ފަތުވާ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް މެންބަރުން އައްޔަނުކުރައްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދަށް ނޭނގޭކަން ހާމަވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”ސަންގުން“ ސުވާލުކުރީ ފަތުވާ މަޖިލީހާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތަކީ ކޮބައިތޯއެވެ. ޖަވާބުގައި މިއުވާން ވިދާޅުވީ އެ މަސައްކަތް މިހާރު ދަނީ ކުރެވެމުންކަމަށާއި، އެކަމަށް ދެން މާ ގިނަ ދުވަސް ނުނަގާނެކަމަށެވެ.
އެއަށްފަހު ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ރައީސް އޮފީހުން ހަދާފައިވާ ވަޓްސްއެޕް ގުރޫޕަށް މެސެޖެއް ފޮނުވާ މިއުވާން ވިދާޅުވެފައިވަނީ، މިހާރު ފަތުވާ މަޖިލީހަށް 4 މެންބަރުން އައްޔަނުކުރެވިފައިވާކަމަށާއި، އަދި އެކަން ކުރިއަށްދާ ކަމަށް ދެންނެވުނީ އޮޅުމަކުންކަމަށެވެ. ނަމަވެސް އައްޔަނުކުރީ ސީދާ ކޮން ތާރީހެއްގައިކަމެއް ސާފެއްނޫނެވެ.
ފަތުވާ މަޖިލީހުގެ މެމްބަރުންގެ ދައުރު ހަމަވާތާ 30 ދުވަހުގެ ތެރޭގައި އައު މެމްބަރުން އައްޔަނު ކުރަން ޖެހޭނެކަމަށް ބުނެފައި ވީ ނަމަވެސް ގާނޫނުގައި ބުނެފައިވާ މުއްދަތުގައި އެކަން ކޮށްފައެއް ނުވެއެވެ.
ފަތުވާ މަޖިލީހުގެ ބަދަލުގައި ފިގުހު އެކަޑަމީއެއް އެކުލަވާލުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފަހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ވަނީ ފިގުހު އެކަޑަމީ އެކުލަވާލުމަށް ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭއިރު އެކަމަށް ބަންޑާރަ ނައިބުގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދެމެދު މަޝްވަރާތަކެއް ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ.
ފިގުހު އެކަޑަމީގައި ތިބެނީ ފަސް މެމްބަރުން ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުން މިވަގުތު ހުރި ވިސްނުމަކީ 20 މެމްބަރުންގެ އެކަޑަމީއެއް އުފައްދައި ދިރާސާ ކުރެވޭނެ މަގެއް ހޯދުމެވެ. އަދި ގިނަ މެމްބަރުންނަށް ދިރާސާގައި ބައިވެރިވެވުމުގެ ސަބަބުން އޭގެއިން ނިކުންނަ ނަތީޖާ ވެސް ރަނގަޅުވާނެކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.

