ދޮޅު އަހަރު ދުވަހު ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކަށް، ދައުލަތުން ބޮޑެތި ހަރަދު ކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށާއި އެއީ ބަޖެޓުން ކުރާ އިސްރާފެއްކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އަނދުން ހުސެއިން ވަނީ އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް ނަޝީދުގެ ސެކިއުރިޓީ ހަރަދުތަކާއި، އެމަނިކުފާނަށް ކުރާ ޖުމްލަ ހަރަދުތަކުގެ ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުޑަ ބަޖެޓެއްގެ ދަށުން ހިންގާ ގައުމެއްގައި އެފަދަ ބޮޑެތި ހަރަދުތައް ކުރުމަކީ އިސްރާފެކެވެ. އަދި އެކަމާއި މެދު ރައްޔިތުން ފުންކޮށް ވިސްނުމަށް ގޮވާލި އެވެ.
އަނދުން ހުސެއިން ރައީސް ނަޝީދުގެ ސެކިއުރިޓީއަށް ދައުލަތުން ކުރާ ހޭދަތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވި އެވެ. ދައުލަތުގެ ބަޖެޓަށް ބާރު ބޮޑުވެ، ކުރާ ހޭދަތައް އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކޮށް އަނދުން ހުސެއިން ވިދާޅުވީ މިއީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ އިޝްތިހާރު ބަޖެޓަށް ވުރެ ވެސް ކުޑަ ބަޖަޓެއް އޮތް އަދި ނުފޫޒުގަދަ ކުޅިވަރު ކުޅޭ މީހުންގެ އެއް އަހަރުގެ މުސާރައަށް ވުރެ ދަށް އާމްދަނީއެއް ލިބޭ ގައުމެއް ކަމަށެވެ.
އެހެންކަމުން ދައުލަތުގެ ބެލުމުގެ ދަށުން، ނުވަތަ ހަރަދުތަކުގެ ދަށުން ބަލަހައްޓަން ޖެހިފައިވާ މީހުންގެ ތަފްސީލުތައް އެނގުން މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ. އެގޭ ބޭނުމެއްކަމަށް އަނދުން ހުސެއިން ވިދާޅުވީ އިސްރާފު ނުވާނެ ގޮތަކަށް ދައުލަތް ނުވަތަ ސަރުކާރު ހިންގުމެވެ.
”ހިތާމައަކީ މިއަދު ވެސް ދައުލަތުގެ ހަރަދުދުގައި، ހަރަދު ކުރާ ފަރާތްތަކުގެ ހަރަދު މިއަދު.. މިގަޑީގައި އައިޖީއެމްއެޗުގައި ވިހާ ކުއްޖާގެ ބޮލަށް ވެސް 80 ވަރަކަށް ރުފިޔާ ޖެހޭ ގޮތްވުން.. މި ދަންވަނީ ދިވެހި ކޮންމެ ރައްޔިތަކަށް 80 ރުފިޔާ ވަކި ބޭފުޅަކަށް ދައުލަތުން ކުރާ ހަރަދުގެ ގޮތުގައި ހިމެނިގެން ދިއުމަކީ މިއީ ހިތާމަ ހުރިކަމެއް..“ ރައީސް ނަޝީދުގެ ނަން ބޭނުން ނުކޮށް، އެމަނިކުފާނަށް އިޝާރާތްކޮށް އަނދުން ހުސެއިން ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ނަން ބޭނުން ނުކޮށް، އެމަނިކުފާނަށް ދައުލަތުން ކުރާން ޖެހޭ ހަރަދަކީ ބޮޑު ހޭދައެއްކަމަށް ވިދާޅުވެ އަނދުން ހުސެއިން ވަނީ އެމަނިކުފާނުގެ ސަބަބުން އަލަށް އުފަން ވާ ކުއްޖާގެ ބޮލުގައި ވެސް އަދަދުތަކެއް އެޅިގެންދާކަމަށް ތުހުމަތުކުރައްވާފަ އެވެ.
މިއީ ހިތްހަމަނުޖެހުނު ނަމަވެސް، ދައްކަން ޖެހޭ ވާހަކައެއްކަމަށް ވިދާޅުވެ ވާހަކަ ކުރިޔަށް ގެންދަވަން މަސައްކަތް ކުރުމުން މާފަންނު ދެކުނު ދައިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. އަދި ވިދާޅުވީ އަނދުން ހުސެއިންގެ ވާހަކައިގެ ބޭނުމަކީ އަނެއްކާ ވެސް ބަޔަކު ރައީސް ނަޝީދުގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާއެއް ދިނުން ތޯ ސުވާލު އުފެދޭ ކަމަށެވެ.
”އެހެންވީމަ ހިތްހަމަނުޖެހުނުކަމުގައި ވިޔަސް، އަދި ގަޔާ ނުވިކަމަށް ވިޔަސް އަޅުގަނޑުމެން އެބަޖެހޭ މިވާހަކަ ދައްކަން..“ އަނދުން ހުސެއިން ވިދާޅުވި އެވެ.
އަނދުން ހުސެއިނަށް ރައްދު ދެއްވައި ބޮންޑޭ ވިދާޅުވީ، ރައީސް ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހުނީ މާލޭގެ މަޖީދީ މަގުގެ އެންމެ ކާރޫބާރުބޮޑު އެ ސަރަހައްދުގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮމެއް ގޮއްވާލުމުން ކަމަށެވެ. އެހެންކަމުން އެ ހަރަދުތައް ކުޑަކުރުމަށް ގޮވާލައި، އެކަމާއި މެދު ކަންބޮޑުވެގެން ބަޔަކު ވާހަކަ ދައްކާނީ އެމަނިކުފާނަށް އެދިން ހަމަލާ ތަކުރާރުކޮށް މަރާލަން ތޯ އޭނާ ވިދާޅުވި އެވެ.
”ދިވެހިރާއްޖޭގައި ވެރިކަންކޮށްފައި ހުރި ބޭފުޅަކު މާރާލުމަށް ބޮމެއް ގޮއްވާލުމުން، ސެކިއުރިޓީން ދިނީމައި އެކަމާއި ދެކޮޅަށް… އެ ހަރަދު ކުޑަކުރާށޭ ބުނާނީ އަނެއްކާވެސް މަރާލަންހެން އަޅުގަނޑައަށް ހީވަނީ.. ތަކުރާރުކޮށް އެ ވާހަކަ ދައްކަނީ.. މިހާރު ދެން ތަހުގީގު ކުރާ ހިސާބަށް ގޮސްފި.. ރައީސް ނަޝީދުގެ ސެކިއުރިޓީއަށް ކުރާ ހަރަދުތައް ކުޑަކުރުމަށް ގޮވާލަނީ ރޭވުމެއްގެ ތެރެއިން.. ބޭނުމަކީ އަނެއްކާވެސް މަރާލުން.. މަރާ ނުލެވިގެން މި މީހުން އެ މަސައްކަތް ކުރަނީ…“
ބޮންޑެ ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުން އެ ވާހަކަތައް ހުއްޓާނުލައި، ތަކުރާރުކޮށް ބައެއް ބޭފުޅުން ދައްކަމުން ގެންދާކަމަށެވެ. އަދި އެއީ ބޮޑު ރޭވުމެއްގެ ތެރެއިން އެބޭފުޅުން ދައްކަވާ ވާހަކަތަކެއްކަމަށް ބެލެވޭތީ ތަހުގީގު ވެސް ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.
ނިޒާމީ ނުކުތާ ނަންގަވައި ބޮންޑެ ދެއްކެވި ވާހަކައިގެ ރައްދުގައި އަނދުން ހުސެއިން ވިދާޅުވީ، އޭނާ އިޝާރާތް ކުރަނީ ހަމައެކަނި ސެކިއުރިޓީއަށް ނޫންކަމަށާއި މުޅި ޖުމްލަ ހަރަދަށް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީއަށް މަޖިލީހުން 23 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާކަން ފާހަގަކޮށް އަނދުން ހުސެއިން ވިދާޅުވީ ރައީސް ނަޝީދު ބޭސްފަރުވާއަށް ބޭރު ގައުމަކަށް ވަޑައިގަތަސް ހަމަޖައްސަން ޖެހެނީ ގަނޑުވަރެއް ކަމަށެވެ.
”ބޭސްފަރުވާއަށް ޖަރުމަނަށް ވަޑައިގަތަސް ބޮޑު ގަނޑުވަރެއް… އަދި އެ ގަނޑުވަރުކޮޅު ވެސް ކުއްޔަށް ހިފާފައި ބަހައްޓާފައި އަނެއްކާވެސް ލަންޑަނަށް.. ދެން އަނެއްކާވެސް ދެވަނަ ގަނޑުވަރަށް ވެސް ސަރުކާރުން ހަރަދު ކުރަން ޖެހޭ.. މިގޮތަށް ރައްޔިތުންގެ ފައިސާ ހަރަދު ކުރުން މިއީ ދެރަކަމެއް…“
އަނދުން ހުސެއިން ވަނީ ރައީސް ނަޝީދު ބޭރުގެ ގައުމަކަށް ވަޑައިގަތަސް ދައުލަތުން ކުރަން ޖެހޭ ބޮޑެތި ހޭދަތަކާއި މެދު ވެސް ސުވާލު އުފައްދާފަ އެވެ. އަދި އެމަނިކުފާނުގެ ހުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް އަގުބޮޑެތި ހޮޓެލްތައް ބުކް ކުރަންޖެހޭއިރު، ހަމަ އެ ދަތުރުގެ ތެރެއިން އެހެން ގައުމަކަށް ވަޑައިގަތަސް އެ އުސޫލުގެ ތެރެއިން ކުރަން ޖެހޭ ހަރަދުތައް ބޮޑުވާކަމަށް އޭނާ ވިދާޅުވި އެވެ.
