ރައްޔިތުންގެ އިއްޒަތްތެރި މެމްބަރުންނަކީ ސަރުކާރު މެމްބަރުންކަމަށް އެ މެމްބަރުންނާއި ރައީސުލް ޖުމްހޫރިއްޔާ ދަނީ ވިދާޅުވަމުންނެވެ.
ސަރުކާރު މެމްބަރުންނަކީ ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ކަމަށާއި އެ މެމްބަރުންގެ ދާއިރާ އަށް ތަރައްގީގެ ގިނަ ކަންކަން ކޮށްދޭ ވާހަކަތައް އަޑު އިވެމުންދެއެވެ. އެގޮތުން ދާއިރާގެ އިންތިހާބެއް ބާއްވާ ކޮންމެ ފަހަރަކު އެތަކެއް ވަޒީފާގެ ފުރުސަތާއި މަޝްރޫއުތައް އިއުލާން ކުރެވިގެންދެއެވެ. ނިމިގެންދިޔަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވެސް ސަރުކާރުގެ ފަރާތުން އެ ދާއިރާގެ ރަށްތައް ތަރައްގީ ކުރުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ތަކާއި އެހެނިހެން ކަންކަން އިއުލާން ކުރެވިގެންދިޔައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް މާފުއްޓަށް ވަޑައިގެން ވިދާޅުވީ ސަރުކާރު ކެންޑިޑޭޓުން ހޮވައިގެން ނޫނީ ސަރުކާރަށް ފަސޭހަ ނުވާނެ ކަމަށެވެ. އެހެން ކަމަށްވާނަމަ ރައީސް އާއި މަޖިލިސް މެމްބަރުންނާއި ވަޒީރުން ހިދުމަތް ކުރަނީ ރައްޔިތުންނަށްތޯ ނުވަތަ ނޫންތޯ އާއި މެދު ސުވާލު އުފެދެއެވެ. އިންތިހާބީ މަގާމްތަކަށް ވޯޓްދެނީ ރައްޔިތުންނެވެ. އެހެންކަމުން ރައްޔިތުންގެ އަޑު އަހައި ރައްޔިތުންނަށް ހިދުމަތް ކުރުމަކީ އެންމެ އިސް ވާޖިބެވެ. ނަމަވެސް މިއަދު ކަން ހިނގަނީ ދިމާ އިދިކޮޅަށެވެ. ރައްޔިތުން ފެންނަނީ އަދި ރައްޔިތުންގެ މަތިން ހިތަށް އަރަނީ ހަމައެކަނި އިންތިހާބު ބޯމަތިވުމުންނެވެ.
މަޖިލީހުގައި ދާއިރާގެ ރަށްތަކަށް ދަތުރު ނުކުރާ ވާހަކަ އާއި ރައްޔިތުންނަށް އަޅާނުލާ ވާހަކަ އަޑު ހަރުކޮށް ބައެއް މެމްބަރުން ދައްކައެވެ. އަނެއްބައި މެމްބަރުންގެ ނަޒަރުގައި ސަރުކާރާ އެކު ތިބެ ސަރުކާރު ދިފާއު ކުރުމަކީ މަޖިލިސް މެމްބަރެއްގެ މައްޗަށް ކުރުން ލާޒިމް ކަމެކެވެ.
މެމްބަރުން ރައްޔިތުން ހޮވަނީ ފޮނި އުއްމީދު ތަކަކާއެކުގައެވެ. ރައްޔިތުން އެދޭ ކަންކަން ކޮށް ރަށާއި ދާއިރާ އަށް ތަރައްގީ ގެނައުމުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މެމްބަރު އިސްދައުރެއް އަދާކުރެއެވެ. މަޝްރޫއުތައް ހިންގުމުގައި ރައްޔިތުންގެ ލަފައާއި މަޝްވަރާ ހޯދައިގެން އެކަންކަން ކުރާނެ ކަމަށް ބުނި ނަމަވެސް ގިނަ ފަހަރު ބަނދަރު ހެދުމާއި ނަރުދަމާ ގާއިމް ކުރުމާއި ސްކޫލްގެ ކްލާސް ރޫމް އެޅުމާއި ފުޓްސަލް ދަނޑު އެޅުން ފަދަ ކަންކަން ކުރެވިގެންދަނީ އެއްވެސް ރައްޔިތަކާ މަޝްވަރާ ކުރުމެއް ނެތިއެވެ.
އަސާސީ ހައްގުތަކަކީ ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ކަމަށް ބުނެ އެކަންކަން ކުރަނީ ވަކި ބައެއްގެ ހެޔޮ ކަމުން ކަމަށް ދެއްކުމަކީ މާޒީގައި ކަންވެގެން ދިޔަ ގޮތް ކަމަށް މިއަދު ސަރުކާރުގައި ތިބި ބަޔަކު މީގެ ކުރިން ބުނެފައިވެއެވެ. އަދި މިއަދު އެ މާޒީ ތަކުރާރު ވާތަން ފެނިގެންދާއިރު އެ ގޮތް ވެސް ރަނގަޅު ވެ ރައީސް އަށް ޝުކުރު ދަންނަވައި ސަނާ ކިއުމަކީ ލަދުވެތި ކަމެކެވެ.
ނަމުން ޑިމޮކްރަސީ ކަމުން އިތޮކްރަސީ ވެ ގައުމުގެ ހުރިހާ ކަމެއް އަޑުގަދަ މީހާ ރުއްގިނަވޭ ބުނާ އުސޫލުން ކޮށް ނިންމާލުމަކީ އެންމެނަށް އެންމެ ފައިދާ ހުރި ގޮތަށް ވެގެންނުދާ ކަމަކީ އެންމެންވެސް ދަންނަ ހަގީގަތެކެވެ.
މަޖިލިސްގެ ބައެއް މެމްބަރުން މީގެ ކުރިން ޗޮކްލެޓާއި ޕެނަޑޯލް ބަންދު ކުރުމަށް ތިބިތަން ވެސް ފެނިގެންގޮސްފައިވެއެވެ. މިއަދު މަޖިލިސްގެ ބައެއް މެމްބަރުން މިއަދު ހަދިޔާ ބަންދު ނުކުރި ނަމަވެސް ސަރުކާރު ދިފާއު ކޮށް ސަރުކާރު ޕްރޮމޯޓް ކުރުމުގައި ޖާނާއި މާލު ހުސްކޮށްލާ މަންޒަރު ފެނިގެންދެއެވެ. ދެތިން ހަތަރު މަޖިލިސް މެމްބަރުން ރެއާ ދުވާލު ރައީސް ސާލިހްގެ ދިފާއުގައި ވާހަކަ ދައްކަމުންދަނީ އެ މެމްބަރުންނަށް ލިބޭ ނުވަތަ ލިބިދާނެ މަންފާއެއް އޮތުމުން ކަމަށް ފަހަރުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ.
މިއަދު ރައްޔިތުން ކަންބޮޑުވަނީ މަޖިލީހުގައި ދާއިރާގެ އަޑު އިއްވާލަން ނުކެރޭ މެމްބަރުން ތިބީމައެވެ. މަޖިލީހަށް ވަންނަ ގޮތަށް ގެއަށްދާށާއި ފަރިއްކުޅުވަން ނޫން ގޮތަކަށް ގޮނޑިން ނުތެދުވެ ބަހުސްގައި ބައިވެރި ނުވެ ހަމަ މުސާރަ ބަރާބަރަށް ނަންގަވާ މެމްބަރުންވެސް އުޅެއެވެ. އަދި މަޖިލީހަށް އެއްގޮތަކަށް ވެސް ހާޒިރު ނުވެ މަހު މުސާރަ ނަންގަވާ މެމްބަރުންނާއި މުހިއްމު ކަމެއް އޮވެއްޖެ ނަމަ ނުވަތަ އެބޭފުޅަކާ ގުޅުން އޮތް މައްސަލައެއް އޮތް ދުވަހަކު ނޫން ގޮތަކަށް މަޖިލީހަށް ހާޒިރު ނުވާ މެމްބަރުންވެސް އުޅެއެވެ.
ދުވަސްވީ ހަރުމީހުން ބުނެއުޅެއެވެ. މުސާރަ ހަލާލުވާ ވަރަށް މަސައްކަތް ކުރަންޖެހެއެވެ. އެހެންކަމުން މަޖިލިސް މެމްބަރުންވެސް އެބައިމީހުންގެ މުސާރަ ހަލާލު ކުރުމަށް މަޖިލީހަށް ހާޒިރުވެ ބަހުސްގައި ބައިވެރިވެ ކޮމިޓީ ތަކުގައި ބައިވެރިވުމަކީ މުހިއްމު ކަމެކެވެ. ކޮންމެ ފަސްހާސް ރައްޔިތަކަށް މެމްބަރެއް ކަނޑައަޅާފައިވާއިރު ޖުމްލަ 87 މެމްބަރުން މަޖިލީހުގެ މިދައުރުގައި އިންތިހާބު ކޮށްފައިވެއެވެ. މަޖިލީހުގެ ހުރިހާ މެމްބަރުން މަޖިލީހަށް ހާޒިރުވާ ހަމައެކަނި ދުވަހަކީ ކޮންމެ ދައުރެއްގައިވެސް މަޖިލިސް ހުޅުވާ ދުވަސް ކަމަށް ވެދާނެއެވެ، އޭގެ ފަހުގައި މަޖިލީހުގެ ޖުމްލަ އަދަދު ހަމަނުވެއެވެ. މަޖިލީހުގެ ޖަލްސާތައް ފަށާއިރު އާއްމު ގޮތެއްގައި ތަޅުމުގައި ތިއްބަވަނީ 30 ހަަކަށް މެމްބަރުންނެވެ. ބަކީ މެމްބަރުން ތިބެނީ ގޭގައެވެ.
މެމްބަރުން މަޖިލީހަށް ގަވާއިދުން ހާޒިރު ނުވި ނަމަވެސް މުސާރައިން އުނިވާ އެއްވެސް އެއްޗެއް ނެތެވެ. ނަމަވެސް ސިވިލް ސާވިސް އާއި އެހެނިހެން ވަޒީފާ ތަކުގައި އުޅޭ މީހުންގެ މުސާރައިން ގަޑިޖެހޭބައި އުނިވެގެންދެއެވެ. ހަފްތާއަކު 3 ދުވަހު މަސައްކަތް ކުރުމަށް ފަހު ބާކީ އޮންނަ 4 ދުވަހު އަރާމު ކުރާ އިއްޒަތްތެރި މެމްބަރުން ރައްޔިތުންނާ މެދު ފުންކޮށް ވިސްނާ ނަމަ އެ މެމްބަރުން ދާއިރާ އަށް ޒިޔާރަތް ކުރާނެއެވެ. ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވާނެއެވެ. ރައްޔިތުންގެ އަޑުތައް އަހައި ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެއެވެ. ނަމަވެސް ރައްޔިތުން އެދޭފަދަ މަންޒަރެއް ފެނިގެންދަނީ މަދު މަޖިލިސް މެމްބަރުންގެ ފަރާތުންނެވެ.

