އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ކުރިން އެކުގައި މަސައްކަތްކުރެއްވިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އަށް ”ދޯކާ“ ދެއްވާފައި ހުންނެވި ބޭފުޅެއްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ސަރުކާރާއި ޕާޓީގެ ރިޔާސީ ކެނޑިޑޭޓާއި ދެކޮޅުވެ ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާތީ ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. ރިޔާސީ އިންތިހާބުގައި ގާސިމަށް ތާއީދު ކުރުމަށް ނިންމައި ރައީސް ނަޝީދުގެ މަންދޫބުންގެ ގޮތުގައި އެމަނިކުފާނާއި އަރިސް މެމްބަރުން ޖޭޕީއާއި އެކު ބައްދަލުވުންތައް ވެސް ދަނީ ބާއްވަމުންނެވެ.
ރައީސް ނަޝީދުގެ ފަރާތުން ޖޭޕީއަށް ހުށަހެޅި ހުށަހެޅުންތަކެއް މީޑިއާއަށް ލީކުވެ އެކަން، ރިޕޯޓު ކުރުމުން ފާޑުކިއުން އަމާޒު ކުރައްވައި ޝަރީފް ވިދާޅުވީ ގާސިމާއި ރައީސް ނަޝީދުގެ ގުޅުން ދެމެހެއްޓޭނެ މަގެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދުވަނީ މީގެ ކުރިންވެސް ގާސިމާއި މެދު ނުހައްގުން އަމަލުކުރައްވާފައިކަމަށެވެ. އަދި ގާސިމް އެ ކަންކަން ހަނދާން ނެތޭނެ ދުވަސްވެފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެކަންކަމަށް ރިއާޔަތް ކުރެއްވުމުން ރައީސް ނަޝީދު ޖައްސަވާ ”ދަންތުރައިގައި“ ގާސިމް މި ފަހަރު ޖެހިވަޑައިގެންފާނެކަމަށް ގަބޫލު ނުކުރެއްވޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Meege kurinves @MohamedNasheed vanee @qasimibrahim ah dhoakaa dhevvaafa. Q ekan handhan nethey haa dhuvaheh ves adhi nuvey. Veemaa mifaharu mijahaa dhanthuraiga Q jeheyne kamah qaboolu kuran dhathi
— Ibrahim Shareef (@AdduShareef) April 13, 2023
ޝަަރީފްވަނީ ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ވެސް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު އަދި އީވާވެސް މަޖިލީހުގެ ރިޔާސަތަށް ހޮވިގެން ދިޔައީ އެމްޑީޕީގެ އެންމެހާ މަޖިލީސް މެމްބަރުންގެ ސަބަބުންކަމަށެވެ. އެހެންކަމުން އެމަނިކުފާނާއި އީވާ އެމްޑީޕީއާއި ދެކޮޅަށް މަސައްކަތްކުރެއްވުމަކީ ”ހަރާން ކޯރު“ ވުންކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފްވަނީ ގާސިމަށް ތައުރީފުގެ ބަސްތަކެއްވެސް ރައްދުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފިކުރެއްގެ ދިރުންގެ ފަރާތުން ގާސިމްއަށް ހުށައަޅާފައިވަނީ ”މަކަރުވެރި“ ”ހީލަތްތެރި“ ހުށައެޅުމެއްކަމަށެވެ. އޭނާ ވިދާޅުވީ، އެހެންކަމުން ގާސިމް އެ ހުށައެޅުން ގަބޫލުކުރައްވާނެކަމަށް އޭނާ ދެކިވަޑައިނުގަންނަވާކަމަށެވެ. އަދި ގާސިމްއަކީ އެފަދަ ދަންތުރައެއްގައި ޖެހިވަޑައިގަންނަވާ ވަރަށްވުރެ ހުށިޔާރު ބޭފުޅެއްކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ގާސިމް އަދި އޭނާ ދެމެދު ކުޑަ އިރުއްސުރެ އެކުވެރިކަމުގެ ގުޅުން އޮންނަކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު ޖައްސަވާ ދަންތުރައެއްގައި ގާސިމް ދެވަނަ ފަހަރަކަށް ޖެހިވަޑައިނުގަންނަވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

