ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި، ކޮންމެ ދުވަހެއް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހޭދަ ކުރެއްވީ އިންޑިއާގެ ވަކީލެއްގެ ގޮތުގައިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު އިންތިހާއަށް އެބައޮތްކަމަށް ބުނެ، އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުފުލަނީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުންނެވެ. ގޮތް ނޭނގޭ އެއްބަސްވުންތަކެއްގެ ދަށުން ރާއްޖޭގައި ދިގު މުއްދަތަކަށް ހަތިޔާރާއި އެކު އިންޑިއާ ސިފައިންނަށް ތިބުމުގެ ފުރުސަތު ލިބުމާއި އަދި އެ ނޫން ވެސް ހާއްސަ އިނާޔަތްތަކެއް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ކުރާ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ.
ހާރިޖީ ސިޔާސަތުތަކުގެ ދަށުން، މި ސަރުކާރުން އަބަދުވެސް އިސްކަން ދެމުން ދަނީ އިންޑިއާ ކަނޑުގެ ހަމަޖެއުންކަމަށާއި، އިންޑިއާއަކީ އެންމެ ގާތް ގައުމުކަމަށް ފާހަގަކޮށް ރައީސް ސޯލިހު ވެސް ވާހަކަ ދައްކަވަ އެވެ. ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިޔަށް ގެންދާ އިންޑިއަން އޯޝަން ކޮންފަރެންސްގައި ނައިބު ރައީސް ފައިސަލް އެކަމަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ސައީދު ވިދާޅުވީ އެއީ ވަރަށް ބޮޑު އިއުތިރާފެއްކަމަށެވެ. އަދި ރައީސް ކޮންމެ ދުވަހެއް ވެސް ހޭދަ ކުރައްވަނީ އިންޑިއާގެ ވަކީލެއްގެ ގޮތުގައިކަމަށް ސައީދު ވިދާޅުވި އެވެ.
ނ.ރައީސްގެ މިއިއުތިރާފަކީ ވ.ބޮޑުތެދެެއް. ރައީސްގެ ކޮއްމެދުވަހެއް ހޭދަކުރީ އިންޑިއާގެ ވަކީލެއްގެގޮތުގައި. މައްސަލައަކީ ދިވެހިކަނޑު ރައީސްއަށް ނުފެނުން. އަދި ދިވެހިންގެ މަސަލަހަތު އިސްކުރުމުގައި ދައުލަށް އިޙްމާލުވުން. https://t.co/oj6TaT33Hg
— Mohamed Saeed (@em_saeed) May 13, 2023
ސައީދު ވިދާޅުވީ ދިމާވާ މައްސަލައަކީ، ރައީސް ސޯލިހަށް ދިވެހި ކަނޑު ނުފެނުން ކަމަށެވެ. އަދި ދިވެހިންގެ މަސްލަހަތު އިސް ކުރުމުގައި އިހުމާލުވުން ކަމަށެވެ.
އިންޑިއާއާއި ދެކޮޅަށް އިދިކޮޅުން ބޮޑު ކެމްޕެއިނެއް ފެށުމުން، ސަރުކާރުން ވަނީ ހާއްސަ ގަރާރެއްގެ ދަށުން އިންޑިއާ އައުޓްގެ އެއްވުންތަކަކީ ނަފްރަތު އުފެއްދުމުގެ ހަރަކާތެއްކަމަށް ކަނޑައަޅައި އެކަމުގައި ބައިވެރިވާ މީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް އިދާރާތަކަށް އަންގާފަ އެވެ.
ގަރާރާއި އެކު ސީދާ އެނަމުގައި ހިންގި ހަރަކާތްތަކަށް މަޑުޖެހުމެއް އައި ނަމަވެސް ރާއްޖެއަށް އިންޑިއާގެ ނުފޫޒު އެބައޮތްކަމަށް ބުނެ އުފުލާ އަޑުތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