ބޮންޑެ ވާހަކަ ދައްކަވަނީ މައުޟޫއިން ބޭރުންކަމަށައި، މަޖިލީހުގައި އޮތް ގަރާރަކީ ރައީސް ނަޝީދުގެ ސެކިއުރިޓީ ހަރަދު ނުވަތަ ޖުމްލަ ހަރަދުތަކުގެ ވާހަކަ ނޫންކަން ފާހަގަކޮށް ދެން ނިޒާމީ ނުކުތާއެއް ނެންގެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.
އިންތި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ރައީސް ނަޝީދަށް ރައްކާތެރިކަން ފޯރުކޮށްނުދެވުނު ނަތީޖާއެއްގެ ގޮތުން ބަޔަކު އެމަނިކުފާނު އަވަހާރަކޮށްލުމަށް މަސައްކަތް ކުރީކަމަށެވެ. އަދި ލިބުނު އަނިޔާތަކަށް ދައުލަތުން ކުރަން ޖެހޭ ފަރުވާއަށް ފަހު، އަނެއްކާވެސް އެ ވާހަކަތައް ދައްކަވަނީ ހަމަލާއެއް އަމާޒުވުމުގެ ބޭނުމުގައި ތޯ އިންތި ސުވާލު ކުރި އެވެ.
”މިއީ ކުރެވިގެންވާނެ ކަމެއް ނޫން.. ލަދުވެތިކަމެއް… މިބޭފުޅުން ލަދު ގަންނަން ޖެހޭނެ.. މި މަޖިލީހުގެ ރައީސް.. މި މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްގެ ވާހަކަ މި ދައްކަނީ.. އެއަށް އިންސާފު ވެސް ނުހޯދައިދެވުނު މި ސަރުކާރަށް.. އަނެއްކާ އަވަހާރަކޮށްލުމަށް ހިތްވަރު އެދެއްވަނީ.. މި ތަނުގައި ވެސް އެ ވާހަކަ ނުދެއްކެވޭނެ.. މައުޟޫއަކަށް ވެސް ނޫން އެ ވާހަކަ ދައްކަވަނީ…“
އިންތިގެ ނިޒާމީ ނުކުތާއަށް އަނދުން ހުސެއިން އަނެއްކާވެސް ތަކުރާރު ކުރެއްވީ ހަރަދުގެ ވާހަކަ އެވެ. އެހެންވެ އަނެއްކާވެސް ނިޒާމީ ނުކުތާއެއް ނަންގަވައި އިންތި ވިދާޅުވީ، މި ސަރުކާރުން ވީ އެތައް ވައުދެއް ފުއްދިފައިނުވާއިރު ހަރަދުގެ ވާހަކަތައް ދައްކަން ލަދުގަންނަން ޖެހޭނެ ކަމަށެވެ.
އެއަށް ފަހު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވެސް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ، އަނދުން ހުސެއިނުގެ ފޮޓޯއެއް ދާދިފަހުން ލީކުވެގެން އައިކަމަށެވެ. އެހެންކަމުން އެފަދަ މީހުން މަޖިލީހުގައި ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭކަމަށް ވިދާޅުވި އެވެ.
އެ ވާހަކައަށް ރައްދެއް ނުދެއްވައި، އަނދުން ހުސެއިން ވިދާޅުވީ ދެ އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވި ބޭފުޅަކަށް ދައުލަތުން ކުރަން ޖެހޭ ހޭދައެއް ނޯންނާނެ ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ އެކަން ދައުލަތުގެ ބަޖެޓަށް ކެތް ނުކުރެވޭނެކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ގޯސްވެފައިވާ މި ވަގުތުގައި ރައީސް ނަޝީދާއި، ރައީސް ސޯލިހަށް ތާއީދު ކުރާ މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ. އަދި ސަރުކާރު މެމްބަރުން ދަނީ ރައީސް ނަޝީދު ބެނުން ވަނީ އެމްޑީޕީ ހަލާކުކޮށްލައި، ރައީސް ސޯލިހަށް އިންތިހާބު ގެއްލުވާލުމަށްކަމަށް ބުނަމުންނެވެ.
2023 ގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ރައީސް ސޯލިހަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ތާއީދު ކުރުމަށް ދެކޮޅު ހައްދަވާފަ އެވެ. އަދި ވިދާޅުވީ އެމްޑީޕީގެ އަސާސްތަކާއި، ޕާޓީގެ މެނިފެސްޓޯއާއި ރައީސް ހިލާފުވެފައިވާއިރު އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ މަޖިލީހާއި، އެމްޑީޕީ ހިސޯރުކޮށްގެން ކަމަށެވެ.

