ވިހެއުމުންދޭ ޗުއްޓީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އަންހެން މުވައްޒަފުންނަށް ހަމަސް ދުވަހަށް އިތުރުކޮށްފިއެވެ.
ޓްރައިބިއުނަލްގެ މެމްބަރުންނަށް މީގެ ކުރިން ވިހެއުމުން ދެމުންދިޔައީ ދެ މަސްދުވަހުގެ ޗުއްޓީއެކެވެ.
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރުންގެ ސުލޫކީ މިންގަނޑު ބަލަހައްޓަންޖެހޭ ގޮތުގެ އުސޫލަށް ގެނައި އިސްލާހުގައިވާ ގޮތުން ޓްރައިބިއުނަލްގެ އަންހެން މެމްބަރުންނަށް ހަމަސްދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ. އަދި އެ އުސޫލަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.
މީގެ ކުރިން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މުވައްޒަފަކަށް ޗުއްޓީ އިތުރުކޮށްނުދީގެން އޭނާ ވަނީ ދަރިފުޅާ އެކުގައި މަސައްކަތަށް ނިކުމެފައެވެ.
ވިހެއުމަށް ފަހު ދަރިފުޅުގެ ހާލަތު ހުރި ގޮތުން ދެ މަސް ދުވަހަށް ފަހު އޮފީހަށް ނިކުމެވެން ނެތުމުން މެމްބަރުންނަށް ޗުއްޓީ އިތުރުކޮށްދޭން ހުށަހެޅި ނަމަވެސް ޓްރައިބިއުނަލުން އެންގީ އޮފީހަށް ނިކުތުމަށެވެ.
މެމްބަރު މައުލޫމާތު ދިން ގޮތުގައި، އޭނާގެ އޮފީހުން ވަޒީފާއަށް ނިކުތުމަށް އެންގި އިރު ދަރިފުޅަށް ފުރިހަމަ ދެ މަސް ނުވެ އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވްއެއް ލިބުނު ނަމަވެސް، އުސޫލު ބުނާ ގޮތުގައި މިނިވަން މުވައްސަސާތަކުގެ މެމްބަރުންނަށް އެ ފުރުސަތު ނެތެވެ. އެހެންވެ، ޖެހެނީ އަމިއްލަ އުސޫލެއް އެކުލަވާލައި އެ އިންތިޒާމުތައް ހަމަޖައްސާށެވެ.
ދަރިފުޅު ވިހައި އަދި އެއްކޮށް ރަނގަޅު ނުވާތީ ޑޮކްޓަރަށް ދެއްކުމުން ބައެއް އިރުޝާދުތައް ވެސް ލިބިފައިވާކަމަށް މެމްބަރު މައުލޫމާތު ދިނެވެ. މިވާހަކަތައް މީޑިއާތަކުގައި ދެކެވި، އާއްމުން ކަންބޮޑުވުން ފާޅުކޮށް ވަނީ މިއީ ވަޒީފާގެ މާހައުލުގައި މައްސަލަތަކާއި ކުރިމަތިލާން ޖެހޭ މީހުންނަށް ހައްގު ހޯދައިދޭ ތަނުން އެ އިދާރާގެ މުވައްޒަފުންނާއި މެދު ކަންތައް ކުރާ ގޮތްކަން ފާހަގަކޮށްފަ އެވެ.
މައްސަލައިގައި ބަޔާނެއް އާއްމުކޮށް ޓްރައިބުނަލުން ބުނީ ތަނުގެ މެމްބަރު ޝަމްއާ ވިހެއުމަށް ފަހު އޭނާއަށް ޗުއްޓީ ހަމަޖައްސާފައި ނުވާކަމަށް ބުނެ ދެކެވެމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.
ސިވިލް ސާވިސްގައި ވަޒީފާ އަދާ ކުރާ އަންހެނުނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވްއެއް މުސާރައާއި އެކު ލިބޭ ގޮތަށް ސަރުކާރުން ނިންމެވުމާއި އެކު ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ދައުލަތުގެ އެހެން މުވައްސަސާތަކުން އެކަމަށް ހާއްސަ ގަވައިދުތަކާއި އުސޫލުތައް އެކުލަވާލިކަން ފާހަގަކޮށް ޓްރައިބުލަނުން ބުނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުގެ މުވައްޒަފުން ސިވިލް ސާވިސްގައި ނުހިމެނޭ ކަމަށެވެ.
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުގެ ހަތް މެމްބަރުންނަކީ ވަޒީފާއާއި ބެހޭ ގާނޫނުގެ 89 ވަނަ މާއްދާގެ (ހ) ގެ ދަށުން 05 އަހަރުގެ ދައުރަކަށް އައްޔަނު ކުރާ ބަޔަކަށް ވުމާއި އެކު ދިވެހި ސިވިލް ސާވިސް މުވައްޒަފުންނާއި މެދު އަމަލު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތައް އެ އިދާރާގެ މުވައްޒަފުންގެ އިތުރުން މެމްބަރުންގެ މައްޗަށް ނުހިންގޭނެކަމަށް ވަޒީފާއާއި ބެހޭ ގާނޫނުގެ 89 ވަނަ މާއްދާގެ (ލ) ގައި ވަރަށް ސާފުކޮށް ލިޔެފައިވާ ކަމަށް ބަޔާނުގައި ވެއެވެ. އަދި އިދާރާގެ މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މެމްބަރުންނަށް ވެފައި، ވިހެއުމަށް ފަހު ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުން އެއީ ރައީސްގެ ވައުދަކަށް ވާތީ އެގޮތުގެ މަތީން ޗުއްޓީތައް ދޫކުރުމަށް މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

