ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ބޭނުންވާ ބަރުލަމާނީ ނިޒާމެއް ރާއްޖެއަކަށް ނުގެނެވޭނެ!

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އަބަދުވެސް ބޭނުންވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮތުމަށެވެ.

ބަރުލަމާނީ ނިޒާމެއް ރާއްޖެ ގެނައުމަށް އެކި ފަހަރު އެކި ސިފައިގައި ރައީސް ނަޝީދު ގެންދަނީ އަދި ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިފަހަކަށް އައިސް އަޑުތައް ފެތުރިގެން ގޮސްފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އަށް ވެރިކަން ހޯއްދަވައިދެއްވުމުގެ ނަމުގައި ބަރުލަމާނީ ނިޒާމަށް ގައުމު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ވާހަކައެވެ.

ރައީސް ނަޝީދު ގާސިމް އާއި ޖުމްހޫރީ ޕާޓީއަށް ހުށަހެޅި ހުށަހެޅުމަކީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ވޯޓެއް ނަގާ ރިޔާސީ އިންތިހާބުގެ ކުރިން މިއަހަރު ނިޒާމް ބަދަލުކުރުމުގެ އިސްލާހެވެ. އެ އިސްލާހަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު ގާސިމްގެ ފަރާތުން އަދި މިހާތަނަށް އެކަމަށް ރައްދުދީފައި ނުވެއެވެ. ނަމަވެސް ގާސިމްއަށް ތާއީދު ކުރާ ގިނަ ފަރާތްތަކުން ބުނަމުންދަނީ ގާސިމް އެކަމަށް އެއްބަސްވެ ނުލައްވާނެ ކަމަށެވެ.

ގާސިމް ވިސްނަވާނީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް ކަމަށާއި އެހެންކަމުން ބަރުލަމާނީ ނިޒާމެއް ގައުމުގައި އޮތުމާ ގާސިމް ދެކޮޅު ވާނެ ކަމަށް ގާސިމް އަށް ތާއީދު ކުރާ ގިނަ ރައްޔިތުންނާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދު ކުރާ އެމްޑީޕީ މެމްބަރުން ވެސް ދަނީ ބުނަމުންނެވެ.

ވެރިކަމުގެ ނިޒާމާއި ގުޅޭ ވާހަކަތައް ރައީސް ނަޝީދު، ގާސިމަށް ހުށަހަޅުއްވާނެކަން މީގެ ކުރިން ވެސް ބެލެވި އެވާހަކަ ގިނަބަޔަކު ވަނީ ދައްކާފައެވެ. ނަމަވެސް ރައީސް ނަޝީދު އެކިފަހަރު މަތީން ދެއްކެވި އެ ވާހަކަތަކާއި، އެމަނިކުފާނާއި އަރިސް މެމްބަރުން މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަތަކަށް ގާސިމް ވަނީ ދެކޮޅު ހައްދަވައި ވާހަކަ ދައްކަވާފައެވެ.

މީގެ ކުރިން ގާސިމް ވަނީ ރިޔާސީ ނިޒާމަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. މިއަދު ހާލަތު މިވަނީ ބަދަލުވެފައެވެ. އެހެން ކަމުން ވެރިކަމުގެ ދަހިވެތިކަމުގައި ގާސިމް ފަހަރުގައި ރައީސް ނަޝީދާ އެއްބައިވެ ނިޒާމީ ވޯޓެއް ނެގުމަށް ތާއީދުކޮށްފާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ކުރިން އެކަމަށް ވާންޖެހޭ ތައްޔާރީތައް ގިނަގުނައެވެ. އެންމެ ބޮޑުކަމަކަށް ގާނޫނު ތަކަށް ބަދަލު ގެންނަން ޖެހެއެވެ. އަދި މަޖިލީހުގެ އަގުލަބިއްޔަތު ރައީސް ނަޝީދު ހޯދަންޖެހެއެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މައިގަނޑު ސަބަބެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ ބޮޑުވަޒީރަކު ހޮވައި އެމަގާމް ރައީސް ނަޝީދު ފުރުމެވެ.

ރައީސް ނަޝީދުގެ މަގުބޫލުކަން ދުވަހެއް ދުވަހަކަށް ދަށްވަމުންދާކަމަށް ގަބޫލު ކުރެވި ރިޔާސީ އިންތިހާބެއްގައި ވާދަކޮށްގެން ރައީސް ކަމަށް ނާދެވިދާނެ ކަމަށް ދެކެވޭތީ އިންތިހާބަކާއި ނުލާ ވެރިކަމުގެ ބާރުތައް ހޯދުމަށް ގާސިމް މެދުވެރިކޮށް މަސައްކަތް ކުރައްވަނީ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ނާކާމިޔާބާއި ކުރިމަތިލާންޖެހުނު ހިސާބުން އެމަނިކުފާނަށް ޔަގީންވި އެއްކަމަކީ ތާއީދު ކުޑަވަމުންދާ ކަމެވެ. އަމިއްލަ ފުޅަށް ހެއްދެވުނު ގޯސްތަކުގެ ސަބަބުން ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ދުވަސްވަރުގައި ރައީސް ނަޝީދު، ރައީސް ސާލިހަށް ބަހުގެ ހަމަލާތައް ރައްދުކޮށް ޒިނޭގެ ތުހުމަތު އަޅުވައި ވޯޓުން ވައްކަން ކުރި ކަމަށް ވިދާޅުވިއެވެ. އެހުރިހާ ވާހަކަތަކަށް ރައީސް ސާލިހް ރައްދުނުދެއްދުމުން އެމަނިކުފާނު ރިއެކްޓް ނުކުރެއްވި ކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހް ރިއެކްޓް ނުކުރައްވައި އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވުމާއެކު، ރައީސް ސާލިހަކީ މިގައުމުގައި ހުރި އެންމެ ބޮޑު ހަތުރަށް މިއަދު ވަނީ ވެފައެވެ. އެހެންކަމުން އެކުގައި ކުރާނެ ސިޔާސީ މަސައްކަތެއް ނެތްކަމަށް ވިދާޅުވެ އެހެން ޕާޓީތަކާ ގުޅިގެން ރައީސް ސާލިހް ފެއިލް ކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ނަޝީދަށް ތުހުމަތު ކުރެވުނެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ސާލިހް ރައީސް ނަޝީދުގެ ބަސް ގަބޫލު ނުކުރިއެވެ. އެކަމުގެ ރައްދުގައި ރައީސް ސާލިހް ވިދާޅުވެފައިވަނީ ރައީސް ނަޝީދުވެސް ރައީސް ސާލިހް ޕީޖީ ގްރޫޕްގެ ލީޑަރުގެ މަގާމްގައި ހުންނެވި ދުވަސްވަރު ދެއްވި އިރުޝާދާއި ލަފާ އަޑުއަހާފައި ނުވާ ކަމަށެވެ.

މިއަދު އެމްޑީޕީގެ ލީޑަރޝިޕް އާއި އާއްމު މެމްބަރުން ރައީސް ނަޝީދު އެނބުރި ޕާޓީގެ މަސައްކަތަށް އައުމަށް ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް އެމަނިކުފާނަށް ނަފުރަތުކުރާ ބަޔަކު ޕާޓީގައި ތިބިކަމީ ހަގީގަތެކެވެ. ރައީސް ސާލިހަށް ތާއީދު ކުރާ ގިނަ މެމްބަރުން މިއަދު ރައީސް ނަޝީދު ޕާޓީއަށް އެނބުރި ސިޔާސީ މަސައްކަތް ކުރަން އަންނަން ބޭނުން ނުވާނެއެވެ. ސަބަބަކީ ގަސްތުގައި ރައީސް ނަޝީދު އެމްޑީޕީ އަށް މިއަހަރުގެ ރިޔާސީ އިންތިހާބު ގެއްލުވާލުމަށް މަސައްކަތްތަކެއް ކުރާތީއެވެ.

މިއަދު ގާސިމް ރައީސް ނަޝީދާއި އެކުގައި މަސައްކަތް ކުރަމުންދާއިރު ގިނަ ބަޔަކު  ބުނަމުންދަނީ އެދެބޭފުޅުންނަށް އެކީގައި މަސައްކަތް ނުކުރެވޭނެކަމަށެވެ. ސަބަބަކީ ގާސިމް އަކީ ވަރަށް ރުންކުރު އަދި ކެތްތެރިކަން ކުޑަ ބޭފުޅަކަށް ވާތީ އިންތިހާބުން ބަލިވެއްޖެނަމަ ބަލި ގަބޫލުކުރަން ދަތިވާނެތީވެއެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ގާސިމް ބަލިވެއްޖެނަމަ ރައީސް ނަޝީދަށް އެކަމުގެ ބަދުނާމް ރައްދު ކޮށްފާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ގާސިމް އާއި ރައީސް ނަޝީދުގެ ގުޅުމާއި ބެހޭ ގޮތުން އެކި ފަރާތްތަކުން ތަފާތު ވާހަކަތައް ދެކެވެމުންދެއެވެ. އެގޮތުން ރައީސް ނަޝީދު ގާސިމް ދޫކޮށް ރައީސް ސާލިހްގެ އަރިހަށް ފަހުވަގުތު އަތުވެދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ދިމާވި ނަމަވެސް އެންމެން އިއްތިފާގުވާ އެއްކަމެއް އެބައޮތެވެ. އެކަމަކީ ރައީސް ނަޝީދު ބޭނުންވާ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ނުގެނެވޭނެ ކަމާއި ރައީސް ނަޝީދަށް ބޮޑުވަޒީރުކަން ނުލިބޭނެ ކަމެވެ.

ވަރަށް ގަދަ
23%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 23%ވަރަށް ދެރަ 38%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: