މި އަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ކޯލިޝަން ހެދުމުގެ ދައުވަތު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ހިމެނޭހެން ފަސް ފަރާތަކަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވައިފިއެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީ އިސްވެ އޮވެ ކޯލިޝަން ހަދައިގެން އިންތިހާބަށް ނިކުތުމަށް ގާސިމް ދައުވަތު ދެއްވި ފަސް ފަރާތަކީ އިދިކޮޅު ޕީޕީއެމް، އާއި އެމްއެންޕީ، އާއި އުމަރު ނަސީރުގެ އިތުރުން ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރަށާއި އަދި ރައީސް މައުމޫންގެ އެމްއާރުއެމްއަށެވެ.
ގާސިމް ކޯލިޝަން ހެދުމުގެ ދައުވަތު ދެއްވި ފަރާތްތަކުގެ ތެރެއިން ޕީޕީއެމްއިން ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި އެއްވެސް ބަޔަކާ ކޯޅިޝަން ނުހަދާނެ ކަމަށެވެ. އަދި އުމަރު ނަސީރާއި ޑރ މުނައްވަރު ވެސް ވިދާޅުވެފައި ވަނީ ކޯލިޝަން ނުހަދާނެ ވާހަކައެވެ. ހަމަ އެހެންމެ ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީން ވެސް ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކުރިއަށް ދާނީ އެއްވެސް ބަޔަކާ ކޯލިޝަން ނުހަދާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑު ސިޔާސީ ޕާޓގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު އެމަނިކުފާނުގެ ޕާޓީ އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީއާއި އެމްޑީއޭ ވަނީ ނިންމާފަ އެވެ.

