ފޮރިން އެކްސްޗޭންޖް ނިޒާމްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދަނީ ޑީ ޑޮލަރައިޒޭޝަން ސްޓްރެޓަޖީ އެއް އެކުލަވާލައި ފިޔަވަޅުތައް އަޅަމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ރައްޔިތުންގެ ޖީބު ފަގީރުވެފައިވާ މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅާއި ބެހޭ ގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ފިނޭންސް މިނިސްޓަރާއި ލިޔުމުން ޖަވާބު ހޯދުމަށް އެދި ސުވާލުކުރައްވާފައިވެއެވެ.
އިބްރާޙިމް ރަޝީދުގެ ވިދާޅުވެފައިވަނީ ތަކެތީގެ އަގު ބޮޑުވަނީ ބްލެކް މާކެޓްގައި ޑޮލަރުގެ އަގު 17 ރުފިޔާ އަށް ނުވަތަ އެއަށްވުރެ މަތިން ގަނެގެން އެ ފައިސާ ޓެކްސް ގެ ގޮތުގައި ހުށަހަޅަންޖެހޭތީ ކަމަށެވެ. އެކަމުގެ ސަބަބުން ވިޔަފާރިތަކުން ޓެކްސްގެ ގޮތުގައި އަސްލު ދައްކަންޖެހޭ މިންވަރަށް ވުރެ އިތުރަށް ޕްރޮފިޓް ޓެކްސް ދައްކަންޖެހޭ ކަމަށެެވެ. އަދި އެކަމުގެ ސަބުބުން ވިޔަފާރިވެރިންގެ އަތުން ފައިސާތައް ގެއްލި ތަކެތީގެ އަގު ބޮޑުވެފައިވާ ކަމަށެވެ.
އިބްރާހިމް ރަޝީދު އިތުރަށް ވިދާޅުވީ ޓެކްސް ސަބްމިޝަންގެ ގޮތުގައި މީރާއިން ބަލާ މިންގަނޑަކީ ޑޮލަރަކަށް 15.42 ރުފިޔާ ކަމަށެވެ.
އަމީރު ވިދާޅުވީ ޓެކްސްގެ ބޭނުމަށް ވިޔަފާރިތަކުން ހިސާބުތައް ތައްޔާރުކުރުމުގައި އަމަލުކުރަންޖެހެނީ އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑްތަކާއި އެއްގޮތަށް ކަމަށެވެ. އަދި ރަސްމީ ބޭންޑަށްވުރެ މަތީ ރޭޓަކުން ބޭރުފައިސާ ގަނެ، ކޮސްޓް އޮފް ސޭލްސްގެ ތެރޭގައި އެހަރަދު ހިމެނޭކަން ޔަގީންކުރެވޭ މިންވަރަށް ލިޔެކިޔުން ބަހައްޓާފައިވާނަމަ، އެ ހަރަދު ޓެކްސް ފައިލް ކުރާއިރު ހިމެނުމުގައި ހުރަހެއް ނެތް ކަމަށެވެ.

