ފިކުރެއްގެ ދިރުން ފެކްޝަނުން ޖުމްހޫރީ ޕާޓީއާއިއެކު ކުރަމުންދާ މަސައްކަތްތައް ޕާޓީގެ އަސާސީ ގަވައިދުގެ އިމުގެ ތެރެއިން ކުރެވެން އޮތްކަމަށް އޭނާއަށް ގަބޫލުނުކުރެއްވޭނަމަ، އެ މަސައްކަތްތަކުގައި ޝާމިލުވެވަޑައިނުގަންނަވާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ފިކުރެއްގެ ދިރުން ޓީމުން ދަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ވެރިކަން ހާސިލުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި އެމްޑީޕީގެ ރައީސް ސާލިހު ފެކްޝަންގެ މެމްބަރުންގެ ފާޑުކިޔުންތަކާއި ނުރުހުން އަމާޒުވަމުންދިޔަނަމަވެސް އެ ފެކްޝަނުންދަނީ ޖޭޕީ އާއިއެކު ބާއްވަމުންދާ ބައްދަލުވުންތައްވެސް ކުރިއަށްގެންދަމުންނެވެ.
ޖޭޕީ އަދި ފިކުރެއްގެ ދިރުންގެ އިސްވެރިން ވަނީ އެންމެ ފަހުން ކުރިއަށް ގެންދެވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި މަައުލޫމާތު ހިއްސާކުރައްވާފައެވެ. ފިކުރެއްގެ ދިރުމުން ކުރަމުންދާ މަސައްކަތްތަކަމަށް ޕާޓީގެ އަސާސީ ގަވައިދު ތަން ނުދޭކަމަށް މިހާރުގެ ޗެއަރޕާސަން ވިދާޅުވެފައިވާކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ، އެ ބޭފުޅުން ކުރައްވަމުންދަނީ އެމްޑީޕީ އަދި ޕާޓީގެ މެމްބަރުންނަށް އެންމެ ރަނގަޅު ގޮތެއް ހޯދައިދެއްވުމަށްކަމަށެވެ. އޭނާ ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ކޮންމެ ދައުރަކާއިވެސް ކުރިމަތިލާފައިވަނީ އެ މަގުސަދު ހާސިލުކުރެއްވުމަށްކަމަށެވެ.
އޭނާ ވިދާޅުވީ، ސިޔާސީ ޕާޓީތަކުން އަބަދުވެސް ކުރަމުންދާނީ އެ ޕާޓީއެއްގެ ސަރުކާރެއް ވުޖޫދަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. ހަސަން ވިދާޅުވީ، ޕާޓީއެއްގެ މައިގަނޑު މަގުސަދަކަށް ވާނީ ވެރިކަމުގައި ތިބެގެން ރައްޔިތުންނަށް ހިދުމަތްތަކެއް ދިނުންކަމަށެވެ. އޭނާ ވިދާޅުވީ، މިވަގުތު ހާއްސަ ގޮތެއްގައި ރައީސް ނަޝީދު ކުރައްވަމުންދަނީ އެމްޑީޕީގެ މެމްބަރުންނަށް އެންމެ ފައިދާ ވާނެ މަގެއް ކޮށައިދެއްވުމުގެ މަސައްކަތްތައްކަމަށެވެ. އަދި އެއީ އެމްޑީޕީގެ ޝާމިލުވާ ސަރުކާރެއް ގާއިމު ކުރުމަށް ގޮތެއް ހޯދުންކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރުގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ފިކުރެއްގެ ދިރުމުން ކުރަމުންދާ މަސައްކަތްތަކާއިމެދު ނުރުހުންވާކަމަށް ނޫސްވެރިޔަކު ފާހަގަކުރުމުން ހަސަން ވަނީ އެ މައުޟޫއަށްވެސް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، އަސާސީ ގަވައިދެއް އޮންނަކަމަށެވެ. އަދި އެ ގަވައިދުގެ އެންމެހާ މާއްދާތައް ކިޔާލުމުން ފިކުރެއްގެ ދިރުން އިން ކުރަމުންދާ މަސައްކަތްތަކަށް ގަވައިދުގެ ތެރެއިން ޖާގަ އޮތްކަން ސާފުވާނެކަމަށް ހަސަން ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ކުރައްވަމުންދާ މަސައްކަތްތަކަށް ޖާގައެއް ނެތްކަމަށް އޭނާ ގަބޫލުނުކުރައްވާކަމަށެވެ. އަދި ނުކުރެއްވޭނެކަމަށް ދެކިވަޑައިގަންނަވާނަމަ، އެ މަސައްކަތްތަކުގައި އެނާ ބައިވެރިވެވަޑައިނުގަންނަވާނެކަމަށްވެސް ހަސަން ފާހަގަކުރެއްވިއެވެ.

