2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައި އެކަން އިއުލާނު ކުރުމާއި އެކު ބައެއް ބޭފުޅުން ސަރުކާރު ފަޅި އިހުތިޔާރު ކުރައްވާނެކަމަށް އޮތީ ބެލެވިފަ އެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ޕާޓީގެ ކައުންސިލް ނިންމުން މީޑިއާތަކުން ރިޕޯޓު ކުރުމާއި އެކު އޭގެ ޖެހިގެން އައި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ ސަރުކާރު މެމްބަރުން އެކަމަށް ނުރުހުންފާޅު ކުރައްވާފައި ވާތީ އާއި އެކު އެވެ. އަދި އެ ނިންމުމާއި އެކު ކޯލިޝަން ރޫޅި، ސަރުކާރުގެ މަގާމުތަކުން ޖޭޕީގެ ބޭފުޅުން ބޭރު ކުރާނެކަމަށް ގަބޫލު ކުރެވިފައިވާތީ އެވެ.
ތަކުރާރުކޮށް މިހާރު ވެސް އެމްޑީޕީގެ މެމްބަރުން ގޮވާލަމުން ދަނީ، ޖުމްހޫރީ ޕާޓީ ސަރުކާރުން ބޭރުކޮށް މަގާމުތަކުން އިސްތިއުފާ ދިނުމަށެވެ. އެކަމަކު އެ ގޮވާލުންތަކަށް ދެކޮޅު ހައްދަވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ފަސް އަހަރުގެ އެއްބަސްވުމެއް އޮއްވައި އެއާއި ހިލާފު ނުވެވޭނެކަމަށާއި އެފަދަ ނިންމުމެއް ނިންމާ ހިސާބުން މި ސަރުކާރު ވެސް ދެމި ނޯންނާނެ ކަމަށެވެ.
ސަރުކާރުގެ ބޮޑު އިންސައްތައެއް ޖޭޕީއަށް ލިބިފައިވުމާއި އެކު، ވަޒީރުންނާއި ނައިބުންގެ އިތުރުން އެކި ޑިޕްލޮމެޓިކް މިޝަންތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އާއި އަދި ސިޔާސީ އެކި މަގާމުތަކުގައި ޕާޓީގެ ގިނަ ބޭފުޅުން އެބަތިއްބެވެ. ޖޭޕީގެ ކައުންސިލުން 2023 ގެ ރިޔާސީ އިންތިހާބަށް ވަކިން ކެނޑިޑޭޓެއް ނެރުމަށް ނިންމި ރޭގައި އެންމެ ފުރަތަމަ ވެސް ޕާޓީން ވަކިވެވަޑައިގަތީ ގާސިމާއި އެކު ގާތް ގުޅުމެއް އޮތް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރެވެ. ސަމީރަކީ 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ގާސިމާއި އެކު ގާތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ސިޔާސީ މަގާމަކަށް ވަޑައިގެންފައި ވަނީ ޖޭޕީގެ ސްލޮޓެއްގަ އެވެ.
ޕާޓީން އިންތިހާބުގައި ވާދަ ކުރުމަށް ނިންމައި، ކެނޑިޑޭޓާއި ގުޅޭގޮތުން ގޮތް ނިިންމުމުގެ މަސައްކަތް ފެށުމުން ވެސް އެހެން ކެނޑިޑޭޓަކަށް ތާއީދުކޮށް ވާހަކަ ދައްކާކަމަށް ބުނެ ޖޭޕީގެ ބޭފުޅުން ނުރުހުންފާޅު ކުރެއްވި އެވެ. ގާސިމްގެ އެޑްވައިޒަރު އަދި މަޖިލީހުގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބަވައި، އެހެން ޕާޓީއެއްގެ ރިޔާސީ ކެނޑިޑޭޓަކަށް ތާއީދުކޮށް ނައިބް ރައީސް ފައިސަލް ނަސީމާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަ ދައްކަވާނަމަ އެންމެ ރަނގަޅު ގޮތަކީ އެބޭފުޅުން ޕާޓީ ދޫކޮށް ދިއުންކަމަށެވެ. އިލްހާމް އިޝާރާތް ކުރެއްވި ބޭފުޅުންގެ ތެރެއިން އާޒިމް ވަނީ ގާސިމްގެ އެޑްވައިޒަރުކަން ދޫކުރައްވާފަ އެވެ. އަދި ފައިސަލް ވެސް ބޮޑަށް ބެލެވެނީ ތާއީދު ކުރައްވާނީ ރައީސް ސޯލިހަށް ކަމަށެވެ.
2018 ގެ ރިޔާސީ އިންތިހާބަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނެއްގެ ތެރެއިން ނިކުތުމަށް މަސައްކަތް ފަށައި، ނިންމީ އެމްޑީޕީގެ ކެނޑިޑޭޓާއި އެކު ޖުމްހޫރީ ޕާޓީއަށް ރަނިންމޭޓުކަން ދިނުމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ޕާޓީން އެ މަގާމަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލީ މެމްބަރުންގެ މެދުގައި ކައުންސިލުން ސިއްރު ވޯޓެއް ނެގުމުން އިންތިހާބު ވީ އޭރުގެ ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރަމުން އައި ފައިސަލް އެވެ.
ސަރުކާރު އުފެދި މިވީ ހަތަރު އަހަރުގެ ތެރޭގައި، ޖުމްހޫރީ ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މެދު ހިތްހަމަނުޖެހި އެކި ވާހަކަތައް ދެއްކުމާއި އަދި ދެބަސްވުން އުފެދޭ ގޮތަކަށް ބަހުސްތައް ކުރި ނަމަވެސް ސިޔާސީ ނުފޫޒެއް ފޯރުވުން ނުވަތަ ފާޑުކިއުންތައް އަމާޒު ކުރައްވާތަން ފައިސަލްގެ ފަރާތުން ފެނިފައި ނުވެ އެވެ.
މާބޮޑު ބާރުވެރިކަމެއް ފޯރުވުމަށް ފައިސަލް މަސައްކަތް ނުކުރާކަން ފާހަގަކޮށް، އެމްޑީޕީގެ މެމްބަރުން ވެސް އޭނާއަށް ތައުރީފު ކުރެ އެވެ. އަދި ފައިސަލް އަކީ ސަރުކާރުގެ ދިފާއުގައި ވެސް ގިނަ ފަހަރަށް ވާހަކަ ދައްކަވާފައިވާ އަދި އެމްޑީޕީއަކީ ވެރިކަން ކުރާ ޕާޓީކަމުން އެ ޕާޓީގެ ބައެއް ކެނޑިޑޭޓުންނަށް އިންތިހާބުތަކުގައި ތާއީދު ކުރެއްވި ބޭފުޅެކެވެ.
ސަރުކާރުގެ ގިނަ މަޝްރޫއުތައް ކުރިޔަށް ގެންދާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަކީ ވެސް ވަރަށް ބޮޑަށް ރައީސަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާ ބޭފުޅެކެވެ. އަދި އެމަނިކުފާނުގެ ލީޑާޝިޕާއި ގުޅުވައި ވާހަކަ ދައްކަވާއިރު ތަފާތު އެކި ޖަލްސާތަކުގައި ރައީސް ސޯލިހު ވެސް އާޒިމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެ ވަރުގަދަ ލީޑަރުކަން ފާހަގަކުރައްވަ އެވެ. އެހެންކަމުން، އާޒިމްގެ ނިންމެވުމުން ޖޭޕީއަށް އޮޅިފައި ނޯންނާނެ އެވެ.
ޖުމްހޫރީ ޕާޓީން މިދިޔަ ފެބްރުއަރީ 15 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޖޭޕީގެ ބައެއް ބޭފުޅުން ބޭނުން ވަނީ ރައީސަށް އިތުރު ދައުރެއް ދިނުމަށްކަން ނޫސްވެރިއަކު ފާހަގަކުރި އެވެ. އަދި އެކަމާއި ގުޅިގެން އެއްވެސް މެމްބަރެއްގެ ހިޔާލު ހުރި ގޮތް ޕާޓީއަށް ލިބިފައި ވޭތޯ ސުވާލު ކުރުމުން ގާސިމްގެ އެޑްވައިޒަރު އިލްހާމް ވިދާޅުވީ ފައިސަލް އާއި އާޒިމަކީ ޕާޓީގެ އިސް ބޭފުޅުންނަށްވެފައި ދެބޭފުޅުންގެ ފަރާތުން ވެސް ފެންނަނީ ރަނގަޅު ނަމޫނާއެއް ނޫންކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ގޮތެއް ނުނިންމަނީސް، އެހެން ކެނޑިޑޭޓަކަށް ތާއީދު ކުރާނަމަ އެންމެ ރަނގަޅު އަދި ރިވެތި ގޮތަކީ ވެސް ޕާޓީ ދޫކޮށް ގޮސް ކެމްޕެއިން ކުރުންކަމަށް އިލްހާމް ވިދާޅުވި އެވެ.
އެބޭފުޅުން އެފަދަ ވިސްނުމެއް ހުރެއްޖެ ނަމަ ޕާޓީ ދޫކޮށްލާނެކަމަށް އަޅުގަނޑު ގަބޫލު ކުރަނީ.. ސީރިއަސް ސިފައެއްގައި ކުރާކަމެއް ވާނަމަ އިސްތިއުފާ ދެއްވަން ޖެހޭނެ.. އެއީ ދެއްތޯ ރީތި ގޮތަކީ..“
ފައިސަލް އާއި އާޒިމް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ރައީސަށް ތާއީދުކޮށް ކެމްޕެއިން ކުރަމުންދާކަން މީޑިއާތަކުން ފެންނަކަމަށް އިލްހާމް ވިދާޅުވި އެވެ. ރައީސް ސޯލިހަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށްވާއިރު އެއީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފައްދައި އިލްހާމް ވިދާޅުވީ ތަމްސީލު ކުރަމުން ދާ ޕާޓީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓަށް ދެވަނަ ދައުރެއް ދިނުމަށް އެކި ޖަލްސާތަކާއި ޕްރެސްތަކުގައި އެބޭފުޅުން ވާހަކަ ދެއްކެވުން ރަނގަޅީ ޕާޓީން އިސްތިއުފާ ދިނުމަށް ފަހު ކަމަށެވެ. ތަކުރާރުކޮށް އިލްހާމް ވިދާޅުވީ، ފައިސަލް އާއި އާޒިމްގެ ވިސްނުމަކީ އެއީކަމަށް ވާނަމަ ޕާޓީ ދޫކޮށް ދާން ޖެހޭކަމަށެވެ.
ގާސިމްގެ ނިންމެވުމަކީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުންކަމަށްވާއިރު، އެ ނިންމުމާއި މެދު އެ ޕާޓީގެ އެހެން ބަޔަކު ވެސް ހިތްހަމަނުޖެހޭ ސަބަބެއް ނެތެވެ. ސަބަބަކީ ފެށުނީއްސުރެ އެ ޕާޓީގެ ވިސްނުން ހުރީ ރިޔާސީ އިންތިހާބަށްކަމަށްވުމާއި އެކު އެވެ. އެހެންކަމުން، އެބޭފުޅުންނަށް ޖޭޕީގެ ނިންމުން އިއުލާނު ކުރުމުގެ ކުރިޔަށް، ފަސޭހަކަމާއި އެކު އެމްޑީޕީއަށް ސޮއި ކުރެވެން އޮތެވެ. ނަމަވެސް އިހުތިޔާރު ކުރީ ސަރުކާރުގެ ހެޔޮ ބަހާއި ތައުރީފް ލިބޭނެ މަގަކުން ދިއުމަށެވެ. އެ މަގުން އަދިވެސް އެމްޑީޕީއާއި ގުޅޭނެ މެމްބަރުން ވާނެ އެވެ. ސުވާލަކީ، ޖޭޕީގެ ސްލޮޓުތަކުގައި މަގާމުތަކުގައި ތިއްބެވި ބޭފުޅުންތައް ސަރުކާރަށް ތާއީދު ކުރަނީ ހަގީގަތުގައި ވެސް ރައީސަށް ކުރާ ތާއީދެއްގެ ސަބަބުން ތޯ، ނުވަތަ މަގާމުގެ ބޭނުމުގައި ތޯ އެވެ.
މަޖިލީހުގައި އެކި ގޮތްގޮތުން އަމާޒުވެފައިވާ ފަޑުކިއުންތަކުން އެނގޭ އެއްކަމަކީ، ސަރުކާރުގެ ގިނަ މެމްބަރުން މަޑުން ނުތިބޭނެކަމެވެ. ސަރުކާރަށް ހާމަކަން ބޮޑު ގޮތަކަށް ދައްކަން ބޭނުން ނުވާ ވާހަކަތަށް އެނބުރެމުން ދާނީ މަޖިލީހުގެ ތެރެއަށެވެ. އެ އާއްމުނަށް އިއްވައި، ޖޭޕީގެ ލީޑަރު ގާސިމަށް އަންގާނީ ވެސް ހަމަ މަޖިލީހުގެ ތެރެއިންނެވެ. އެކަން ކުރިތަން ވެސް ފެނުނެވެ. އެމްޑީޕީގެ ސަރުކާރު މެމްބަރުން ވަނީ ޖޭޕީގެ ސްލޮޓުތަކުގައި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދޭން ގޮވާލާފަ އެވެ. އަދި އެގޮތަށް އިސްތިއުފާ ނުދީފި ނަމަ، ކޮންމެ މެމްބަރަކު ވެސް މަޖިލީހަށް ހާޒިރު ކުރުމަށް ފަހު ހުތުރު ގޮތަކަށް ވަކި ކުރާނެކަމުގެ އިންޒާރު ދިނެވެ. އޭގެ ތެރޭގައި ސަރުކާރު ދިފާއުކޮށް ހަރުއަޑުން މަޖިލީހުގައި ވާހަކަ ދައްކަވާ ހުރިހާ މެމްބަރުން ވެސް ހިމެނެ އެވެ.
އެމްޑީޕީގެ އެ މެމްބަރުންނަށް ރައްދު ދީ މަޖިލީހުގެ ތަޅުމުގައި ގާސިމް ވެސް އޭނާގެ ބަސް އިއްވި އެވެ. އަދި ވަރަށް ފާޅުކަން ބޮޑުގޮތަކަށް ވިދާޅުވީ، ކޯލިޝަން އެއްބަސްވުމެއް އޮއްވައި ސަރުކާރުން ބޭރު ނުކުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާއިރު ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށް ނިންމުމުގައި މައްސަލައެއް ނެތްކަމަށް ވިދާޅުވި އެވެ.
2018 ގެ ރިޔާސީ ރިޔާސީ އިންތިހާބުގެ މަސައްކަތް އެކުގައި ކުރިޔަށް ގެންދިޔައީ އެއްބަސްވުމެއްގެ ދަށުންކަމަށް ދައްކަވާ ވާހަކަ ތަކުރާރު ކުރައްވައި ގާސިމް ވިދާޅުވީ އެ ލިޔެކިއުމަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، ޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ނިންމި ނިންމުމެއްގެ ސަބަބުން ވަޒީރުންނާއި އެހެން މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން އިސްތިއުފާ ދޭން ނުޖެހޭނެކަމަށް ގާސިމް ވިދާޅުވި އެވެ. 2018 ގެ ހާލަތު ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އޭރު އެންމެން އެކުގައި ނިކުތުން ނޫން އިތުރު ގޮތެއް ނެތް ކަމަށެވެ. އޭނާ ވެސް ހިމެނޭހެން، ރައީސް މައުމޫނާއި އެހެން ލީޑަރުން ވެސް ތިއްބެވީ ޖަލުގައިކަމަށްވުމާއި އެކު އިންތިހާބަށް ނިކުތުމުގެ ފުރުސަތު ގެއްލިގެން ދިޔައީކަމަށް ގާސިމް ވިދާޅުވި އެވެ.
ސަރުކާރުގެ ކޯލިޝަނުގައި ތިބެ، އެހެން އިތުރު ވެރިކަމެއް ގެނައުމުގެ މަސައްކަތް ކުރާއިރު އެންމެ ރަނގަޅު ގޮތަކީ ވަކިވެގެން އެ މަސައްކަތް ކުރުން ނޫންތޯ ”ސަންގު“ އިން ގާސިމާއި ސުވާލު ކުރީމެވެ. ސަބަބަކީ ފާޑުކިއުންތަކާއި އެކު ވެސް ސަރުކާރުގެ މެމްބަރުން ދައްކާ ރަނގަޅު އެއް ވާހަކައަކީ އެއީ އެވެ. ސަރުކާރެއްގައި ތިބެ، އެހެން ވެރިކަމެއް ގެނައުމަށް ކުރާ މަސައްކަތެވެ. އެ ހަމަޖެހޭނެ އުސޫލެއް އެބައޮތް ތޯ ޖޭޕީން ވިސްނައިދޭން އެބަޖެހެ އެވެ. އެކަމަކު، ފަސް އަހަރުގެ އެއްބަސްވުން ނޫން ވާހަކައެއް ޖަވާބުގައި ދޭކަަށް ނެތެވެ.
ކޮންމެއަކަސް ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު ބޭނުމަކީ ވެރިކަމަށް އައުމެވެ. އެ ޕާޓީއެއްގެ ސިޔާސަތުތައް ކުރިއަރުވައި، ޕާޓީގެ ލީޑަރު ވިއްކުމެވެ. އެހެންކަމުން، ޖޭޕީން 2023 ގައި ވާދަ ކުރުމަށް ނިންމުމުން އެކަމަށް އެމްޑީޕީއަށް ކިޔޭނެ ފާޑުކިއުމެއް ނެތެވެ.

