އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާމްއަށް އެއް މިސްރާބެއްގެ މަތީ ނުތިއްބެވޭނެކަން ތާރީހުން ދައްކާކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ބައިބައިވެ ރައީސް ނަޝީދު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތައް ގެންދަވަނީ ޖޭޕީ އާއިއެކު ރިޔާސީ އިންތިހާބާއި ކުރިމަތިލުމަށް ތައްޔާރީތައްވަމުންނެވެ. އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް މިކަމުގެ ސަބަބުން ޕާޓީގެ ތެރެއިން ވޯޓުތަކެއް ގެއްލި ވެރިކަން ގެއްލިގެންދިއުމުގެ ފުރުސަތު އިތުރުވެފައިވުމާއިއެކު އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ދަނީ ރައީސް ނަޝިދުގެ އަމަލުތަކާއިމެދު ނުރުހުން ފާޅުކުރައްވާ ފާޑުވިދާޅުވަމުންނެވެ.
ފިކުރެއްގެ ދިރުމުގެ ހަރަކާތްތަކަށް ގިނަ ފުރުސަތެއްގައި ފާޑުވިދާޅުވެފައިވާ ޝަރީފް ވަނީ ގާސިމް އަދި ރައީސް ނަޝީދު އެކުގައި ތިއްބެވުމަކީ ކުޑަ ހިނދުކޮޅެއްގެ ކަމެއްކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ކުރީގެ ތަޖުރިބާތަކަށް ބެއްލެވުމުން ގާސިމް އާއި ރައީސް ނަޝީދަށް އެއް މިސްރާބަކަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުކުރެއްވޭނެކަން ފެނިގެންދާކަމަށެވެ.
އޭނާ ވިދާޅުވީ، އެ ދެ ބޭފުޅުންގެ ދެމެދު ބޮޑެތި ތަފާތުތަކެއް ހުރިކަމަށެވެ. އެގޮތުން ދެ ބޭފުޅުންގެ ފިކުރަކީ އެއް ގަލަކަށް ނޭރޭނެ ދެ ފިކުރެއް ކަމަށާއި އެއީ ތެލާއި ފެން ހާ ތަފާތު ދެ އެއްޗެއްކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެކުގައި މަސައްކަތްކުރައްވަމުން މި ވަގުތު ދަނީ ސިޔާސީ ގޮތުން ކުރިއެރުންތަކެއް ހާސިލު ކުރެއްވުމަށްކަމަށެވެ.
ޝަރީފް ވަނީ ރައީސް ސާލިހު ފޮނުއްވި ކޯލިޝަން ދައުވަތު ބަލައި ނުގަންނަ ޕާޓިތަކަށްވެސް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދައުވަތު ފޮނުވުމުން ތިން ހާސް ހަމަ ނުވާ އަދި މަޖިލީހުގައި އެންމެ ގޮނޑިއެއްވެސް ހާސިލު ކުރެވިފައިނުވާ ޕާޓީތަކަށް ”ލައްކަ“ އެއް ކަމަށް ހީވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، ކޯލިޝަން ހެދުމުގެ ދައުވަތާއިއެކު އެ ޕާޓީތަކުގެ ތެރެއިން ފެނިގެންދަނީ ބޮޑާ ކަމާއި ކިބުރުވެރިކަން ކަމަށެވެ. އެހެންނަމަވެސް އެ ފަދައިން އަމަލުކުރަމުންދާ ޕާޓީތަކަށް 1500 ވޯޓުވެސް ނުލިބޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

