ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ކުރިޔަށް ދިޔަ މައްސަލަ ނިމިގެންދިޔައީ ރާއްޖެއަށް ގެއްލުންވާގޮތަށްކަމަށް ބުނެ ކުރަމުން ދާ މަސައްކަތުގެ ތެރެއިން އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކޮށްފި އެވެ.
ރާއްޖެއިން އިންޓަނޭޝަނަލް ޓަރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ވަކާލާތު ކުރީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ގާނޫނާއި ހިލާފަށްކަމަށް ގިނަ ބަޔަކު ބުނެ އެވެ. ހާއްސަކޮށް ބަންޑާރަ ނައިބުކަން ކުރެއްވި ޑރ. މުހައްމަދު މުނައްވަރާއި އާޒިމާ ޝަކޫރު ވިދާޅުވެފައި ވަނީ ޗާގޮސްގެ މައްސަލައިގައި ކަނޑިގެ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލަ މުހިންމުވާ އެތައް ހާލަތެއް ހުރި ނަމަވެސް އޭގެތެރެއިން އެއްވެސް އިގްތިސާދީ އަދި އިޖްތިމާއީ ހާލަތެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. ރާއްޖެއަށް ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީ އެ ސަބަބާއި ހުރެކަމަށް އާޒިމާ ވިދާޅުވި އެވެ.
މި މައްސަލައިގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން، ޖުމްހޫރީ ޕާޓީ، އެމްއާރުއެމް، އުމަރު ނަސީރުގެ ޓީމު ދަނީ އެކުގައި މަސައްކަތް ކުރަމުންނެވެ. އަދި އެކި ބައްދަލުވުންތައް ބާއްވަމުންދާއިރު އެންމެ ފަހުން ބޭއްވި ޕްރެސްކޮންފަރެންސްގައި ހުރިހާ ބޭފުޅުން ވެސް ޕެނަލްއެއްގެ ގޮތުގައި ބައިވެރިވި އެވެ.
މަޝްވަރާތައް ފެށިގެން ކުރިޔަށްދާއިރު، މީގެ ކުރިން ސީދާ ބައްދަލުވުންތަކުގައި ރައީސް ނަޝީދު ފެނިފައިނުވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ވަނީ ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ އާއި، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއި ބައްދަލު ކުރައްވާފަ އެވެ. ރައީސް ނަޝީދާއި އެކު މި ބައްދަލުވުމުގައި ފިކުރެއްގެ ދިރުން ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
https://twitter.com/Banafsaa/status/1655460138441125888/photo/1
އިދިކޮޅުން ބުނިގޮތުގައި މިއީ ޗާގޮސްގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ކުރިޔަށް ގެންދާ މަޝްވަރާތަކުގެ ތެރެއިން ކުރިޔަށް ގެންދިޔަ ބައްދަލުވުމެވެ. އަދި ރައީސް ނަޝީދާއި ބައްދަލުކޮށްފައި ވަނީ އެ މަސައްކަތުގެ ތެރެއިންކަމަށް ބުންޏެވެ.
ޗާގޮސްގެ މައްސަލައިގައި ސަރުކާރުން ގޯސްހަދާފައިވާކަން، ރައީސް ނަޝީދު ވެސް ގަބޫލު ކުރައްވާކަމަށާއި އެހެންކަމުން އެމަނިކުފާނު ވެސް ބޭނުންފުޅުވަނީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް މިކަން ނިމިގެންދިއުންކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދު ވަނީ ޗާގޮސްގެ މައްސަލަ ނިމި، ހުކުމް ކުރި ދުވަހު ވެސް ޓުވީޓެއް ކުރައްވައި އެ ނިންމުން ގޯސްކަމަށް ވިދާޅުވެފަ އެވެ. އަދި ކުރީގެ ބަންޑާރަ ނައިބުންނާއި ސިޔާސީ ޕާޓީތައް ހިމެނޭހެން ބޭއްވި ޕްރެސްކޮންފަރެންސަށް ތައުރީފު ކުރައްވާފައި ވެއެވެ.
ޗާގޮސް އާއި ރާއްޖެ ދެމެދު އިން ކަނޑައެޅުމަށް އިޓްލޮސްގައި ކުރިޔަށް ގެންދިޔަ މައްސަލައިގައި އިޓްލޮސްއިން ނިމިދިޔަ ހަފްތާގެ ތެރޭގައި ނިންމާފައި ވަނީ ފުށުއަރާކަމަށް މޮރިޝަސްއިން ބުނާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ދެ ގައުމުގެ ދެމެދު ބަހާލުމަށެވެ.
އެގޮތަށް ބަހާލުމުން ރައްޖޭގެ މަސްވެރިން މީގެ ކުރިން، މަސްވެރިކަން ކުރުމަށް ނިކުމެ އުޅުނު ބޮޑު ސަރަހައްދެއް ގެއްލިގެން ގޮސްފައިވާކަމަށް ދާއިރާގެ ބޭފުޅުން ގަބޫލު ކުރެ އެވެ.

