުރަންޖެހޭކަމަށެވެ.
އަލީ ވިދާޅުވީ، އެ އޮޑިއަށް އެރީ މަހަށް ނުކުތުމަށް ކަމަށެވެ. އަދި ކިތަންމެ ކޮޅިގަނޑު ބާރުވި ނަމަވެސް އެނާ ހުންނެވީ ކަނޑަށް ނުކުތުމަށް ތައްޔާރަށް ކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ވާނެ ގޮތެއް ފަހުން އެނގިގެންދާނެކަމަށެވެ.
އެހެންނަމަވެސް ޖެހޭނީ ކިހާވަރެއްގެ އައިނެއްކަން އެނގޭނީ ކަނޑަށް ނުކުތުމުންކަމަށް ގަބޫލުކުރައްވާކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސިޔާސީ މަސައްކަތުގެ ތެރެއިން ފަސް ޖެހިފައިވާ ނަމަ، ކޮންމެވެސް އެހެން ކަމެއް ކުރެއްވުން ރަނގަޅުކަމަށެވެ.

