ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ކާމިޔާބު ކުރެވުމަކީ ޕާޓީއަށް ލިބުނު ކާމިޔާބީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް ޝާޒެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމްގެ ކެނޑިޑޭޓު ހުސެއިން ރިޒާ އާއި އެމްއެންޕީގެ ކެނޑިޑޭޓު އަލީ އަރީފާއި ވާދަކޮށް ޝާޒަށް ލިބިފައި ވަނީ 1346 ވޯޓެވެ.
އިންތިހާބުގައި ރިޒާއަށް 1226 ވޯޓު ލިބުނުއިރު، އަރީފަށް ލިބިފައި ވަނީ 122 ވޯޓެވެ.
ޕީޕީއެމުން ކޮންޓްރޯލް ކުރަމުން ދިޔަ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓު ޝާޒު ކާމިޔާބު ކުރުމުން މަރުހަބާ ދަންނަވައި ރައީސް ވިދާޅުވީ މި އިންތިހާބުން އެކަނި ވެސް ހާމަވަނީ ރައްޔިތުން ސަރުކާރާއި އެކު ތިބިކަމެވެ. އަދި ފުރަތަމަ ފަހަރަށް ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނުމަކީ، ކާމިޔާބީއެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ @shaaxibrahimއަށް ހޫނު މަރުޙަބާއެއް ދަންނަވަން. މި އިންތިޚާބުން ހާމަވެގެން މިދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން. ފުރަތަމަ ފަހަރަށް މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑުކުރިއެރުމެއް
— Ibrahim Mohamed Solih (@ibusolih) April 15, 2023
ފާއިތުވެ ދިޔަ ދެ ދައުރުގައި ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޕީޕީއެމުންނެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުމާއި އެކު ވެސް ޕާޓީއަށް މި ގޮނޑި ކާމިޔާބު ކުރެވުމަކީ ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި ޕާޓީގެ މެމްބަރުން ވަކި މީހަކަށް ބުރަ ނުވާނެ ކަމެވެ. މިފަދަ މޭރުމަކުން ސަރުކާރު މެމްބަރުން ބަހުގެ ހަމަލާތައް ރައްދު ކުރައްވާފައި ވަނީ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ.
ރައީސް ނަޝީދު ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލުމަށް މަސައްކަތް ކުރައްވާކަމުގެ ތުހުމަތުކޮށް ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މެސެޖެއް ވެސް ފޮނުވި އެވެ. އެ މެސެޖުގައި ވަނީ ގުރައިދޫ ދާއިރާގެ ގޮނޑި ގެއްލުވާލުމަށް ކުރަމުން ދާ މަސައްކަތް ނާކާމިޔާބުވާނެ ކަމަށެވެ.

