ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ދެ ވަނަ ދައުރު މިމަހުގެ 18 ވަނަ ދުވަހު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މި ހަފްތާގައި ފެށުމަށް ނިންމާފައިވާކަން މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް މިމަހުގެ 18 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ރައްހޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދުއުރު ނިންމާ މަޖިލިސް ދެ ހަފްތާގެ ޗުއްޓީއަކަށް ދިޔައީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ދެ ވަނަ ދައުރުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ބަންޑާރަނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އަދި މިހަފްތާ ތެރޭގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށުޅުމުގެ މަސައްކަތް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހެއްކާއި ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުގެ ބިލުގެ މަސައްކަތާއި ޓެކްސް ބޮޑުކުރުމާއި ބެހޭ ބިލުގެ މަސައްކަތުގެ އިތުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ގެ މަސައްކަތް ހިމެނެއެވެ.

މަޖިލީހުގައި ޖުމްލަ 42 ބިލުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެގޮތުން ކުރީ ދައުރުގެ 29 ބިލާއި، މި ދައުރުގައި ހުށަހެޅި 13 ބިލު ހިމެނެއެވެ. އޭގެ ތެރެއިން 25 ބިލުގެ މަސައްކަތް މަޖިލީހުން ނިންމާފައިވާއިރު 17 ބިލުގެ މަސައްކަތް އަދި ނުނިމެއެވެ.

މިދައުރުގައި މަޖިލީހުން 13 ގަރާރެއްގެ މަސައްކަތްކޮށް، ހަ ގަރާރެއްގެ މަސައްކަތް ނިންމާފައިވާއިރު ސަރުކާރުން ހުށަހެޅި 10 މައްސަލައެއްގެ މަސައްކަތް ވަނީ ކޮށްފައެވެ. އޭގެ އިތުރުން ރިޔާސަތުން ހުށަހެޅި ހަ މައްސަލައިގެ ތެރެއިން ހަތަރު މަސައްކަތް ވަނީ ނިންމާފައެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅުގެ ފަރާތުން އެންމެ ބޮޑަށް ފާހަގަ ކުރި އެއްކަމަކީ ހުށައަޅާ ގަރާރު ތަކާއި ކުއްލި މައްސަލަތައް އެޖެންޑާ ނުކޮށް ބޭރުކޮށްލާ ވާހަކައެވެ. އެގޮތުން އިދިކޮޅުން ހުށައެޅި ބައެއް މުހިއްމު ބިލްތައް މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލާފައިވަނީ ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތުމުން އެފަދަ ކަންކަމުގައި ބަހުސް ކުރުމަށް ނުފެންނާތީ ކަމަށް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ.

އިދިކޮޅުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގު ޖޭއެސްސީ އަށް އިސްލާހު ގެނައުމަށް ދެފަހަރެއްގެ މަތިން މަޖިލީހަށް ހުށަހެޅުމުންވެސް ވަނީ ބޭރުކޮށްލާފައެވެ.

މަޖިލީހުގައި ބިލްތަކަށް ބަހުސް ކުރިއިރު އެމްޑީޕީގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ޕާޓީގެ އެތެރޭގެ މައްސަލަ ތަކުގެ ވާހަކަ ދެކެވުނު މަންޒަރެވެ. އެގޮތުން އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު މަޖިލީހުގެ ތެރޭގައި އެއް ބަޔަކު އަނެއް ބަޔަކަށް ދިޔައީ ބަހުގެ ހަމަލާ ބަދަލު ކުރަމުންނެވެ. އެގޮތުން އެއް މެމްބަރަކު އަނެއް މެމްބަރުންނަށް ތުހުމަތު ކުރެވިފައިވެއެވެ. މެމްބަރުން އެކަކު އަނެކަކަށް ކުރާ ތުހުމަތު ތަކުގެ ތެރޭގައި ސަރުކާރުގެ ޕްރޮޖެކްޓް ތައް ހޯދުމުގައި ވަޒީރުންނާއި ގުޅިގެން މަސައްކަތް ކުރުމާއި މަޖިލިސްގެ ރިޔާސަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންނަވައި މަޖިލިސް މެމްބަރުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭ ކަމުގެ ވާހަކަ ހިމެނެއެވެ.

މީގެ އިތުރުން މަޖިލީހުގައި އެމްޑީޕީގެ ބައެއް މެމްބަރުން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އާ ގުޅިގެން މަސައްކަތް ތަކެއް ކުރާ ކަމުގެ ތުހުމަތު ކުރެވިފައިވަނީ ޓެކްސްގެ ބިލް ފާސްކުރުމާއި ދެކޮޅަށް ބައެއް އެމްޑީޕީ މެމްބަރުން ވޯޓް ދީފައިވާތީ އެވެ. ޓެކްސްގެ ބިލަށް ވޯޓް ނުދިން މެމްބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް މީގެ ކުރިން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: