އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެނީ ޗާގޮސްގެ މައްސަލަ ހޫނުކުރުމަށް އެންމެ ގަދައަށް ވާހަކަ ދައްކާ އެންމެ ކުރީގައި މުޒާހަރާ ލީޑްކުރާ ބޭފުޅަކަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވީ ރިޔާސީ ޓިކެޓް ލިބޭނީ ޗާގޮސް މައްސަލައިގައި އެންމެ ގަދައަށް މަސައްކަތް ކުރާ މީހަކަށް ކަމަށް ހީކޮށް އެކަމަށް ފައިނަގާ ބޭފުޅުން ގިނަވާން ފަށާފައިވާ ކަމަށް ފާހަގަވާން ފަށައިފިކަމަށެވެ.
PPM ge Riyasee tiket dhenee Chagos massala hoonukurumah enme gadhayah vaahaka dhakkaa,enme kureegai muzahara lead kuraa beyfulhakah kamah gaboolu kurevi ekamah fai nangavaa beyfulhun ginavaakan faahagavaan fashaifi.
— Imran Abdulla (@ShimranAb) May 6, 2023
ޗާގޮސްގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމް އާއި އެމްޑީޕީގެ ފިކުރެއްގެ ދިރުމުގެ ފެކްޝަނާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމްގެ ފަރާތުން ދަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ. އެގޮތުން މިއަދު ހެނދުނު ފިކުރެއްގެ ދިރުމުގެ ފަރާތުން ޖުމްހޫރީ ޕާޓީއާއި އެކު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ އަމިއްލަފުޅު ރިސޯޓް ސަން އައިލެންޑްގައި ވަނީ ބައްދަލުުވުމެއް ބާއްވާފައެވެ. އަދި އިއްޔެ ހަވީރު ޗާގޮސްގެ މައްސަލައިގައި ޕީޕީއެމްގެ ފަރާތުން ޖުމްހޫރީ ޕާޓީއާއި ފިކުރެއްގެ ދިރުމުގެ ފަރާތުން މާގިރީގައި ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.
ދާދިފަހުން ޗާގޮސްގެ މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު އިސްވެ ހުންނަވައި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރާއި ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެބައްދަލުވުމުގައި އެ މައްސަލަ ސިޔާސީ ނުކޮށް ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރާނެ ކަމަށް މުނައްވަރު އަދި ޕާޓީތަކުގެ ފަރާތުން ބައިވެރިވި ބޭފުޅުން ވަނީ ބުނެފައެވެ.
ޗާގޮސްގެ މައްސަލައިގައި ވާދަވެރި ސިޔާސީ ޕާޓީތަކުން އެއްގަލަކަށް އަރައި މަޝްވަރާ ބައްދަލުވުންތައް ބާއްވާ ސަރުކާރުން ބޭނުންވި ގޮތަށް އިޓްލޮސް އިން ނިންމި ނިންމުމަށް ދަނީ ފާޑު ކިޔަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ އެ މައްސަލަ ރާއްޖެ ކޮޅަށް ނިމިގެންދިއުމަކީ ލިބުނު ބޮޑު ކާމިޔާބީ އެއް ކަމަށެވެ.
ރާއްޖޭގެ ސަރަހައްދީ އިން ކަންޑައެޅުމާއި ގުޅޭގޮތުން ކަނޑުގެ ގާނޫނާއި ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ބުނާއިރު ކަނޑުތަކާއި ބެހޭ މައްސަލައިގެ ޓްރައިބިއުނަލުގައި ޗާގޯސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ވޯޓު ދެނޭކަމަށް ހާމަކުރަން ޖެހުނީ ކޮން ސަބަބަކާއި ހުރެ ތޯ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.
ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް، އެ ނިންމުމުގެ ދިފާއުގައި ތަކުރާރުކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށް ބުނަމުން ދަނީ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.
މައްސަލައިގައި މާބޮޑެތި ވާހަކަތަކެއް ދެކެވިފައި ނުވަނީސް، ނުވަތަ ފެންމެތިވެ ބައިނަލްއަޣްވާމީ ގައުމުތަކުގެ މެދުގައި ބަހުސްއެއް އަދި ނެތް ވަގުތެއްގައި ދިވެހި ސަރުކާރުން މިފަދަ ސިޓީއެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވަން ޖެހުނު ސަބަބާއި މެދު ސުވާލު އުފެދެ އެވެ. އަދި ހާއްސަކޮށް ކުއްލި ގޮތަކަށް، ރައީސުލްޖުމްހޫރިއްޔާ ސިޓީއެއް ފޮނުވުމަށް ނިންމެވީ ކޮން ކަންތަކެއްގެ މައްޗަށް ބިނާކޮށް ދެކެވުނު ވާހަކައެއްގެ ތެރެއިންތޯ އާއި ސިޓީގައި ރާއްޖޭގެ ތައީދު ލިބޭނެކަމުގެ އިތުރަށް އެހެން މަޝްވަރާއަކަށް އެދިފައި ވޭތޯ ސަރުކާރުގެ އިސްވެރިންނާއި ސުވާލު ކުރެވުނެވެ.
އެކަމަކު ޖަވާބުގައި ސަރުކާރުން ބުނަމުން ދިޔައީ ދެ ގައުމެއްގެ އިސްވެރިންގެ ދެމެދު ބަދަލު ކުރެވޭ ސިޓީއާއި ލިޔެކިއުންތައް ހާމަ ނުކުރެވޭނެ ކަމަށެވެ. އަދި ސިޓީތައް އާއްމު ކުރުމަކީ އަމަލު ކުރެވޭނެ ގޮތެއް ނޫންކަމަށް ވަނީ ބުނެފަ އެވެ.

