ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯޅަވަހި މައްސަލަ: ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ގޮތް ނިންމުން މި މަހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ހުށަހަޅާފައިވާ ޗާގޮސްއާއި ރާއްޖެއާއި ގުޅޭ ކަނޑުގެ ސަރަހައްދުގެ މައްސަލައިގެ ހުކުމް އިއްވުން މި މަހަށް ތާވަލް ކޮށްފިއެވެ.

އިޓްލޮސްގެ ވެބްސައިޓިގައި އާންމުކޮށްފައިވާ ގޮތުގައި މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން ތާވަލް ކޮށްފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ގަޑިން މެންދުރު ފަހު 2:00 ގައެވެ.

ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލައިގައި އިނގިރޭސިންނާއި މޮރިޝަސް އާއި ދެމެދު ޖެހިފައިވާ މައްސަލައަށް ހައްލެއް ނުލިބި ވަނިކޮށް ޗާގޮސްއާއި ރާއްޖެއާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުގެ މައްސަލައެއް ކަނޑުތަކާއި ބެހޭ ބައިނަލްއަގްވާމީ އާބިޓްރޭޝަނަށް ހުށަހެޅިއެވެ. އެގޮތުން 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން މައްސަލައެއްވަނީ ހުށަހަޅާފައެވެ.

މޮރިޝަސްއިން ދިވެހިރާއްޖެއާއި ދެކޮޅަށް މައްސަލަ ހުށަހެޅުމުން ދިވެހި ދައުލަތުން ބުނީ އެ މައްސަލައަކީ ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އެގޮތުން އެ މައްސަލައިގައި، މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަޙައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިޙްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރިއެވެ.

ދިވެހި ދައުލަތުން މި މައްސަލައިގައި 2020 ވަނަ އަހަރު އިންޓަނޭޝަނަލް އާބިޓްރޭޝަންގައި ކުރިއަށްދިޔަ މައްސަލައިގެ އަޑުއެހުމުގައި ދިވެހި ދައުލަތުގެ ބަންޑާރަނައިބު ވިދާޅުވެފައި ވަނީ ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް މައްސަލަ ހުށަހަޅައިގެން މޮރިޝަސްއިން އުޅެނީ އިމުގެ މައްސަލާގައި ރާއްޖެއާ ޚިލާފެއް އުފެދިގެން ނޫން ކަމަށާއި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ލިބިފައިވާ ހައްގުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެހެން މަގްސަދެއް ހާސިލްކުރުމަށް ކަމަށެވެ.

ދިވެހި ދައުލަތުން މި މައްސަލައިގައި ބުނަމުން ދިޔައީ މިއީ ސުލްހަވެރިކަމާ އެކު މަޝްވަރާކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި އެކަމަކު މޮރިޝަސް އިން އިޓްލޮސް އަށް މައްސަލަ ހުށަހަޅާފައި ވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސް އަށް ކަމަށް މި މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށެވެ.

މޮރިޝަސްއިން ހުށަހެޅި މައްސަލައާއި ބެހޭ ގޮތުން އޭރު ބަންޑާރަނައިބު ވިދާޅުވީ މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް މައްސަލައެއް ހައްލުކުރުމަށް، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ޓްރައިބިއުނަލް އަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ނިންމީތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ރާއްޖެ އަށް ވަންނަން ޖެހިފައި މި ވަނީ ރާއްޖެއިން އުފެއްދި މައްސަލައެއްގެ ތެރެއަކަށް ނޫން، ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވެއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި މޮރިޝަސްއާ އެކަނި މަޝްވަރާކުރެވެން ނެތް ކަމަށް ކުރިން ބުނެފައި ވާނެ ކަމަށާއި އެއީ ޗާގޮސްގެ ސިޔާދަތީ ބާރު ނުވަތަ އެ ރަށްތަކުގެ ސަރަހައްދަށް ބަސް ބުނުމުގެ ބާރު އޮތީ މޮރިޝަސް އަށް ކަމެއް ނުވަތަ އިނގިރޭސި ވިލާތަށް ކަމެއް ކަނޑައެޅިފައި ނެތުމުން ކަމަށެވެ. އެކަމަކު، ރާއްޖޭން މިގޮތަށް ބުނާތީ، ރާއްޖެ އަކީ އިސްތިއުމާރީ ބާރުތަކަށް ތާއީދުކުރާ ގަައުމެއް ކަމަށް މޮރިޝަސް އިން ސިފަކުރާ ކަމަށާއި އެކަމަކު އެއީ އިންސާފެއް ނޫން ކަމަށް ރިފްއަތު ވިދާޅުވި އެވެ. ދިވެހި ދައުލަތުން މިފަދައިން ބުނި  ނަމަވެސް ޓްރައިބިއުނަލުން 28 ޖަނަވަރީ 2021 ގައި ނިންމާފައިވަނީ މައްސަލަ ބެލުމަށެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް އައިލެންޑްސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން އިއުލާން ކުރީ މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެތެރެއިންނެވެ. އެގޮތުން  ޗާގޮސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅު ގަރާރަށް ތާއީދުކުރަން ރާއްޖެއިން ނިންމިކަން ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.

ޓްރައިބިޔުނަލްގައި މޮރިޝަސްއިން މަސައްކަތް ކުރަނީ ވަލު ދޮރާށިން ވަދެ ޗާގޮސްއަކީ އެ ގައުމުގެތަނަކަށް ހެދުމަކަށް ކަމަށް ދިވެހި ދައުލަތުން ބުނި ބުނުމާއި ހިލާފަށް މާ ބޮޑު ގާނޫނީ ހުއްޖަތެއް ދެއްކުމެއް ނެތި ޗާގޮސް މޮރިޝަސްއަށް ދިނުމަށް ރާއްޖެއިން ތާއިދުކުރާކަން ހާމަކޮށް ބަންޑާރަނައިބު ވިދާޅުވީ އދ. ގައި މޮރިޝަސްއާ އެއްކޮޅަށް ރާއްޖޭން ވޯޓު ދޭން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވުމުން އެކަމުގެ ބަދަލުގައި މޮރިޝަސް އިން މިހާރު ވަނީ މޮރިޝަސްގެ ބްލެންހެމް ފަރުގެ ސާވޭ ހެދުމަށް ދިޔަ ޚަރަދު ރާއްޖެ އަތުން ހޯދުމަށް މޮރިޝަސް އިން ކުރި ދައުވާ އަނބުރާ ގެންދަން ނިންމިކަން އަންގާފައި ކަމަށެވެ. އަދި ވިދާޅުވީ  ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ވުރެ ބޮޑުކުރަން ރާއްޖޭން 2010 ވަނަ އަހަރު ހުށަހެޅި ހުށަހެޅުމަށް މޮރިޝަސް އިން ހުށަހެޅި އިއުތިރާޒް ވެސް އަނބުރާ ގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާއި ގުޅޭގޮތުން ކަނޑުގެ ގާނޫނާއި ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ބުނާއިރު ކަނޑުތަކާއި ބެހޭ މައްސަލައިގެ ޓްރައިބިއުނަލުގައި ޗާގޮސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ވޯޓު ދޭނެކަމަށް ހާމަކުރަން ޖެހުނީ ކޮން ސަބަބަކާއި ހުރެ ތޯ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް، އެ ނިންމުމުގެ ދިފާއުގައި ތަކުރާރުކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށް ބުނަމުން ދަނީ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.

މައްސަލައިގައި މާބޮޑެތި ވާހަކަތަކެއް ދެކެވިފައި ނުވަނީސް، ނުވަތަ ބައިނަލްއަގްވާމީ ގައުމުތަކުގެ މެދުގައި ބަހުސްއެއް އަދި ނެތް ވަގުތެއްގައި ދިވެހި ސަރުކާރުން މިފަދަ ސިޓީއެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވަން ޖެހުނު ސަބަބާއި މެދު ސުވާލު އުފެދެ އެވެ. އަދި ހާއްސަކޮށް ކުއްލި ގޮތަކަށް، ރައީސުލްޖުމްހޫރިއްޔާ ސިޓީއެއް ފޮނުވުމަށް ނިންމެވީ ކޮން ކަންތަކެއްގެ މައްޗަށް ބިނާކޮށް ދެކެވުނު ވާހަކައެއްގެ ތެރެއިންތޯ އާއި ސިޓީގައި ރާއްޖޭގެ ތައީދު ލިބޭނެކަމުގެ އިތުރަށް އެހެން މަޝްވަރާއަކަށް އެދިފައި ވޭތޯ ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ ދެ ގައުމެއްގެ ސަރުކާރާއި ދެމެދު ދެކެވޭ ވާހަކަތައް ހާމަ ނުކުރެވޭނެ ކަމަށެވެ.

ސިޓީގެ ތަފްސީލުތައް ދެވެން ނެތް ނަމަވެސް، މައްސަލައިގައި ވަރަށް ގިނަ ދޮގު މައުލޫމާތާއި އޮޅުވާލުންތައް ފަތުރަމުންދާކަމަށް ވިދާޅުވެ، ތަރުޖަމާން ވަނީ އެ ލިޔެކިއުމުގައި ރާއްޖޭގެ ސްޓޭންޑު ބަދަލުވީ ނަމަވެސް އައިސީޖޭގެ ކަންތަކުގައި މޮރިޝަސްއަށް ތާއީދު ކުރިނަމަވެސް ކޮންޓިނެންޓަލް ޝެލްފް މައްސަލަ އަދި ޑީލިމިޓޭޝަން މައްސަލަ އެއްވެސް ގުޅުމެއް ނެތްކަމަށް ވަރަށް ސާފުކޮށް ލިޔެފައިވާނެކަމަށް ހާމަކުރައްވާފަ އެވެ.

ޗާގޮސްގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް އެރިނަމަވެސް މޮރިޝަސްއިން ރާއްޖެއަށް ދޫދޭކަށް ބޭނުމެއް ނުވޭ 

އައިސީޖޭގެ ގާނޫނީ ލަފާގެ މަތިން ޗާގޮސް މޮރިޝަސްއަށް ދިނުމަށް އދ. އިން 2019 ވަނަ އަހަރު ނިންމާފައިވާ ނިންމުމަށް ރާއްޖެއިން ތާއިދުކުރަން ނިންމި ނަމަވެސް މޮރިޝަސްއިން ރާއްޖެއަށް ދޫދޭކަށް ބޭނުމެއް ނުވެއެވެ. އެގޮތުން ރާއްޖޭން އުޅެނީ މޮރިޝަސްގެ ބޯޑަރާ ފުށުއަރާ ސަރަހައްދުގެ 99 ޕަސެންޓް ހޯދަން ކަމަށާއި އިމުގެ މައްސަލާގާއި ރާއްޖޭން ދައްކާ ވާހަކަ ރަނގަޅު ނޫން ކަމަށް އިޓްލޮސް ގައި މޮރިޝަސް އިން ވަނީ ބުނެފައެވެ. ޗާގޮސް މޮރިޝަސްއަށް ދޭން ނަގާ ވޯޓުގައި ރާއްޖެއިން ތާއިދުކުރާނެކަން އިއުލާން ކޮށްފައި ވަނިކޮށް މޮރިޝަސްއިން ބުނެފައި ވަނީ  ދެ ގައުމުގެ އިމުން ފުށުއަރާ ސަރަހައްދުގެ މިލްކުވެރި ފަރާތަކީ ދިވެހިރާއްޖެ ނޫން ކަމަށާއި މޮރިޝަސް ކަމަށެވެ.

