ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ރާއީގެ އިންޒާރު؛ ”ރީތި ގޮތުގައި އިސްތިއުފާ ނުދޭނަމަ މަގާމުތަކުން ވަކި ކުރާނެ“

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ބައެއް ވަޒީރުން މަގާމުތަކުގައި ތިބިއިރު، އެބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި، ވެރިކަމުގެ ދެވަނަ ދައުރަކަށް އައުމަށް ރައީސުލްޖުމްހޫރިއްޔާ ވާދަ ކުރައްވާއިރު އެމްޑީޕީގެ އެތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށް ނިންމައި ކެމްޕެއިންތައް ފަށާފައިވާތީ އެކަމުގެ ނުތަނަވަސްކަން ވަނީ އުފެދިފަ އެވެ. އެހެންވެ، ގާސިމް އިބްރާހީމާއި ސަރުކާރުގެ ގުޅުމަށް ވަނީ އޭގެ އަސަރު ވަރަށް ބޮޑަށްކޮށްފަ އެވެ.

ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމުމުން، ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއްބޭފުޅަކީ ރާއީ އެވެ. އެގޮތުން އޭނާ ވަނީ ސަރުކާރުގެ މަގާމުތަކުން ޖޭޕީގެ ބޭފުޅުން އިސްތިއުފާ ނުދީފި ނަމަ ހަޑި ގޮތަކަށް މަގާމުތަކުން ވަކި ކުރާނެކަމުގެ އިންޒާރު ދެއްވާފަ އެވެ. ރާއީ މަޖިލީހުގެ ތަޅުމުގައި ދެއްކި ވާހަކަތަކަށް ގާސިމާއި ޕާޓީގެ އެހެން ބޭފުޅުން ވަނީ ރައްދު ދެއްވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ރަސްމީ މަސައްކަތް ޖޭޕީން ފަށައި ކުރިޔަށް ގެންދާތީ، ނުރުހުންފާޅު ކުރައްވައި ރާއީ މިއަދު ވިދާޅުވީ މިހާރު ސަރުކާރުގެ ވަޒީރުކަމުގައި ތިއްބެވި ބޭފުޅުން ރީތި ގޮތުގައި އަމިއްލައަށް އިސްތިއުފާ ނުދެއްވާނަމަ، އެމްޑީޕީގެ އަޣުލަބިއްޔަތު އޮތުމާއި އެކު އިތުބާރު ނެތްކަމުގެ ވޯޓު ނެގުން މުހިންމު ކަމަށެވެ.

އެމްޑީޕީގެ އެ މެމްބަރުންނަށް ރައްދު ދީ ގާސިމް އެ ދުވަހު ވިދާޅުވީ، ކޯލިޝަން އެއްބަސްވުމެއް އޮއްވައި ސަރުކާރުން ބޭރު ނުކުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާއިރު ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށް ނިންމުމުގައި މައްސަލައެއް ނެތްކަމަށް ވިދާޅުވި އެވެ.

2018 ގެ ރިޔާސީ ރިޔާސީ އިންތިހާބުގެ މަސައްކަތް އެކުގައި ކުރިޔަށް ގެންދިޔައީ އެއްބަސްވުމެއްގެ ދަށުންކަމަށް ދައްކަވާ ވާހަކަ ތަކުރާރު ކުރައްވައި ގާސިމް ވިދާޅުވީ އެ ލިޔެކިއުމަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، ޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ނިންމި ނިންމުމެއްގެ ސަބަބުން ވަޒީރުންނާއި އެހެން މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން އިސްތިއުފާ ދޭން ނުޖެހޭނެކަމަށް ގާސިމް ވިދާޅުވި އެވެ. 2018 ގެ ހާލަތު ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އޭރު އެންމެން އެކުގައި ނިކުތުން ނޫން އިތުރު ގޮތެއް ނެތް ކަމަށެވެ. އޭނާ ވެސް ހިމެނޭހެން، ރައީސް މައުމޫނާއި އެހެން ލީޑަރުން ވެސް ތިއްބެވީ ޖަލުގައިކަމަށްވުމާއި އެކު އިންތިހާބަށް ނިކުތުމުގެ ފުރުސަތު ގެއްލިގެން ދިޔައީކަމަށް ގާސިމް ވިދާޅުވި އެވެ.

ސަރުކާރާއި ދެކޮޅު، އަދި ރައީސަށް ތާއީދު ނުކުރާ ބޭފުޅުންގެ ތެރެއިން ރައީސް އޮފީހުގެ މިނިސްޓަރުކަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން ހުސެއިން އަމްރު ވަކި ކުރުން ފާހަގަ ކުރެވެ އެވެ. އެހެންވެ، ގަބޫލު ކުރެވޭ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުންގެ ޓީމާއި ޖޭޕީގެ ބޭފުޅުންތައް ސަރުކާރުން ބޭރު ކުރާނެ އެވެ. އަދި ޖޭޕީގެ އެކި ބޭފުޅުންތައް ޕާޓީން ވަކިވެ ސަރުކާރަށް ތާއީދު ކުރަމުންދާކަން ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: