ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަން އެބަ އޮތްކަމަށް ވިދާޅުވި ނަމަވެސް މަންޒަރު ދައްކައިދެނީ އެހެންކަމެއް!

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފާހަގަކުރަމުން މިދަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ކޮންމެ ގައުމެއްގެ، ކޮންމެ މުޖުތަމައުއެއްގައިވެސް ނޫސްވެރިންނަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެއްކަމަށްވާއިރު، ނޫސްވެރިންނަށް އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރިހަމަ މިނިވަންކަން އޮވޭތޯ ސުވާލުއުފެދެއެވެ. ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ފުރިހަމަ މިނިވަންކަން އޮތުމަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާކަމަކަށްވާއިރު ފެނިގެންދަނީ ދުވަހެއް ދުވަހަކަށް ނޫސްވެރިންނަށް އޮތް ގަލަމާއި، ދުލުގެ މިނިވަންކަން ކުޑަވަމުންދާ މަންޒަރެވެ.

ތަފާތު އެކި ގާނޫނުތަކާއި އަދި އިތުރު އެހެނިހެންވެސް ގޮތް ގޮތުން ނޫސްވެރިންގެ ހައްގުތައް ހަނިވެފައިވާކަމީ މިއަދު ފެންނަން އޮތް ހަގީގަތެވެ. ސިޔާސީ ބޭފުޅުންނާއި، ގައުމުގައި ތިބި ބަސް ވިކޭ ބޭފުޅުންގެ ނުފޫޒުން ނޫސްވެރިން ތިބީ އެއްކިބާވެފައިތޯ ސުވާލުއުފެއްދޭނެ ޖާގައެބައޮތެވެ.

ވެރިކަމަށް އައުމުގެ ކުރިން މި ސަރުކާރުން ދެއްކި ވާހަކައަކީ ކުރީ ސަރުކާރުން ނޫސްވެރިންގެ ހައްގުތައް ނިގުޅައިގެންފައިވާކަމުގެ ވާހަކައާއި، ނޫސްވެރިކަމުގެ މިނިވަންކަން ނުދިން ވާހަކައެވެ. ނަމަވެސް ވަކި ސަރުކާރެއް މި މައްސަލައިގައި އިސްތިސްނާ ނުކުރެވޭނެކަމަށް ދެންނެވެން އެބައޮތެވެ. ދިވެހިރާއްޖޭގެ ތާރީހަށް ބަލާއިރު، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑަށް ގެއްލިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދައުރުގައެވެ. އަބުރުގެ ގާނޫނެއް އެކުލުވާލައި ގެނައި ބައެއް އިސްލާހުތަކާއި މީޑިއާތައް ޖޫރިމަނާކޮށް، ބައެއް ނޫސްވެރިން ތަފާތު އެކި ތުހުމަތުތަކުގައި ފުލުހަށް ހާޒިރުކޮށް، މުޒާހަރާތައް ކަވަރު ކުރަން އުޅުމުގެ ތެރޭގައި ހައްޔަރުކޮށް، އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުގެ ކުށުގެ ދައުވާ ކުރިޔަށް ގެންދިއުމުގެ ސަބަބުން 2018 ގެ އިންޑެކްސް ރިޕޯޓުން ރާއްޖެ އޮތީ 120 ވަނައިގައެވެ.

ނަމަވެސް ރައިސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގަތީ ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދީ، ނޫސްވެރިންނަށް ދިމާވެފައި ހުރި އެކި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ނޫސްވެރިންގެ ހައްގުތަށް ކަށަވަރު ކުރެއްވުމަށެވެ. ނޫސްވެރިކަމުގެ މިނިވަން ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައިވެސް ރައީސް ވިދާޅުވީ ދިވެހި ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް، ސަރުކާރުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށާއި އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުވެސް، ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދުވެސް ކަށަވަރު ކޮށްދެއްވާނެކަމަށެވެ. ރާއްޖެއަށް ޑިމޮކްރެސީގައި ހޯދިފައިވާ ކުރިއެރުންތަކުގެ މައިގަނޑު އެއް އަޞްލަކީ، މައުލޫމާތު ފެތުރުމުގެ ދާއިރާއިން، ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ 180 ގައުމެއް ހިމަނައިގެން ޕްރެެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަހަރެއް އަހަރަކަށްވުރެ ފަހަތަށްދާއިރު، ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުމަށް މަސައްކަތްކުރައްވަމޭ ވިދާޅުވެ ނޫސްވެރިކަމާއި ގުޅުން ހުރި ދުވަސްތަކުގައި ހިތާބު ދެއްވި ނަމަވެސް ހަގީގަތެއް ބަދަލެއް ނުވާނެއެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން 13 ދަރަޖަ ދަށަށް ގޮސްފައިވާއިރު، މިނިވަން ނޫސްވެރިކަމަށް ފުރުޞަތު ދިނުމަކީ، ސަރުކާރު ޒިންމާދާރު ކުރުވައި، ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިކަން ނުކޮށް ސަރުކާރުގެ ތެރޭގައި ހިންގާ އަނޑި ނޭގޭ ކަންކަން ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި މި ހުރި ދަތިތަކުގެ ސަބަބުން ގައުމުގެ ހަމަޖެހުމަށްވެސް ބުރޫ އަރައެވެ. އަދި އެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި މީޑިއާތަކަށް ލިބިދީފައިނުވުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު މީޑިއާތަކަށް ގެއްލިއްޖެޔޭ ބުނުމުން ދޮގަކަށްނުވާނެއެވެ.

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނާއި ޚިޔާނާތުގެ އަމަލުތައް ނައްތައިލުމަށްޓަކައިވެސް، ނޫސްވެރިކަމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފުރިހަމަ މިނިވަންކަން ފަހިކޮށްދީފައި އޮތުމަކީ މުހިންމުކަމެކެވެ. ނޫސްވެރިންނަށް ސަރުކާރުގެ އިދާރާތަކާއި، ވުޒާރާތަކުންނާއި އަދި އެހެނިހެން ތަންތަނުންވެސް އެކަށީގެންވާ މައުލޫމާތު ފޯރުކޮށްނުދިނުމަކީވެސް ނޫސްވެރިކަމަށް އޮތް ހުރަހަކަށްވާއިރު، ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންވެސް ނުސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްބާރުލުން ނުދެއްވާ މަންޒަރުފެނެއެވެ. އަދި ލިޔާ ހަބަރެއް ނުވަތަ ރައްޔިތުންނާއި ހަމައަށް ނޫސްވެރިއަކު ގެނެސްދޭ މައުލޫމާތެއްގެ ސަބަބުން ބިރުދައްކާ، ޒާތީވެ މިފަދަ ކަންކަން ހިނގަމުންދާއިރު، އެކަށީގެންވާ ފިޔަވަޅު އަޅާ މައްސަލަތައް ތަހުގީގުކުރެވޭ މަންޒަރެއް ނުފެނެއެވެ.

އިހްލާސްތެރި ނިޔަތެއްގައި ނޫސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދެއްވަން މަސައްކަތްކުރައްވާނަމަ ކަންވެގެންދާނީ މިހެން ނޫންކަން ޔަގީނެވެ. މިއީ އަޅުގަނޑު ނުކިޔާދިނަސް އިންސާނީ ހަމަބުއްދިއަށް ވިސްނޭނެ ކަންކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: