ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު، ގާސިމަށް ހުށަހެޅީ ހުވާ ކުރުމުގެ ކުރިން ނިޒާމު ބަދަލު ކުރުމުގެ ވޯޓު ނެގުމަށް!

ރައީސް ސާލިހް އާއި ރައީސް ނަޝީދު އަދި ގާސިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭ ހާލަތެއްގައި، ހުވާ ކުރެއްވުމުގެ ކުރިން ނިޒާމީ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ހުށަހަޅުއްވާފައިވާކަން ހާމަވާ ލިޔެކިއުންތަކެއް އާއްމުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ބޭނުންފުޅުވާ، ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދެމެދު ޖެހުނު މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު ދެބަސްވުމަކީ ވެސް އެއީ އެވެ. ދައުރު ނިމުމުގެ ކުރިން ނުވަތަ ވެރިކަމަށް ދެކޮޅު އަހަރުގެ ތެރޭގައި ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައ ވޯޓެއް ނެގުމަށް މެނިފެސްޓޯގައި ހިމެނިކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކަތަކަށް ސަރުކާރުން ދެކޮޅު ހަދަ އެވެ.

ވެރިކަމުގެ ނިޒާމާއި ގުޅޭ ވާހަކަތައް ރައީސް ނަޝީދު، ގާސިމަށް ހުށަހަޅުއްވާނެކަން މީގެ ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އެކަމަކު ރައީސް ނަޝީދު އެކިފަހަރު މަތީން ދެއްކެވި އެ ވާހަކަތަކާއި، އެމަނިކުފާނާއި އަރިސް މެމްބަރުން މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަތަކަށް ގާސިމް ވަނީ ދެކޮޅު ހައްދަވައި ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރޭގައި ނިޒާމާއި ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރުން އަބްދުﷲ ޖަބިރު ހުށަހެޅުއްވި ބިލުގެ ބަހުސް މަރުހަލާގައި ދެއްކެވި ވާހަކަތަށް ފާހަގަ ކުރެވެ އެވެ. އެހެންކަމުން މީގެ ކުރިން ބަރުލަމާނީއަށް ދެކޮޅު ހައްދަވައި ވާހަކަ ދެއްކެވި ގާސިމް، ރައީސް ނަޝީދުގެ އެ ހުށަހެޅުމަށް ނިންމާނެ ނިންމުން އަދި ސާފެއް ނޫނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ފަހު، ރައީސް ނަޝީދު ފާޅުގައި ނިކުމެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރާއި ދެކޮޅަށެވެ. އެއީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ރައްޔިތުން ވޯޓު ދިން ސަބަބުތައް ރައީސް ސޯލިހަށް ދެމެހެއްޓިފައި ނުވާތީ އާއި ރައްޔިތުންނަށް ވީ ވައުދުތަކަށް އެއްވެސް އިހުތިރާމެއް ނެތްކަމަށް ވިދާޅުވެ އެވެ.

އެހެންވެ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ރައީސް ސޯލިހަށް ރައްޔިތުން ދެވަނަ ދައުރެއް ދޭން ބޭނުން ނުވެ އެވެ. ފިކުރެއްގެ ދިރުންގެ ނަމުގައި ވަކި ސިޔާސީ ހަރަކާތްތަކެއް ފައްޓަވައި ރައީސް ނަޝީދު މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެބެ. އަދި އޭގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ތާއީދު ކުރައްވާއިރު، ކުނޫޒުގައި މަންދޫބުންގެ ތިން ބައްދަލުވުމެއް މިހާތަނަށް ވަނީ ބާއްވާފަ އެވެ.

ހުށަހެޅުންތަކާއި ތަފްސީލުތައް ދިނުމަށް، ކޮންމެ ބައްދަލުވުމަކަށް ފަހު ޖޭޕީއާއި ރައީސް ނަޝީދުގެ މަންދޫބުން ވެސް ދެކޮޅު ހައްދަވަ އެވެ. ބައެއް ނޫސްވެރިން ވަނީ ކުނޫޒުގައި ދެ ޕާޓީގެ މަޝްވަރާ މަންދޫބުންނާއި ވެސް ބައްދަލު ކުރައްވައި ރައީސް ނަޝީދަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ބޭނުންވާ ބޭފުޅެއްކަމާއި އެފަދަ ހުށަހެޅުމެއްގެ މަޝްވަރާ ކުރިޔަށް ދިޔަތޯ ސުވާލުވެސްކޮށްފަ އެވެ. ނަމަވެސް އޭރު އެކަމަށް އެބޭފުޅުން އެއްވެސް ޖަވާބެއް ނުދެއްވައި ވިދާޅުވީ، އެ މައުލޫމާތުތައް ހިއްސާ ކުރަން އަދި މާ އަވަސް ކަމަށެވެ.

”ދިވެހި ދައުލަތުގެ ސިފަތަކަށް ގެންނަން ޖެހޭ ބަދަލުތައް“ ނަމުގައި ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ކަރުދާހެއްގެ ތަފްސީލުތައް މީޑިއާތަކުގައި ދަނީ ދައުރުވަމުންނެވެ. ހުށަހެޅުންތަކުގައި ވާގޮތުން ސެޕްޓެމްބަރު މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށް ފަހު ވެރިކަމުގެ ހުވާ ކުރުމާއި ދެމެދު ލިބޭ މުއްދަތުގައި ނިޒާމީ ވޯޓު ނަގަން ވާނެ އެވެ. އިންތިހާބަށް ފަހު، ވެރިކަމުގެ ހުވާ ކުރާ ތާރީހަކީ ނޮވެމްބަރު 17 އެވެ.

ވެރިކަމުގެ ނިޒާމުގެ ވޯޓުގެ ކުރިޔަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކެއް ވެސް ހުރުމާއި އެކު ރައްޔިތުން ތާއީދު ކުރާ ނިޒާމަކީ ބަރުލަމާނީއަށް ވާ ހާލަތެއްގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް 2024 ގެ މަޖިލީހުގެ އިންތިހާބު އޭގެ ދަށުން ބޭއްވުމަށް ހުށަހެޅުންތަކުގައި ވެއެވެ.

ބަރުލަމާނީ ނިޒާމެއްގައި ވެސް، ބޮޑުވަޒީރަކާއި އެކު ގައުމަށް ރައީސަކު އައްޔަނު ކުރާނެ އެވެ. ރައީސުލްޖުމްހޫރިއްޔާ ހޮވާނީ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންވެ. ރައީސް ނަޝީދުގެ ހުށަހެޅުންތަކުގައި ވަނީ ދައުލަތުގެ އިސްވެރިއަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާކަމަށާއި އެބޭފުޅަކަށް މަޖިލީސް އުވާލުމުގެ ބާރު ވެސް އޮންނާނެ ކަމަށެވެ.

މީގެއިތުރުން ލިޔެކިއުމުގައި ވާގޮތުން ރައީސަށް ލިބޭ ބާރުތަކުގެ ތެރޭގައި ސްޓޭޓް އޮފް އިމަޖެންސީ އިއުލާނު ކުރުމާއި، ކޮމިޝަންތަކަށް މީހުން އައްޔަނު ކުރުން ހިމެނެ އެވެ. އަދި ސިފައިންގެ އެންމެ މަތީވެރިއަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ބުނެފައި ވެއެވެ.

ބަރުލަމާނީއެއްގެ ދަށުން ވަޒީރުންގެ މަޖިލީހެއް އެކުލަވާލާނީ މަޖިލީހުގެ ތެރެއިންނެވެ. އެހެންކަމުން އެގޮތަށް މިނިސްޓްރީތަކާއި ކެބިނެޓު މަޖިލީހުން އެކުލަވާލި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ހާލަތެއްގައި ބޭނުންވާ ބޭފުޅަކު ވަޒީރަކަށް އައްޔަނު ކުރެވިދާނެކަމަށް ވެއެވެ. ނަމަވެސް ވަކި އަދަދަކަށް ވުރެ ރައީސް އައްޔަނު ކުރާ ވަޒީރުން އިތުރު ނުކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

މި ހުށަހެޅުންތަކާއި ގުޅޭގޮތުން ޖޭޕީން ބުނީ ރައީސް ނަޝީދުގެ ހުށަހެޅުންތަކަށް ދެފަރާތުން ކަނޑައަޅާފައިވާ މަންދޫބުންގެމެދުގައި މަޝްވަރާ ފަށާފައިވާކަމަށެވެ. އަދި އަބަދުވެސް ކަންކުރައްވާ އުސޫލުން ގާސިމް ގޮތެއް ނިންމަވާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ސިޔާސީ ހަމަޖެހުމާއި، ދިވެހިން އުންމީދުކުރާ ކުރިމަގު ހާސިލްކުރުމަށް މަގުފަހިވާގޮތަށް، ހާމަކަންބޮޑުކޮށް ކަމަށް ބުންޏެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: