މުޅި ރާއްޖެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ބަލައިގެންފައިވާކަމަށާއި ރިޔާސީ އިންތިހާބު ފަސޭހަކަމާއި އެކު ކާމިޔާބު ކުރާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
14 އަހަރަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ވަނީ ކާމިޔާބު ކުރެވިފަ އެވެ. ހޮނިހިރު ދުވަހު އޮތް ދާއިރާގެ ބައި އިލެކްޝަނުގެ ގޮނޑި ތަފާތު ބޮޑު ނޫން ނަތީޖާއަކުން ކާމިޔާބު ކުރީ އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް ޝާޒެވެ.
އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމްގެ ކެނޑިޑޭޓު ހުސެއިން ރިޒާ އާއި އެމްއެންޕީގެ ކެނޑިޑޭޓު އަލީ އަރީފާއި ވާދަކޮށް ޝާޒަށް ލިބިފައި ވަނީ 1346 ވޯޓެވެ. އިންތިހާބުގައި ރިޒާއަށް 1226 ވޯޓު ލިބުނުއިރު، އަރީފަށް ލިބިފައި ވަނީ 122 ވޯޓެވެ.
ޝާޒަށް އިންތިހާބު ކާމިޔާބު ކުރެވުމުން ދޭހަ ވަނީ ސަރުކާރު ރައްޔިތުން ބަލައިގަނެފައިވާކަމާއި، ރައްޔިތުން އެދެނީ ތަރައްގީއަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ޕީޕީއެމުން ކޮންޓްރޯލް ކުރަމުން ދިޔަ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވުން އެއީ ލިބުނު ކާމިޔާބެއްގެ ގޮތުގައި އެމަނިކުފާނު ފާޙަގަ ކުރެއްވި އެވެ.
K. Guraidhoo dhaaira gondi kaamiyaabu kurevvi MDP candidate Shaaz ah v bodah maruhaba!
Mi vote ge natheeja akee mulhi raajjeyn ves R @ibusolih balaiganefi kamuge aligadha hekkeh! Alhamdhu lillaahi!
In sha Allah riyaasy inthihaab ves R Ibu faseyha kamaaeku kaamiyaabu kuravvaane— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) April 15, 2023
ޝާޒަށް މަރުހަބާ ވިދާޅުވެ ރޮޒެއިނާ ކުރެއްވި ޓުވީޓުގައި ވަނީ ވޯޓުގެ ނަތީޖާއަކީ މުޅި ރާއްޖެ ރައީސް ސޯލިހު ބަލައިގެންފައިވާކަމުގެ ހެއްކެއް ކަމަށެވެ. އަދި ފަސޭހަކަމާއި އެކު ރައީސް ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް ރޮޒެެއިނާ ވިދާޅުވި އެވެ.
އެތެރޭގެ ކޯޅުންތައް ބޮޑުވެފައިވާ ވަގުތެއްގައި އޮތް މި އިންތިހާބު އެމްޑީޕީގެ ކެނޑިޑޭޓު ކާމިޔާބު ކުރުމުން ސަރުކާރު ބައެއް މެމްބަރުން ވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތައް އަމާޒު ކުރައްވާފަ އެވެ. ހާއްސަކޮށް ރައްޔިތުން ސަރުކާރަށް ތާއީދު ކުރުމަށް ބޭނުން ނުވާކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީއަށް ދީގެން ލިބުނު ކުރިއެރުމެއް ނެތްކަމަށް އެމަނިކުފާނާއި އަރިސް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.
ނުފޫޒާއި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރިކަމަށް ތުހުމަތުކޮށް އިދިކޮޅުން ވަނީ ނަތީޖާއާއި މެދު ސުވާލު އުފައްދާފަ އެވެ. ހާއްސަކޮށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ގިނަ އަދަދެއްގެ ބަޔަކު ވޯޓު ލާފައިވަނިކޮށް އަދި ކިއުގައި ވެސް ބަޔަކު ނެތީސް ވޯޓު ފޮށި ބަންދު ކުރާ ގަޑި ފަސް ކުރުމުގެ ސަބަބުން އެ މައްސަލަ ވަރަށް ގޯސްވި އެވެ.
އިދިކޮޅުން ބުނީ ވޯޓު ފޮށި ބަންދު ކުރާ ގަޑިއަށް ބަދަލު ގެނައީ މަޝްވަރާ ނުހޯދައި ކަމަށެވެ. އަދި އެއީ ސަރުކާރުން ނުފޫޒު ފޯރުވައިގެން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމެއްކަމަށް ތުހުމަތު ކުރި އެވެ. އެކަމަކު އެ ވާހަކަތައް ދޮގު ކުރައްވައި ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ވޯޓު ފޮށި ބަންދު ކުރާ ވަގުތު ލަސް ކުރުން އެއީ އާކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ނިންމާފައި ވަނީ ދުވަހަކީ ވިއްސާރަ ދުވަހެއްކަމުން ގިނަ ބަޔަކަށް ވޯޓުލާ މަރުކަޒުތަކަށް އައުމުގައި ދަތިތަކެއް ދިމާވުމުންކަމަށް ވިދާޅުވި އެވެ.