މައްސަލައިގައި ރާއްޖޭގެ ދިފާޢު ބިނާކޮށްފައިވާ މައިގަނޑު ކަންކަން

  1. މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރު ނުވަތަ  ފެންނަން އޮތް ބްލެންހެމް ރީފްއިން ފެށިގެން ކަމުގައި ބަޔާންކޮށްފައިވީނަމަވެސް، ބައިނަލްއަޤްވާމީ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކޮށް އެއީ ބޭސް ޕޮއިންޓްއެއް ކަމަށް ނުބަލައި އެ ސަރަޙައްދު ބައިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކޮށް ކާމިޔާބުވެއްޖެނަމަ ދިވެހިރާއްޖެއަށް 4,687 އަކަކިލޯމީޓަރުގެ އިތުރު ސަރަޙައްދެއް ލިބިގެންދާނެތީ، ސަރަޙައްދު ބައިކުރަން މޮރިޝަސްއިން ހުށަހަޅާފައިވާ ގޮތަށް އިޢުތިރާޟްކުރުން؛
  2. ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްގެ ލިމިޓް ކަނޑައެޅުމަށް ޚާއްޞަކޮށް އުފައްދާފައިވާ ކޮމިޝަންއެއް ކަމަށްވާތީ މި މައްސަލަ މިހާރު ބަލަމުންދާ ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަކީ އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަތައް ބެލުމަށް ސައިންޓިފިކް އެކްސްޕަރޓުން ފަދަ ޚާއްޞަ ޚަބީރުން ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ޗެމްބަރެއްކަމުގައިނުވާތީ، ދިވެހިރާއްޖޭގެ ފަރާތުން CLCS އަށް 2010 ވަނަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ ކޮމިޝަނުން އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާމެދު ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭތީ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން މޮރިޝަސްއިން ހުށަހަޅާފައިވާ ހުށަހެޅުން ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަށް ލިބިފައިނުވާކަމަށް ހުށަހެޅުން؛
  3. ދިވެހިރާއްޖެއިން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެ، އައުޓަރ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމަވާ ޙާލަތުގައިވެސް، އައުޓަރ ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގެ ގޮތުން ހުށަހަޅަންޖެހޭ  ސައިންޓިފިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިނުވާތީ، މޮރިޝަސްއަށް އައުޓަރ ކޮންޓިނެންޓަލް ޝެލްފް ޙައްޤުވެގެން ނުވާކަމަށް ބަޔާންކުރުން.

ބަންޑާރަނައިބު ވިދާޅުވި ގޮތުގައި މި މައްސަލައިގައި، މިބާވަތުގެ އެހެން މައްސަލަތަކުގައިވެސް ޢާންމު އުޞޫލުން ނިންމުންތައް ނިންމާ ހަމަތަކަށް ބަލާއިރު،މުޢާހަދާގައި ބަޔާންކޮށްފައިވާ ބައިނަލްއަޤްވާމީ ޤާނޫނީ ހަމަތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ  ޓްރައިބިއުނަލުން ކަނޑައަޅާނެއެވެ.

އެގޮތުން ބައިނަލްއަޤްވާމީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުން ދެޤައުމުގެ މެދުގައި އޮންނަ ފުށުއަރާ ސަރަޙައްދުގެ ބައި ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުޞޫލުން ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވެއެވެ. އަދި އޭގެ ނަތީޖާއަކަށްވާނީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތީ ޙައްޤުތައް ލިބިގެން ދިއުންކަން ބަންޑާރަނައިބު ވަނީ ފާހަގަ ކުރައްވާފައެވެ.

ކުރެވޭ ތުހުމަތުތަކަށް ރައީސް ސާލިޙްގެ  ރައްދު

ސަރުކާރުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް މޮރިޝަސްއަށް ވިއްކާލާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެފައި ވަނީ  މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ ޗާގޮސްއާއި ރާއްޖެއާއި ގުޅޭ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ދައްކަމުންދާ ވާހަކަތަކަކީ ވަކިބައެއްގެ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށް ދައްކަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ މި މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު ދެ ޤައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށް ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާ ކޮށް، އޭރު އެއްބަސްވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަޙައްދުގެ މައްސަލަ ހައްލުކުރުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި އެކި ސަރުކާރުތަކުގައި ވާހަކަދައްކާފައި އޮތީ، އެކި ސަރުކާރުތަކާ އެކު ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މިމައްސަލައިގައި މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައިކަމާއި ވަކި ސަރުކާރާކާއެކު ނޫންކަން ކަމަށެވެ. އަދި ހަމައެހެންމެ، މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، ސަރުކާރުން މިހާރުވެސް ދަމަހައްޓަމުން އަންނަނީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ދިފާޢުކުރުމުގެ ސިޔާސަތުކަން ރައީސް ފާހަގަކުރެއްވިއެވެ. މި މައްސަލައިގައިވެސް އަދި ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި، އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދޭނެކަމުގައި ރައީސް ސާލިޙް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: