ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރައިގެ ހަމަހަމަކަން ގާއިމްކުރެއްވީ ވަރަށްވެސް ފުރިހަމައަށް !

ޝެއާރކޮށްލާ ކަހަލަދޯ؟

މުސާރަ ބޮޑުވީއެވެ. ވަރަށް ވެސް ބޮޑުވި ވާހަކަ އަޑު އިވިއްޖެއެވެ.

ވިހި ހާހުން ލައްކަ އާއި ގާތްކުރާ އަދަދަކަށް ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ މުސާރަތައް ބޮޑުކުރި ވާހަކަ ގައުމުގެ ވަލިއްޔުލްއަމްރު އިއުލާންކޮށްލީ ފަހުރުވެރިކަމާއެކުގައެވެ.

މުސާރަ ބޮޑުވި ހަބަރާއެކު އޭގެ ތަފްސީލުތަކަށް ބެލުމުގެ ބަދަލުގައި އެކަމުގެ އުފާ ސަރުކާރުގެ އިސްވެރިން ފާހަގަކުރިއެވެ.

މުސާރަ ބޮޑުވި ނަމަވެސް އެކަމުގެ އުފާ ހާސިލްނުވި އެއް ބަޔަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކެވެ.

ދިވެހިންގެ ތެރޭގައި އެ ރޭންކުތަކަށް ފެތޭ މިންވަރަށް ތައުލީމު ފުރިހަމަ ކުރި މަދު ބައެއް ތިބި ނަމަވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖެއިން ބޭރުގަ އެވެ.

މުސާރަ ބޮޑުކުރި ދާއިރާތަކުގެ ތެރެއިން، 171 މަގާމެއްގައި އެއްވެސް ދިވެއްސަކު ނެތެވެ. ބަދަލުތައް އަންނާނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށްކަމަށްވުމާއި އެކު، ބިދޭސީންނަށް މުސާރައިގެ ކުރިއެރުން ނުލިބޭނެ އެވެ.

ސަރުކާރުން އިއުލާނު ކުރި ދާއިރާތަކުގައި ގިނަ ދާއިރާތަކުގައި، އެއްވެސް ދިވެއްސަކު ނެތް ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން ޕޭ ކޮމިޝަނާއި ހެލްތް މިނިސްޓްރީން ބުނެފައި ވަނީ އެ ރޭންކުތަކަށް ޕްރޮމޯޓުވުމަށް ގިނަ އަހަރުތަކެއް ކިޔެވުމުގައި ވެސް ހޭދަ ކުރަން ޖެހޭ ކަމަށެވެ. އަދި އެ ރޭންކުތަކަށް ދެވޭނެ ގާބިލުކަން ހުރި ދިވެހިން ތިބުމާއި އެކު ބޭނުމަކީ އިތުރަށް ތައުލީމު ފުރިހަމަ ކުރުމަށް އެ މީހުންނަށް ބާރު އެޅުންކަމަށް ބުންޏެވެ.

ސަރުކާރުން މުސާރައަށް ގެންނަ ބަދަލާއި އެކު، މުސާރައަށް އޭގެ އަސަރު އަންނާނީ 3،710 މުވައްޒަފެއްގެއެވެ.

ސަރުކާރުން ކަނޑައެޅި އޮނިގަނޑަށް ފެތޭ  މަދު ބަޔަކު ނަރުހުންނާއި ޑޮކްޓަރުންގެ ތެރޭގައި ހިމެނުނު އިރު އޭގެ ތެރެއިން ގިނަ ބައެއްގެ މުސާރަ ބޮޑުވީ  ނިސްބަތުން ކުޑަ މިންވަރަކަށް ކަމަށް އަޑުތައް ފެތުރިގެން ދިޔައެވެ.

ސިއްހީ ދާއިރާ އަކީ ރިސްކް ބޮޑު ދާއިރާ އެކެވެ. އެހެން ކަމުން އެދާއިރާގެ މުސާރަތައް ބޮޑުވާނެއެވެ. ބަލިތަކުގެ ތެރޭގައި ހާއްސަކޮށް އިންސާނުންނަށް ދިމާވާ އެތަކެއް ބަލިތަކަށް ފަރުވާ ދިނުމަށް ރެއާ ދުވާލު މަސައްކަތް ކުރަމުންދަނީ އާއިލާ އާއި އަނބި ދަރިންނާއި ފިރިން ގުރުބާންކޮށްފައެވެ.

ރާއްޖޭގައި ސިއްހީދާއިރާގައި މޮޅެތި އަދި ފެންވަރު ރަނގަޅު ދިވެހި ޑޮކްޓަރުންނާއި ނަރުހުން މަސައްކަތް ނުކުރާ ކަމުގެ އަޑުއިވި އެޝަކުވާ އަބަދުވެސް ކުރެއެވެ. އެކަމުގެ ސަބަބެއް ކަމަށް އެދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ފާހަގަކުރަނީ އެކަށީގެންވާ މުސާރަ އެއް ނުލިބުމެވެ. އެކަމުގެ ސަބަބުން ރާއްޖެއިން ބޭރުން ކިޔަވައިގެން ގައުމަށް ހިދުމަށް ކުރަން އަންނަ މޮޅެތި ޑޮކްޓަރުން އަމިއްލަ ގައުމު ދޫކޮށް ބޭރު ގައުމުތަކުގެ ބޮޑެތި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަން ތިބި ކަމަކީ ހިތާމަ ހުރި ކަމެކެވެ.

ސިއްހީ ދާއިރާގައި ހިމެނޭ 67 ޖޮބް މެޓްރިކްސްގެ މުސާރަތަކަށް ގެނެވުނު ބަދަލުތަކުގެ ތަފްސީލު ހާމަކުރިއިރު އޭގެތެރޭގައި ހިމެނެނީ ހެލްތު އެންޑް ސޯޝަލް ސެކްޓާގެ 63 ޖޮބް މެޓްރިކްސްއަކާއި ހެލްތު އެޑިއުކޭޝަންގައި ހިމެނޭ 2 ޖޮބް މެޓްރިކްސްއަކާއި ސޯޝަލް ސާވިސްގައި ހިމެނޭ 2 ޖޮބް މެޓްރިކްސްއެކެވެ. މީގެ ތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލުތަކުގެ 471 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 އަދި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ 1004 މުވައްޒަފުންނާއި ހުޅުމާޅެ ހޮސްޕިޓަލުގެ 298 މުވައްޒަފުން އަދި މިނިސްޓްރީ އޮފް ހެލްތާއި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ 452 މުވައްޒަފުންނެވެ.

ބޮޑެތި ރޭންކުތަކުން މުސާރައިގެ ކުރިއެރުން ލިބުނު މީހުންނަށް، 10،000 ރުފިޔާގެ ކުރިއެރުން ލިބިފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވަރަށް މަދު ބައެކެވެ. އަދި ދަށް ރޭންކުތަކަށް 2،000 ރުފިޔާ އާއި، 3،000 ރުފިޔާގެ މުސާރައިގެ ކުރިއެރުމެއް ލިބޭނެ އެވެ. އެހެންކަމުން، ގިނައީ މުސާރައަށް، 2،000 އާއި 3،000 ރުފިޔާގެ ގެ ކުރިއެރުން ލިބުނު މުވައްޒަފުންނެވެ.

ފުރތަމަ މުސާރަ ބޮޑުކުރި ޓީޗަރުންނާއި އެކު ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ ވެސް ބޮޑުވެގެން ދިޔައެވެ. ޕްރިންސިޕަލުންގެ މުސާރައަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އިލްމު އުގަންނައި ދިނުމުގައި ދަރިވަރުންގެ އަދަބާއި އަހްލާގާއި ތަރުބިއްޔަތުކޮށް ސްކޫލްގެ މާހައުލު އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް ޓީޗަރުން ކުރާ މަސައްކަތްތައް ނުހަނު ގިނަ ގުނައެވެ. ޓީޗަރުންގެ ތެރޭގައި ޑިގްރީ ފެންވަރުގެ ޓީޗަރުންނާއި ޑިޕްލޮމާ އަދި މާސްޓަރސް އިތުރުން ޕީއެޗްޑީ ފެންވަރުގެ ޓީޗަރުން ތިބިއިރު، ޓީޗަރުންގެ މުސާރަ އެންމެ އިންސާފުވެރިކޮށް ބޮޑު ކުރެވިފައިވާ ކަމަށް ގިނަ ޓީޗަރުން ގަބޫލު ނުކުރާ އެކި ސަބަބުތައް އެބަހުއްޓެވެ.

ޓީޗަރުންގެ މުސާރަ:

  • ރޭންކު 1 މުސާރަ 10،889 ރުފިޔާއިން 13،266 ރުފިއަށް (22 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކު 2 މުސާރަ 13،089 ރުފިޔާއިން 19،467 ރުފިޔާއަށް (50 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކު 3 މުސާރަ 15،135 ރުފިޔާއިން 20،895 ރުފިޔާއަށް ( 38 ޕަަަސެންޓްގެ ކުރިއެރުމެއް)

ޕްރިންސިޕަލުންގެ މުސާރަ:

  • ރޭންކް 1 : 16،000 ރުފިޔާއިން 30،000 ރުފިޔާއަށް (82 ޕަސެންޓްގެ ކުރިއެެރުމެއް)
  • ރޭންކް 2 : 20،000 ރުފިޔާއިން 33،000 ރުފިޔާއަށް (59 ޕަަަސެންޓްގެ ކުރިއެެރުމެއް)
  • ރޭންކް 3: 12،000 ރުފިޔާއިން އިން 20،000 ރުފިޔާއަށް (38 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ ރޭންކް 1: 13،000 ރުފިޔާއިން އިން 23،000 ރުފިޔާއަށް (78 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކް 2: 21،00 ރުފިޔާއިން 26،000 ރުފިޔާއަށް (55 ޕަަަސެންޓްގެ ކުރިއެރުމެއް)

އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ވިދާޅުވީ ލީޑިން ޓީޗަރުންނަށް މީގެ ކުރިން ދެމުން އައި 1000 ރުފިޔާގެ އެލަވަންސް ވެސް ދެ ގުނަ ބޮޑުކުރުމަށް ނިންމައިފައިވާ ކަމަށާއި މީގެ ފަހުން 2000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްވީ ފަރާތްތަކަށް އެކަށީގެންވާ މުސާރަ މިހާތަނަށް އެއްވެސް ވެރިކަމެއްގައި ދެވިފައިނުވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މި ސަރުކާރުން ޓީޗަރުންގެ މުސާރަ ބޮޑުކުރި ކުރުމަށް ގިނަ ބަޔަކު ތަރުހީބު ދިން ނަމަވެސް ބޮޑުކުރި އުސޫލު ކަމުނުދާ ބަޔަކުވެސް ހިމެނެއެވެ.

ސަރުކާރުގެ ޔުނިވަރސިޓީގެ އިސްވެރިންނާއި ޕްރިންސިޕަލުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކުގެ މުސާރަ ވަނީ ބޮޑު ކުރެވިފައެވެ.

ލެކްޗަރައިން ނާއި ޔުނިވަރސިޓީތަކުގެ އިސްވެރިންގެ މުސާރަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި

ޑީން: 30،000 ރުފިޔާއިން 38،000 ރުފިޔާއަށް

ރަޖިސްޓްރާ: 23000 ރުފިޔާއިން 42000 ރުފިޔާއަށް

ޑެޕިއުޓީ ވައިސް ޗާންސެލަރު: 39،000 ރުފިޔާއިން 48،000 ރުފިޔާއަށް

ވޮކޭޝަނަލް އެސޯސިއޭޓް ލެކްޗަރާ: 14،000 ރުފިޔާއިން 26،000 ރުފިޔާއަށް

ވޮކޭޝަނަލް ލެކްޗަރާ: 17،000 ރުފިޔާއިން 29،000 ރުފިޔާއަށް

ވޮކޭޝަނަލް ސީނިއާ ލެކްޗަރާ: 17،000 ރުފިޔާއިން 34،000 ރުފިޔާއަށް

ޔުނިވަރސިޓީތަކުގެ ލެކްޗަރައިންނާއި އިސްވެރިންގެ މުސާރަށް ގެނެވުނު މި ބަދަލާއެކު ޖުމްލަ 767 މީހުންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. އަދި އެކަމަށް، އަހަރެއްގެ މައްޗަށް 63 މިލިޔަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޓީޗަރުންނަށް ފަހު ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރީ މިހިނގާ 2023 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

ސިއްހީ ދާއިރާ އަށް ފަހުގައި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ފަހަރުގައި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުވާއިރުގައިވެސް އެއްވެސް ވަރަކަށް ދިރާސާ އެއް ކުރުމެއް ނެތި މުސާރަތައް ބޮޑުކޮށްފިނަމަ، އެ ދެ މުއައްސަސާގައި ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ސިފައިންނާއި ފުލުހުންނަކީ އާއްމު ގޮތެއްގައި ބޮޑެތި މުސާރަ ދޭ ދެ މުއައްސަސާއެވެ. މި ދެ މުއައްސަސާގެ އެންމެ މަތިން ފެށިގެން އެންމެ ދަށް އޮފިސަރުންގެ މުސާރަ އަބަދުވެސް އެހާ ބޮޑެވެ.

މި ދައުރު ނިމުމުގެ ކުރިން ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ބައެއް ފަރާތްތަކުން ބުނަމުންދަނީ މުސާރަތައް ބޮޑުކުރަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ދުވަސް ވަރާ ދިމާކޮށްކަމެވެ. ނަމަވެސް ރިޔާސީ ބަޔާނުގައި ވައުދުވެފައި ހުރި ކަންކަން ނިންމައި ހާސިލް ކުރުމަށް މަސައްކަތް ކޮށް އެކަންކަން ތަންފީޒް ކުރުމަކީ ދެވަނަ ދައުރެއް ހޯދުމަށް ބޭނުންވާއިރު ކުރަން ވަރަށް މުހިއްމު ކަމެކެވެ.

މުސާރަތައް ބޮޑުކުރިއިރު އެކަމުގެ ދިރާސާތައް ކުރާނެއެވެ. ނަމަވެސް އެންމެ އެދެވޭ އެކަށޭނެ ގޮތުގައި އެކަން ކުރެވިގެން ދިޔަ ކަމަށް ގަބޫލުކުރެވިފައިނުވަނީ އެކަމުގައި ހަމަހަމަ އުސޫލަކުން ކަން ކުރެވިފައި ނެތުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މާޒީގައި ދައުލަތުގެ އެކި ވުޒާރާގެ މުސާރަތައް ކޮންމެވެސް މިންވަރަކަށް ބޮޑުވެ ކުޑަވެސް ވެފައިވެއެވެ. ނަމަވެސް މިވެރިކަމުގައި މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ވަރަށްވެސް ފުރިހަމަކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ނަމަވެސް އިއުލާން ކުރެވިގެން ދިޔަ މުސާރަތަކުގެ ތަފްސީލަށް ނަޒަރު ހިންގާލާއިރު އެކަމުގައި ނާއުއްމީދާއި މާޔޫސްކަން ގެނުވިފައިވާތީ އެކަމުގެ ހިތްދަތިކަން އެތަކެއް ބަޔަކު ދަނީ ތަހައްމަލު ކުރަމުންނެވެ.

ބައެއް ފަރާތްތަކުން ބުނި ގޮތުގައި މުސާރަ ބޮޑުވި ނަމަވެސް ހިތްހަމަ ޖެހުމެއް ނެތީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާތީއެވެ.

ޕޭކޮމިޝަނުން ބުނީ އެބޭފުޅުން ތައްޔާރު ކުރަނީ މުސާރައިގެ އޮނިގަނޑު އެކަނި ކަމަށެވެ. ކަމާބެހޭ އެހެން އިދާރާތަކުން ބުނީ މުސާރަތައް ބޮޑުކުރީ ވަރަށް ގިނަ ދިރާސާތައް ކޮށް ބައްދަލުވުންތައް ބޭއްވުމަށް ފަހުގައި ކަމަށެވެ.

މި ސަރުކާރުން މުސާރައިގެ ހަމަހަމަކަން ގާއިމްކުރީ ވަރަށްވެސް ފުރިހަމައަށް އިންސާފުވެރިކަމާއެކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 71%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: