ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ކޮތަޅު“ ގެ ނަމުގައި އަންނަ ހުކުރު ދުވަހު އިދިކޮޅުގެ ބޮޑު ޖަލްސާއެއް

އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

”ކޮތަޅު“ ގެ ނަމުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ނިންމައިފި އެވެ.

ޖަލްސާގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 08:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ.

މިއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ބާއްވާ ޖަލްސާއެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވީހާވެސް ގިނަ ބަޔަކު ޖަލްސާގައި ބައިވެރިވުމަށް އޭނާ އެދިވަޑައިގަތެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި އިދިކޮޅުގެ ސިލްސިލާ އިހުތިޖާޖުތައް ވެސް ފެށިގެންދާނެކަން ފާހަގަކޮށް، އަބްދުއްރަހީމް ވިދާޅުވީ ރޯދަ މަހު ބައެއް ހަރަކާތްތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިކަމަށެވެ. އެކަމަކު ކުރިޔަށް އޮތް ދުވަސްތަކުގައި ކުރިޔަށް ވުރެ ވެސް، ވަރުގަދަކޮށް ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ކޮތަޅުގެ ނަމުގައި ބާއްވާ ޖަލްސާއަކީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަޅާ ފިޔަވަޅެއްކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން ބޭނުން ވަނީ ރައްޔިތުންގެ އަތުން އެކި ނަންނަމުގައި ޓެކުހާއި، ފީތައް އަދި ޖުރިމަނާ މެދުވެރިކޮށް ސަރުކާރު ހިންގުމަށް ކަމަށެވެ. އަދި ކޮތަޅުގެ ފީ ބޮޑު ކުރުމުގެ ސަބަބުން ރައްޔިތުން އުފުލަން ޖެހިފައިވާ ދަތިތައް ސަރުކާރަށް އިހުސާސް ނުކުރެވޭނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ވީހާވެސް އަވަހަށް މި ސަރުކާރު ބަދަލުކޮށް، ރައީސް ޔާމީންގެ ވެރިކަމެއް ގެނައުމަށް ކަމަށެވެ. އެމަނިކުފަނަކީ ގައުމަށް ތަރައްގީ ގެނެސްދެއްވި، އަދި ރައްޔިތުންގެ އަތްމަތި ދަތި ނުވާނެހެން ގައުމު ހިންގެވި ވެރިއެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅުގެ ސިޔާސީ ހަރަކާތުގެ ތެރެއިން ހުކުރު ދުވަހު ބާއްވާ ޖަލްސާގައި ޕާޓީގެ ލީޑާޝިޕުން ބައިވެރިވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ނޫން އިތުރު ޗޮއިސްއެއް ޕާޓީގެ ތެރޭގައި ނެތްކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: