ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސަކީ މި ސަރުކާރުން ވެރިކަމަށް އައުމަށް ވިއްކި އެންމެ ބޮޑު ސްލޯގަން އެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ، ހިޔާނާތުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގައި އެއްވެސް އިހުލާސްތެރި ނިޔަތެއް ނެތް ބޭފުޅެއްގެ ގޮތުގައި ރައްޔިތުންނަށް ވިސްނައި ދިނީ އެއީ ހެޔޮ ވެރިކަމުގެ ސަފައެއް ނޫން ކަމެވެ. ރައްޔިތުންގެ މުދަލުގެ އެންމެ ބައި ރުފިޔާއެއްގައި ޖެހޭ މީހާގެ މައްޗަށް ވެސް ފިޔަވަޅު އަޅާނެކަމުގެ ވައުދުވީ އިރު، އޭގެ ފަހަތުން އެންމެ ބާރަށް ދެއްކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ވައްކަމުގެ ގޮތުގައި ބައެއް ބޭފުޅުން ސިފަކޮށް، މައްސަލަ ފުރިހަމައަށް ބަލާނެކަމުގެ ޔަގީންކަން އެމްޑީޕީން ދިނެވެ. ވެރިކަމަށް އައުމަށް ކެމްޕެއިން ކުރެއްވި ދުވަސް ވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ ހިޔަނާތުގެ މައްސަލަތައް ބެލުމުގައި ނުފޮރަޅާ އެންމެ ގަލެއް ވެސް ނުބާއްވާނެ ކަމަށާއި، ސަރުކާރުގެ ތެރެއިން އެ ތުހުމަތުތައް ކުރެވޭ މީހާ މަގާމުން ވަކި ކުރުން ނޫން އިތުރު ގޮތެއް ނޫންނާނެ ކަމަށެވެ.
ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ، ތަހުގީގުގައި ސުވާލުކޮށް އޭސީސީން އެކުލަވާލި ރިޕޯޓުގައި، ދައުލަތަށް ގެއްލުނު ފައިސާ ބައި އެޅުނު ގޮތާއި، ވަދެގެން ދިޔަ އެކައުންޓްތަކާއި އެއީ ކޮން ބޭފުޅުންނެއް ކަން ވެސް އެ އޮތީ ފެންނާށެވެ. އެކަމަކު އެ ތުހުމަތުތައް ކުރެވޭ ބޭފުޅުންގެ ނަންތައް އޭސީސީން އާއްމު ނުކުރީ، ތަހުގީގު ފުރިހަމަ ނުވާ ކަމުގެ ބަހަނާއާ އެކުގަ އެވެ.
އެމްއެމްޕީއާރުސީގެ ”ފައިސާ ގޯނި“ ހިފައިގެން މެމްބަރުން ގާތަށް ވަޑައިގެންނެވި އެ ބެއްސެވި ކަމަށް ވެސް އެއް މެމްބަރަކު ވިދާޅުވެފައިވެ އެވެ. އެކަމަކު ވެސް އެއްވެސް ފިޔަވަޅެއް ނޭޅުނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން، ދައުލަތް ދޮވެލި ގޮތް ނުހޯދެނީ މީގައި އެތައް ބައެއްގެ ބައިވެރިވުން އޮތުމުންނެވެ. ކޮމިޝަންތަކުގެ ތަޖުރިބާ ވޭތުވެ ދިޔަ 12 އަހަރުގެ ތެރޭގައި ފެނުނެވެ. މައްސަލަތައް ބަލާނެ މުއްދަތު ކަނޑައަޅަނީ، ތިމާ ނުރުހޭ މީހާގެ މައްސަލަ ފެނޭތޯ އެވެ. ރައީސް ނަޝީދު، ރައީސް މައުމޫންގެ މައްސަލައެއް ފެނޭތޯ މަސައްކަތް ކުރެއްވި ގޮތަށް، ރައީސް ޔާމީން މަސައްކަތް ކުރެއްވީ ރައީސް ނަޝީދުގެ މަސައްކަތެއް ފެނޭތޯ އެވެ. އެއަށް ފަހު ވެރިކަމަށް ވަޑައިގެން ރައީސް ސޯލިހު ވެސް ތާރީހެއް ކަނޑައަޅުއްވައި ވިދާޅުވީ މިދިޔަ ވެރިކަމުގެ މައްސަލަތައް ބަލާނެ ވާހަކަ އެވެ. އެހެންނޫންނަމަ، ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ މާ ބޮޑެތި ވައްކަންތައް އެއޮތީ ފެންނާށެވެ.
