ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް މައްސަލަ؛ ”ލީކުވި ސިޓީ“ ގައި ވަނީ ރައީސް އޮފީހުގެ އިބާރާތާއި، ފޯމެޓް

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު): ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) މައްސަލައިގައި އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުވި ސިޓީކަމަށް ބުނެ އާއްމުވެފައިވާ ލިޔެކިއުމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެންގުޅޭ އިބާރާތާއި ބަސްމަގުކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު ) ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިޓްލޮސް ހުށަހަޅާފައިވާ މައްސަލައިގެ ސްޓޭންޑު ބަދަލުކޮށް އެކަން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހާމަކުރީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ. މިއީ ދެ މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބުނާއިރު، މޮރީޝަސްގެ ސިޔާދަތު ގަބޫލު ކުރުމަށް ރާއްޖެއިން ނިންމިކަން ރިފްއަތު ހާމަކުރީ އިކޮނޮމިކް ޒޯންގެ ފުށު އަރާ މައްސަލައިގެ ޓްރައިބިއުނަލްގަ އެވެ.

ރާއްޖޭގެ ސަރަހައްދީ އިން ކަންޑައެޅުމާއި ގުޅޭގޮތުން ކަނޑުގެ ގާނޫނާއި ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ބުނާއިރު ކަނޑުތަކާއި ބެހޭ މައްސަލައިގެ ޓްރައިބިއުނަލުގައި ޗާގޯސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ވޯޓު ދެނޭކަމަށް ހާމަކުރަން ޖެހުނީ ކޮން ސަބަބަކާއި ހުރެ ތޯ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް، އެ ނިންމުމުގެ ދިފާއުގައި ތަކުރާރުކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށް ބުނަމުން ދަނީ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.

މައްސަލައިގައި މާބޮޑެތި ވާހަކަތަކެއް ދެކެވިފައި ނުވަނީސް، ނުވަތަ ފެންމެތިވެ ބައިނަލްއަޣްވާމީ ގައުމުތަކުގެ މެދުގައި ބަހުސްއެއް އަދި ނެތް ވަގުތެއްގައި ދިވެހި ސަރުކާރުން މިފަދަ ސިޓީއެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވަން ޖެހުނު ސަބަބާއި މެދު ސުވާލު އުފެދެ އެވެ. އަދި ހާއްސަކޮށް ކުއްލި ގޮތަކަށް، ރައީސުލްޖުމްހޫރިއްޔާ ސިޓީއެއް ފޮނުވުމަށް ނިންމެވީ ކޮން ކަންތަކެއްގެ މައްޗަށް ބިނާކޮށް ދެކެވުނު ވާހަކައެއްގެ ތެރެއިންތޯ އާއި ސިޓީގައި ރާއްޖޭގެ ތައީދު ލިބޭނެކަމުގެ އިތުރަށް އެހެން މަޝްވަރާއަކަށް އެދިފައި ވޭތޯ ސަރުކާރުގެ އިސްވެރިންނާއި ސުވާލު ކުރެވުނެވެ.

އެކަމަކު ޖަވާބުގައި ސަރުކާރުން ބުނަމުން ދިޔައީ ދެ ގައުމެއްގެ އިސްވެރިންގެ ދެމެދު ބަދަލު ކުރެވޭ ސިޓީއާއި ލިޔެކިއުންތައް ހާމަ ނުކުރެވޭނެ ކަމަށެވެ. އަދި ސިޓީތައް އާއްމު ކުރުމަކީ އަމަލު ކުރެވޭނެ ގޮތެއް ނޫންކަމަށް ވަނީ ބުނެފަ އެވެ.

އަންނަ ހުކުރު ދުވަހު ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ މި މައްސަލަ އަނެއްކާވެސް ފެންމަތިވެ ބަހުސްތަކެއް ވަނީ ފެށިފަ އެވެ. އަދި ސޯޝަލް މީޑިއާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ދިވެހި ސަރުކާރުން ފޮނުވިކަމަށް ބުނާ ސިޓީގެ ބައެއް ވަނީ ލީކުވެފަ އެވެ.

އެކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އެއީ ރައީސް ސޮއި ކުރައްވައި ފޮނުވި ސިޓީ ނޫންކަމަށާއި، ސިޓީގެ އިބާރާތާއި ފޯމެޓަކީ ވެސް ރައީސް އޮފީހާއި ގުޅުން ހުރި އެއްޗެއް ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދުވަސްވަރުގައި އާއި، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަން ކުރެއްވި ދުވަސްވަރު ވެސް މަސައްކަތް ކުރެއްވި މުންދު ވިދާޅުވީ އޭނާއަކީ ރައީސުންގެ ގިނަ ސިޓީތައް ފެނިފައިވާ މީހެއް ކަމަށެވެ. އަދި ރައީސް އޮފީހުގައި ގިނަ ދުވަހު މަސައްކަތް ކުރެވިފައިވުމާއި އެކު އެ ސިޓީގައި ވަނީ ރައީސް އޮފީހުގެ ބަސްމަގާއި، ބޭނުން ކުރާ ބަހުރުވަތައްކަމަށް އޭނާ ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ގައުމުތަކުގެ ވެރިންނަށް ސިޓީތައް ފޮނުވުމުގައި އާއި، އެ ލިއުމުގައި އަމަލު ކުރާ ވަކި އުސޫލުތައް އޮންނަކަމަށެވެ. އަދި އާއްމުވެފައިވާ އެ ސިޓީއަކީ ސީދާ ރައީސް ފޮނުވި ސިޓީކަން ޔަގީނަށް ބުނަން ނޭނގުނު ނަމަވެސް އެއީ އެފަދަ ޑްރާފްޓެއްކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ސިޓީގައި ވާގޮތުން، އެމެރިކާގެ ބޭސްއެއް އޮތް ޑިއޭގޯ ގާސިއާއަށް ރާއްޖެ މެދުވެރިކޮށް ދެވޭނެ މަގު ފަހިކޮށްދޭނެކަމަށެވެ. އަދި މޮރިޝަސްގެ މީޑިއާތަކުގައި ވެސް ސިޓީއާއި ގުޅޭ ބޮޑެތި ތުހުމަތުތަކެއްކޮށްފައި ވެއެވެ.

ކަޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓޮލްސްގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އަދިވެސް ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާކަމަށް ތަކުރާރުކޮށް ސަރުކާރުން ދަނީ ބުނަމުންނެވެ. ސަރުކާރުން ބުނެފައި ވަނީ ބަދަލުވީ އދ. ގައި ނަގާ ވޯޓިންގެ ސިޔާސަތުކަަމަށާއި ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ. ގައި ރާއްޖެއިން ވޯޓު ދޭނެކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: