ލ ހިތަދޫ އާއި ކުނަހަންދޫ ގުޅާލާ ކޯޒްވޭގެ މަސައްކަތް އަވަސްކުރަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ކުނަހަންދޫ އާއި ހިތަދޫ ކޯޒްވޭގެ ގަރާރު މަޖިލީހަށް ހުށަހެޅީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.
ސައީދު ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ހިތަދޫ އާއި ކުނަހަންދޫ އަކީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ ދެރަށް ކަމަށާއި ދެރަށުގެ ރައްޔިތުން އަބަދުވެސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އެދެރަށް ކޯޒްވޭ އަކުން ގުޅާލުމަކީ އިގްތިސާދީ ގޮތުންވެސް ރައްޔިތުންނަށް ފައިދާ އާއި މަންފާ ކުރުވަނިވި ކަމެއް ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
ކޯޒްވޭގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރެވުނު ނަމަވެސް ކޯޒްވޭގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ވަނީ ފާޅުކޮށްފައެވެ.
ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭ އަކުން ގުޅާލުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދެކެވެ.