ކޮރަޕްޝަން ނައްތާލައްވާނެ ކަމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެން، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމަނައިގެން ކޮމިޝަނެއް އުފެއްދެވުމަކީ ރަނގަޅު ފެށުމެކެވެ. ނަމަވެސް އެ ސިޔާސަތުގައި ނުހިފެ އެވެ. އަމަލު ކަން ނުދެއްކެ އެވެ.
މިހާތަނަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަން ނައްތާލުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކުން އިޚްލާސްތެރިކަމާ އެކު ޒިންމާ އަދާކުރާނެ ކަމުގެ ޔަގީން ކަމެއް ނެތުމެވެ. ކޮރަޕްޝަން ހުއްޓުވުން ކޮންމެ ފަހަރަކު ވެސް ހަދަނީ ސިޔާސީ ބޭފުޅުން ކެމްޕޭންގައި ބޭނުންކުރާ ހަތިޔާރަކަށެވެ. އެކަމަކު އޭގެ ބަދަލުގައި، މިފަހަރު ދައްކަންވީ، މައްސަލަ ހައްލުކުރާ ތަނެވެ. ކޮރަޕްޝަންގެ ހާލިތަކަށް، ފަސްއަޅައި ފޮރުވުމުގެ ބަދަލުގައި ހާމަކޮށް، ހުއްޓުވަންވީ އެވެ. ހިތްހަމަނުޖެހުމެއް ފެެންނަ ހިސާބުން މަގާމުން ވަކި ކުރަން ހިފާނެ އެވެ. އޭސީސީއަށް ވެސް މެދުވެރިވީ ހަމަ އެފަދަ ހާލަތެކެވެ.
ދެން ސުވާލަކީ އޭސީސީގެ މައްސަލައަކީ ކޮބައިތޯ އެވެ. ތަން ހަމަހަގީގަތުގައި ވެސް ސިޔާސީ ވަނީތޯ، ނުވަތަ ބަޔަކު މީހުން ދެއަތާއި ދެ ފައި ވެސް ބާނައިގެން ތިބެ ނުފޫޒެއް ފޯރުވަނީ ތޯ އެވެ. ފަހަރުގައި މިއީއެއް ވާހަކައަކަށް ވެދާނެ އެވެ. އޭސީސީން މައްސަލައެއް ނިންމާ ހިސާބުން މަޖިލީހުގެ މެމްބަރުން އެކަމާއި މެދު ނުރުހިދާނެ އެވެ. އިދިކޮޅު ނުރުހިދާނެ އެވެ. ނޫނީ ސަރުކާރު ނުރުހިދާނެ އެވެ. އެއަށް ބޭނުންކޮށް އުޅެނީ ”ޒާތީ“ ޓެގެވެ.
އެކަމަކު ހަގީގަތަކީ އެއް ރުފިޔާއަސް، އެއް މިލިއަން ނުވަތަ ބިލިއަނަކަސް ހިޔާނާތް ވާނީ ހިޔާނާތަކަށް ކަމެވެ.
ކޮރަޕްޝަން ނުހުއްޓުވިގެން ކޮމިޝަނެއް ނެތިގެން ނޫނެވެ. ގާނޫނީ ނިޒާމު ދޯހަޅިވުމަކުންނެއް ވެސް ނޫނެވެ. ވަކި މީހަކަށް ބެލުމެއް ނެތި ޚިޔާނާތުގައި ބައިވެރިވާ އެންމެންނާ މެދު ފިޔަވަޅު އަޅަން ޖެހޭކަމަށް ހަރު އަޑުން ގޮވިޔަސް، އޭގެ ފަހަތުން އޮންނަނީ ކޮންމެވެސް ނުފޫޒެއް ވައްދާފަ އެވެ. މާގާމުން ވަކި ކުރަން ޖެހިދާނެކަމަށް ބުނެ އެވެ.

