ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމުގެ މަސައްކަތް، ކުރިޔަށް އޮތް 10 ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގުގެ އެކި ހިސާބުތަކުގައި ވަޅުގަނޑުތައް ހެދި، ހަލާކުވެފައިވާތީ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ހާއްސަކޮށް ތާރު މަގުގައި، ވަޅުތައް ހެދިފައިވާކަން ފާހަގަކުރެވެ އެވެ.
މަގުތައް ހަލާކުވުމުގެ ސަބަބުން، ދުއްވާ އުޅަނދުފަހަރުތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭ ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ މަރާމާތުގެ މަސައްކަތްތައް މިދިޔަ ހަފްތާގައި ފަށާފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރިޔަށް ގެންދާނީ ޗައިނާގެ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަން ކުންފުނިންކަމަށް މައުލޫމާތު ދެއްވި އެވެ.
މުއިއްޒު ވިދާޅުވީ، މަގުތަކުގެ މަރާމާތުގެ މަސައްކަތްތަކުގެ ތެރެއިން، ގެންނަން ޖެހޭ އެހެނިހެން ބަދަލުތައް ވެސް ގެންނަމުން ދާނެ ކަމަށެވެ. އޭގެ ތެރޭގައި ބޯޑުތަކާއި، ކާނުތަކުގެ މަސައްކަތް ހިމެނެ އެވެ.
ބޮޑުތަކުރުފާނު މަގު/ޢިއްޒުއްދީން މަގުގެ ތާރު އެޅި ބައި މަރާމާތުގެ މަސައްކަތް ބާރަށް ކުރިޔަށްދަނީ. މާލެ އާއި ހުޅުމާލެއާއި ގުޅުވައިދޭ ހައިވޭ ހެދި ކުންފުނިން ކުރަމުންދާ މި މަސައްކަތް 10 ވަރަކަށް ދުވަސް ތެރޭގައި ނިންމޭނެކަމަށް ލަފާކުރެވޭ. pic.twitter.com/ARdTXxBV40
— Dr Mohamed Muizzu (@MMuizzu) April 23, 2023
މާލޭގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ނުވަތަ މާލޭގެ ލޭންޑް ޔޫސް ޕްލޭން ކައުންސިލުން ސަރުކާރަށް ހުށަހަޅާފައި އޮންނަތާ އެއް އަހަރު ފާއިތުވެގެން ދިޔައިރުވެސް އެ ޕްލޭން ފާސްކޮށްދީފައި ނުވާ ކަމަށެވެ.
މާލޭގެ ލޭންޑް ޔޫސް ޕްލޭންއަކީ މާލެ ސިޓީގެ ރައްޔިތުންނާއި، ކަމުގެ މާހިރުންނާއި އަދި ސްޓޭކް ހޯލްޑަރުންގެ ޚިޔާލާއި އެކު ތައްޔާރު ކުރެވުނު ލޭންޑް ޔޫސް ޕްލޭނެއް ކަމަށާއި، ފާއިތުވި އެއް އަހަރު ތެރޭގައި ހަތަރު ފަހަރު އިސްލާހު ގެނެސް ފޮނުވުމުންވެސް އަދިވެސް ޕްލޭނިންގް މިނިސްޓްރީއިން މި ޕްލޭން ފާސްކޮށްދީފައި ނުވާކަން މޭޔަރ ފާހަގަކުރެއްވިއެވެ.
މިއާއިއެކު މޭޔަރު ވިދާޅުވީ ޕްލޭނިންގް މިނިސްޓްރީން އެދިލައްވާ ގޮތަށް ގިނަ ބަދަލުތަކެއް ގެނައުމުގެ ސަބަބުން ކައުންސިލުން ރައްޔިތުންގެ ހިޔާލާއިއެކު އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގެ އަސްލު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ބޮޑެތި މަޝްރޫޢުތައް މަޑުޖެހިފައިވަނީ މި ޕްލޭން ފާސްނުވެ އޮތުމުގެ ސަބަބުންކަމަށް މޭޔަރު ވިދާޅުވިއެވެ

